Roadha Mihaaru
ދޯނީގެ ކެޕްޓަން ކަމުގައި ޗެންނާއީ މޮޅުވުމުގެ ޓްރެކަށް

އެމްއެސް ދޯނީ ކެޕްޓަންކަމާ ހަވާލުވެ ޗެންނާއީ މޮޅުވުމުގެ ޓްރެކަށް ގެންގޮސްދީފި

02 މެއި 2022

ޕޫނޭ (މެއި 2) - ޗެންނާއީ ސުޕަ ކިންގްސް (ސީއެސްކޭ) ގެ ކެޕްޓަންކަމާ އަލުން ހަވާލުވެ މަހެންދުރަ ސިންގް ދޯނީ، ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން ސަންރައިޒާސް ހައިދަރުއާބާދާ ވާދަކޮށް މޮޅު ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޕޫނޭ (މެއި 2) - ޗެންނާއީ ސުޕަ ކިންގްސް (ސީއެސްކޭ) ގެ ކެޕްޓަންކަމާ އަލުން ހަވާލުވެ މަހެންދުރަ ސިންގް ދޯނީ، ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން ސަންރައިޒާސް ހައިދަރުއާބާދާ ވާދަކޮށް މޮޅު ވެއްޖެ އެވެ.

މިރޭގެ މެޗަކީ ސީއެސްކޭ އިން މިއަހަރު ލީގުގައި ކުޅުނު ނުވަ މެޗުގެ ތެރެއިން. އެޓީމު މޮޅުވި ތިންވަނަ މެޗެވެ.

ހައިދަރުއާބާދަށް ޓޮސް ދިމާ ވުމުން ސީއެސްކޭ އަށް ފުރަތަަމަ އަރަން ޖެހުނީ ކުޅޭށެވެ. ސީއެސްކޭ އިން ވަނީ 20 އޯވަރު ތެރޭގައި ދެ ކުޅުންތެރިން ނުބައި ވެގެން 202 ލަނޑު ހަދައިފަ އެވެ. އެޓީމުގެ އޯޕަނިން ބެޓްސްމަން ރުތުރާޖް ގައިކްވާޑް ވަނީ 57 ބޯޅައިން 99 ލަނޑު ހަދައިފަ އެވެ.

ގައިކްވާޑް ނުބައިވީ 18 ވަނަ އޯވަރުގައި އެންމެ ބޯޅައަކަށް ވެފައި ވަނިކޮށެވެ. މިއީ ސީއެސްކޭ އަށް މެޗުގައި ގެއްލުނު ފުރަތަމަ ވިކެޓެވެ. އޭރު އެޓީމުން ވަނީ 182 ލަނޑު ހަދައިފަ އެވެ. އަދި ގައިކްވާޑާ އެކު އޯޕަނިންގައި ނުކުތް ނިއުޒިލެންޑުގެ ޑިވޯން ކޮންވޭ ވަނީ ނުބައި ނުވެ 55 ބޯޅައިން 85 ލަނޑު ހަދައިފަ އެވެ.

ޖަވާބުގައި ހައިދަރުއާބާދުން ކުޅެން އަރައި 20 އޯވަރުން ހަ ކުޅުންތެރިން ނުބައިވެގެން އެޓީމަށް ހެދުނީ 189 ލަނޑެވެ. އެޓީމުގެ ވެސްޓް އިންޑީސްގެ ވިކެޓްކީޕާ ބެޓްސްމަން ނިކޮލަސް ޕޫރަން ވަނީ ނުބައި ނުވެ 33 ބޯޅައިން 64 ލަނޑު ހަދައިފަ އެވެ. ސީއެސްކޭގެ މުކޭޝް ޗޯދަރީ ވަނީ މި މެޗުގައި ހަތަރު ވިކެޓު ނަގައިފަ އެވެ.

މިއަހަރުގެ ލީގު ފެށުނުއިރު ސީއެސްކޭގެ ޒަމާންވީ ކެޕްޓަން އެމްއެސް ދޯނީ، 40، ކެޕްޓަން ބޭންޑް ދޫކޮށްލުމާ އެކު އެމަގާމު ހަވާލުކުރީ އޯލްރައުންޑާ ރަވިންދްރަ ޖަޑޭޖާ އަށެވެ. ނަމަވެސް ފުރަތަމަ އަށް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ސީއެސްކޭ އިން ނެރުނު ދަށް ނަތީޖާތަކާ އެކު ޖަޑޭޖާ ވަނީ ކެޕްޓަންކަން ދޫކޮށްލައި، އަލުން ދޯނީ އަށް މަގާމު ހަވާލު ކޮށްފަ އެވެ.

އަލުން ދޯނީގެ ކެޕްޓަންކަމާ އެކު ސީއެސްކޭ އިން 13 ލަނޑުން ހައިދަރުއާބާދު ބަލިކުރުމަށް ފަހު، ދޯނީ ބުނީ މެޗުން މޮޅުވީ ކެޕްޓަން ބަދަލުކުރުމުން ނޫން ކަމާއި، މޮޅުވީ ފުރަތަމަ ކުޅެން އަރައި ރަނގަޅު ސްކޯ އެއް ކުރެވުމުން ކަމަށެވެ.

"ފެށުމުގައި ރަނގަޅު ސްކޯއެއް ލިބުނީ. އަހަރެން ތަފާތު ކަމެއް ނުކުރަން، ކެޕްޓަން ބަދަލުކޮށްގެން ވީ މޮޅެއް ނޫން މީކީ. އަހަރެމެން ކުޅެން އަރައި އެމީހުނަށް ދިން ޓާގެޓް ސްކޯ އަކީ ދިފާއު ކުރަން ބަލާއިރު ރަނގަޅު ސްކޯ އެއް. އެހެންވެ ފަހު އިނިންސް ގައި ބޯލިން ގައި ފަރުވާ ބަހައްޓަން ޖެހުނީ،" މެޗަށް ފަހު ކެޕްޓާން ދޯނީ ބުންޏެވެ.

މި މޮޅާ އެކު ވެސް ސީއެސްކޭ އޮތީ މަގާމަށް ބަދަލެއް ނައިސް، 10 ޓީމު ވާދަކުރާ ލީގުގެ ނުވަ ވަނައިގަ އެވެ.