Roadha Mihaaru
"އިންޑިއާ- ޗައިނާ ދޫކޮށްލައިގެން ދެކޮޅެއް ނުޖެއްސޭނެ"

އިންޑިއާ އާއި ޗައިނާ ދޫކޮށްލައިގެން ރާއްޖެ އަށް ދެކޮޅެއް ނުޖެއްސޭނެ: ސަފީރު

23 މާޗް 2018

އިންޑިއާ އާއި ޗައިނާ އަކީ ރާއްޖެ އަށް އެއްވަރަކަށް މުހިންމު ދެ ގައުމު ކަމަށާއި އެއިން އެއްވެސް ގައުމެއް ދޫކޮށްލައިގެން ދެކޮޅު ނުޖެއްސޭނެ ކަމަށް ޗައިނާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

އިންޑިއާ އާއި ޗައިނާ އަކީ ރާއްޖެ އަށް އެއްވަރަކަށް މުހިންމު ދެ ގައުމު ކަމަށާއި އެއިން އެއްވެސް ގައުމެއް ދޫކޮށްލައިގެން ދެކޮޅު ނުޖެއްސޭނެ ކަމަށް ޗައިނާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ދެކުނު އޭޝިއާ ސަރަހައްދުގައި ޗައިނާގެ ނުފޫޒު އިގްތިސޯދީ ގޮތުން ގަދަވާތީ ރާއްޖެއާ އަވައްޓެރި އިންޑިއާ އިން ދަނީ އެކަމާ ދެކޮޅު ހަދައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޗައިނާގެ "ސައުތު ޗައިނާ މޯނިން ޕޯސްޓް" އަށް ދެއްވި އިންޓަވިއުއެއްގައި މި މައްސަލައާ ބެހޭ ގޮތުން ސުވާލު ކުރުމުން ސަފީރު ފައިސަލް ވިދާޅުވީ، ރާއްޖެ އިން އެއްވެސް ކޮޅެއް ނުނަގާނެ ކަމަށެވެ. އެއީ ރާއްޖެއާ އެކު އިންޑިއާ އާއި ޗައިނާ އިން ބާއްވާ ގުޅުން ކެނޑިއްޖެ ނަމަ، އެއީ ރާއްޖެ އަށް ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމަކަށް ވާނެތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވަރަށް ގިނަ މަޝްރޫއުތައް އިންޑިއާ އަށް ދިނިން. އެކަމަކު އަޅުގަނޑުމެން ބޭނުންވި މިންވަރަށް ފައިސާ ހަމަޖައްސައެއް ނުދެވުނު،" ފައިސަލް ވިދާޅުވި އެވެ.

"ޗައިނާ އަކީ އަޅުގަނޑުމެންނަށް ގެއްލިފައި އޮތް ދެ ބެއިންގެ ދެދަރި ފަދަ ބައެއް. އަޅުގަނޑުމެން މިވަނީ އަލުން އެ މީހުން ހޯދިފައި."

ޗައިނާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ފައިސަލް ސައުތު ޗައިނާ މޯނިން ޕޯސްޓަށް އިންޓަވިއު ދެއްވަނީ.--- ފޮޓޯ: ސައުތު ޗައިނާ މޯނިން ޕޯސްޓް

ޗައިނާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ފައިސަލް ސައުތު ޗައިނާ މޯނިން ޕޯސްޓަށް އިންޓަވިއު ދެއްވަނީ.--- ފޮޓޯ: ސައުތު ޗައިނާ މޯނިން ޕޯސްޓް

ފައިސަލް، އިންޑިއާ ސިފަކުރެއްވީ އެއްބަނޑު އެއްބަފާ ބޭބެއެއް ފަދަ ބައެއްގެ ގޮތުގަ އެވެ. އަދި ވިދާޅުވީ ރާއްޖެ އާއި އިންޑިއާ އަކީ އެއް އާއިލާއެއް ފަދަ ދެ ގައުމު ކަމަށާއި ދެ ގައުމުގެ މެދުގައި އެއްބަސް ނުވެވޭ ކަންތައްތަކެއް ވެސް ހުންނާނެ ކަމަށެވެ.

"އެކަމަކު އަޅުގަނޑުމެންނަށް އިށީނދެ ތިބެ އެ ކަމަށް ހައްލެއް ހޯދޭނެ،" އޭނާ ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވި ގޮތުގައި، ރާއްޖެ އިން ޗައިނާއާ އެކު ގުޅުން ބަދަހި ކުރަނީ އެހެން ގައުމުތަކުން ވެސް ބަލައިގަނެފައިވާ އުސޫލުގެ ތެރެއިންނެވެ،

