Roadha Mihaaru
އައިޕީއެލް ފެށި މެޗުން ދޯނީގެ ޗެންނާއީ މޮޅުވެއްޖެ

އައިޕީއެލް ފެށި މެޗުން ދޯނީގެ ޗެންނާއީ މޮޅުވެއްޖެ

20 ސެޕްޓެމްބަރ 2020

އަބޫ ދާބީ (ސެޕްޓެމްބަރު 20) – މި އަހަރުގެ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ކްރިކެޓް މުބާރާތުގެ ފުރަތަމަ މެޗުން މުމްބާއީ އިންޑިއަންސް އަތުން ފަސް ވިކެޓުން އެމްއެސް ދޯނީގެ ޗެންނާއީ ސުޕަ ކިންގްސް މޮޅުވެއްޖެ އެވެ.

އަބޫ ދާބީ (ސެޕްޓެމްބަރު 20) – މި އަހަރުގެ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ކްރިކެޓް މުބާރާތުގެ ފުރަތަމަ މެޗުން މުމްބާއީ އިންޑިއަންސް އަތުން ފަސް ވިކެޓުން އެމްއެސް ދޯނީގެ ޗެންނާއީ ސުޕަ ކިންގްސް މޮޅުވެއްޖެ އެވެ.

މި މުބާރާތް މި ބާއްވަނީ އިންޑިއާ އިން ބޭރުގައި، ޔޫއޭއީ ގައި ސަޕޯޓަރުން ނުވައްދަ އެވެ. މާޗު މަހު ބާއްވަން ތާވަލުކުރި މުބާރާތް ކޮވިޑް-19 ގެ ސަބަބުން ފަސްކުރުމަށް ފަހު، އެންމެ ފަހުން ޔޫއޭއީގައި ބާއްވަން ނިންމީ ކޮވިޑުގެ ހާލަތުގެ ސަބަބުން އިންޑިއާގައި ބޭއްވެން ނެތުމުންނެވެ.

ރޭގެ މެޗަކީ ދާދި ފަހުން ބައިނަލްއަގްވާމީ ކްރިކެޓުން ރިޓަޔާކުރި އިންޑިއާގެ ލެޖެންޑް ދޯނީ އޭގެ ފަހުން ކުޅުނު ފުރަތަމަ މެޗެވެ. ވިކެޓް ކީޕަރު އެންމެ ފަހުން އަރައި ނުބައިނުވެ ނިންމާލީ ދެ ބޯޅައިން ލަނޑެއް ނެހެދި އެވެ.

އަބޫ ދާބީގެ ޝެއިޚް ޒައިދު ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ޓޮސް ދިމާވުމުން ޗެންނާއީން ގަސްދުކުރީ ހޮވާށެވެ. އިންޑިއާގެ ކްރިކެޓުގެ ހިތް ކަމަށްވާ މުމްބާއީ އަށް ނިސްބަތްވާ މުމްބާއީ އިންޑިއަންސް އިން 20 އޯވަރުގެ ތެރޭ ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 162 ލަނޑެވެ.

އެންމެ ރަނގަޅަށް ކުޅުނީ 31 ބޯޅައިން 42 ލަނޑު ހެދި ސޯރަބް ތިވާރީ އާއި 20 ބޯޅައިން 33 ލަނޑު ހެދި ދެކުނު އެފްރިކާގެ ކިންޓޮން ޑި ކޮކް އެވެ. މުމްބާއީގެ އޯޕަނިން ބެޓްސްމަން އަދި ކެޕްޓަން ރޯހިތު ޝަރްމާގެ ފެށުން ރަނގަޅުވީ ނަމަވެސް ހެދުނީ 10 ބޯޅައިން 12 ލަނޑެވެ.

ޖަވާބުގައި ޗެންނާއީ އަރާ 20 އޯވަރުގެ ތެރޭ ފަސް ކުޅުންތެރިން ނުބައިވެގެން 166 ލަނޑު ހެދި އެވެ. ޗެންނާއީން އެންމެ ރަނގަޅަށް ކުޅުނީ 44 ބޯޅައިން 71 ލަނޑު ހެދި އަމްބަތީ ރަޔަޑޫ އާއި ނުބައިނުވެ 44 ބޯޅައިން 58 ލަނޑު ހަދައި އަދި ތިން ކުޅުންތެރިން ނުބައިކޮށްލި ދެކުނު އެފްރިކާގެ ފަފް ޑު ޕްލެސިސް އެވެ.