Roadha Mihaaru
ފަތިސް 05:05
އިރުއަރާ 06:19
މެންދުރު 12:23
އަސްރު 15:42
މަގްރިބް 18:19
ޢިޝާ 19:34
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ޑައިވިންއަށް ފޭބި މަހުމޫދުގެ ހާލު ގޯސް، މާލެ ގެންނަނީ

ޑައިވިންއަށް ފޭބި މަހުމޫދުގެ ހާލު އަދިވެސް ގޯސް، މާލެ ގެންނަން ނިންމައިފި

03 މެއި 2022

ފުވައްމުލަކުގައި ޑައިވިން އަށް ފައިބައިގެން އުޅެނިކޮށް އިއްޔެ ހަވީރު އެކަކު ގެއްލިފައިވާއިރު، ހާލު ގޯސްވެގެން، ހާއްސަ އޮކްސިޖަން ތެރަޕީ ދޭ ޗެމްބަރުގައި ފަރުވާ ހޯދާ ޒުވާނާ އަދިވެސް ރަނގަޅު ނުވާތީ އިތުރު ފަރުވާ އަށް މާލެ ގެންނަން ނިންމައިފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ފުވައްމުލަކުގައި ޑައިވިން އަށް ފައިބައިގެން އުޅެނިކޮށް އިއްޔެ ހަވީރު އެކަކު ގެއްލިފައިވާއިރު، ހާލު ގޯސްވެގެން، ހާއްސަ އޮކްސިޖަން ތެރަޕީ ދޭ ޗެމްބަރުގައި ފަރުވާ ހޯދާ ޒުވާނާ އަދިވެސް ރަނގަޅު ނުވާތީ އިތުރު ފަރުވާ އަށް މާލެ ގެންނަން ނިންމައިފި އެވެ.

މި ހާދިސާގައި ގެއްލިގެން ހޯދަނީ ފުވައްމުލަކު ނީމޯ، މުހައްމަދު ސައީދު 44، އެވެ. އޭނާއާއެކު ދެން ޑައިވިން އަށް ދިޔައީ އުމުރުން އެންމެ 18 އަހަރުގެ ޒުވާނެއް ކަމަށްވާ މަހުމޫދު ފާއިޒެވެ.

ފުވައްމުލަކު ޑޭޒީވިލާ މަހުމޫދުގެ އާއިލާ އިން ވާހަކަ ދެއްކި މީހަކު މިރޭ ބުނީ، ދ. ކަނޑިންމަ ރިސޯޓުގައި ހުންނަ ޗެމްބަރުގައި ހަ ގަޑިއިރުގެ ޓްރީޓްމަންޓެއް މިހާތަނަށް ނަގާފައިވީ ނަމަވެސް ހާލު ރަނގަޅު ނުވި ކަމަށެވެ.

"ދެވަނަ ޓްރީޓްމަންޓެއް މިއަދު ހަވީރު ފަށާފައި ވަކި ހިސާބަކުން މެދުކަނޑައިލަން ޖެހުނީ ކުރިއަށް ނުގެންދެވިގެން. މިހާރު ޑޮކްޓަރުން ލަފާދެނީ ވީހާ އަވަހަކަށް މާލެ ގެނެސް އިތުރު ފަރުވާ ދޭން. ނިއުރޯގެ ޑޮކްޓަރަކަށް ދެއްކީމާ ދެން ވާނުވާ އެނގޭނީ،" އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"ފަސްދޮޅަސް މީޓަރު އަޑިން އޭނާ މައްޗަށް އެރީ. އެހެންވެ ބޮޑަށް ބެލެވެނީ ވަރަށް ބޮޑަށް ޑިކޯ ވެގެން ހާލު ގޯސްވީ ކަމަށް. ވާހަކަ ދައްކާ. އެ ކަމަކު އެހާ ރަނގަޅަކަށް ވާހަކަ ވެސް ނުދެއްކޭ."

ކަނޑިންމަ ރިސޯޓަށް މަހުމޫދު ގެންދެވުނީ ރޭގެ 11 ޖަހާކަންހާއިރެވެ. ފުވައްމުލަކުން ފުރައިގެން އެމްއެންޑީއެފް ހެލިކޮޕްޓަރުގައި އެހާ ދުރު ރިސޯޓަކަށް އޭނާ ގެންދަން ޖެހުނީ އެންމެ ކައިރިން އައްޑޫ ޝަންގްރިއްލާ ރިސޯޓުގައި ހުންނަ ޑިކޯ ޗެމްބަރު ވެސް މަސައްކަތް ނުކުރާތީ އެވެ. އެންމެ ދެކުނުން ހުވަދު އަތޮޅުގައި ވެސް ޑިކޯ ޗެމްބަރެއް ނެތެވެ.

މަހުމޫދުގެ އާއިލާ އިން ބުނީ، ގެއްލިގެން ހޯދާ ސައީދުގެ ޑައިވިން ސްކޫލުގައި މަސައްކަތްކުރާ އެ ޒުވާނާ މާލެ ގެންނަން މަސައްކަތް ކުރަނީ އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި ކަމަށެވެ. މިރޭ މާލެ ގެންނަން މަސައްކަތް ކުރާ ކަމަށް އާއިލާ އިން ބުނެ އެވެ.

ފުވައްމުލަކުގެ "ޓައިގާ ޝާކް" ޑައިވިން ޕޮއިންޓަށް ފައިބައިގެން އުޅެނިކޮށް ގެއްލުނު ސައީދު އަދިވެސް ނުފެނެ އެވެ. ތިން ކުދިންގެ ބައްޕަ ހޯދަން ސިފައިންގެ ކޯސްޓް ގާޑުން ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށާއި އޮޕަރޭޝަން ފުޅާކޮށްފައިވާ ކަމަށް އެމްއެންޑީއެފުން މިރޭ ބުންޏެވެ.

ސިފައިން މިރޭ ބުނީ، މަސް ހިފަން ސައީދު ގެއްލުނު އާލާތެއް 59 މީޓަރު އަޑިން މިއަދު ފެނިފައިވާ ކަމަށެވެ. އެކަމަކު އެއީ ކޯޗެއް ކަމެއް ނުބުނެ އެވެ.

ކައްޗަކަށް ވާ ގޮތަށް ހެދިފައި އޮތް ފަރުގެ ސަރަހައްދުގެ ފުންމިނުގައި، އެ އާލާތް ފެނުނު ޕޮއިންޓުން ފެށިގެން 70 އާއި 100 މީޓަރާ ދެމެދު ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.