"އެ އުސޫލު މިއަދު ދުނިޔެ ވަނީ ބަލައިގެންފައި. އިގްތިސާދީ ގޮތުން ޗައިނާ ދުނިޔޭގެ ބާރަކަށް ވަމުން އަންނަ ގޮތް މުޅި ދުނިޔެ ދަނީ ބަލަމުން. ޗައިނާ އިން ދަނީ ދަރަނި އިތުރުކޮށް ރާއްޖޭގެ ބިމަށް ވެރިވެގަންނަމުން ކަމަށް ބުނެ، އަޅުގަނޑުމެންނަށް ވެސް ގޮންޖެހުންތަކަކާ އެބަ ކުރިމަތިވޭ. އެކަމަކު އިންޑިއާ އާއި އެމެރިކާއާ އެކު އެ މަސައްކަތްތައް ކުރާ ނަމަ އެގޮތަށް ވާހަކައެއް ނުދައްކާނެ،" ރާއްޖެ-ޗައިނާގެ ގުޅުން ބަދަހިވާތީ އަންނަ ފާޑުކިޔުންތަކާ ގުޅޭ ގޮތުން ފައިސަލް ވިދާޅުވި އެވެ.

މާލެ-ހުޅުލެ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަނީ: މިއީ ވެސް ޗައިނާގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު ރައީސް ޔާމީންގެ ސަރުކާރުން ފަށާފައިވާ ބޮޑު މަޝްރޫއެއް.

މާލެ-ހުޅުލެ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަނީ: މިއީ ވެސް ޗައިނާގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު ރައީސް ޔާމީންގެ ސަރުކާރުން ފަށާފައިވާ ބޮޑު މަޝްރޫއެއް.

"ސައުތު ޗައިނާ މޯނިން ޕޯސްޓް" ގައި ބުނެފައި ވަނީ ޗައިނާގެ ރައީސް ޝީޖިން ޕިން 2014 ވަނަ އަހަރު ރާއްޖެ އަށް ފުރަތަމަ ފަހަރަށް ވަޑައިގެންނެވި ފަހުން، އެ ގައުމުގެ އިންވެސްޓްމެންޓުތަައް ރާއްޖޭގައި ވަރަށް ބޮޑަށް އިތުރު ވެފައިވާ ކަމަށެވެ. އެގޮތުން މާލެ އާއި ހުޅުމާލެއާ ދެމެދު އަޅާ ބްރިޖާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އިތުރުން ސޯޝަލް ހައުސިން މަޝްރޫއުތަކާއި ރިސޯޓުތައް ހެދުން ވެސް ފާހަގަކޮށްފައި ވެ އެވެ.

ސައުތު ޗައިނާ މޯނިން ޕޯސްޓްގައި އެހެން ބުނެފައި ވީ ނަމަވެސް ސަފީރު ފައިސަލް ވިދާޅުވި ގޮތުގައި ރާއްޖެ އަށް ޗައިނާގެ ވިޔަފާރިތައް އަންނަނީ ވަރަށް ލަސްލަހުންނެވެ.

"މިވަގުތު ވެސް ޓޫރިޒަމް ދާއިރާގައި އޮތީ ޗައިނާގެ އެންމެ ހަތް އިންވެސްޓްމަންޓް. ޗައިނާ ފަދަ ގާބިލް ގައުމަކަށް ބަލާއިރު އެއީ ވަރަށް މަދު އަދަދެއް. އެ އަށް ވުރެ އިތުރުވާން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖެ-ޗައިނާގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެ، ރާއްޖޭގެ ތަރައްގީގެ ބައެއް ކަންކަމަށް އެ ގައުމުން އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް ރާއްޖެ-އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމުގެ އަޑުތައް ފެތުރިފައިވާތާ ކިތަންމެ ދުވަހެކެވެ. އަދި ޗައިނާއާ ޚިލާފަށް ރާއްޖޭގެ އެތެރޭގެ ސިޔާސީ މައްސަލަތަކާ ފަހަކަށް އައިސް އިންޑިއާ އިން ބެހި، ގޮތް ކިޔަމުން ދާތީ ދިވެހި ސަރުކާރުގެ ބައެއް އިސް އޮފިޝަލުންގެ ނުރުހުން ވެސް އިންޑިއާ އަށް ވަނީ އަމާޒުވެފަ އެވެ.

އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އަހުމަދު މުހައްމަދު ވެސް ދާދި ފަހުން ވިދާޅުވެފައި ވަނީ ރާއްޖެ އާއި އިންޑިއާގެ ގުޅުން ކުޑަވީ ފަހަކަށް އައިސް ދިމާވި މައްސަލަތަކުގައި މަޝްވަރާ ކުރުން މަދުވުމުން ކަމަށެވެ. އަދި ރާއްޖޭގެ މަތީ ފަންތީގެ ބޭފުޅުން އިންޑިއާ އަށް ޒިޔާރަތް ކުރެއްވި ނަމަވެސް އެއާ އެއްގޮތަށް އިންޑިއާގެ އޮފިޝަލުން ރާއްޖެ ވަޑައިނުގަންނަވާ ކަމަށާއި އެއީ ވެސް ދެ ގައުމުގެ ގުޅުން ހީނަރުވި ސަބަބެއް ކަމަށް އަހުމަދު ވިދާޅުވެފައި ވެ އެވެ.