Roadha Mihaaru
އަމީން، އަމިއްލަ އަށް މަސްއޫލިއްޔަތުތަކާ ދުރަށް

ތަހުގީގު ނިމެންދެން އަމީން އަމިއްލަ އަށް މަސައްކަތްތަކުން އެކަހެރިވެވަޑައިގެންފި

17 އޯގަސްޓް 2020

ހެލްތު މިނިސްޓްރީގެ އޮޑިޓު ރިޕޯޓުން ފާހަގަވި ކަންކަން ތަހުގީގުކޮށް ނިމެންދެން، މަގާމުގެ މަސްއޫލިއްޔަތުތަކުން މިނިސްޓަރު އަމީން އަމިއްލަ އަށް މިއަދު އެކަހެރިވެވަޑައިގެންފި އެވެ.

ހެލްތު މިނިސްޓްރީގެ އޮޑިޓު ރިޕޯޓުން ފާހަގަވި ކަންކަން ތަހުގީގުކޮށް ނިމެންދެން، މަގާމުގެ މަސްއޫލިއްޔަތުތަކުން މިނިސްޓަރު އަމީން އަމިއްލަ އަށް މިއަދު އެކަހެރިވެވަޑައިގެންފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީއެއްގައި މިނިސްޓަރު އަމީން ވިދާޅުވީ، ކަމާ ގުޅޭ މުއައްސަސާތަކުން މައްސަލަ ތަހުގީގުކޮށް ގޮތެއް ނިންމަންދެން ނުވަތަ ރައީސް ވަކި ގޮތެއް އަންގަވަންދެން ހެލްތު މިނިސްޓްރީގެ މަސައްކަތްތަކުން އެކަހެރިވުމަށް ގަސްދު ކުރައްވާ ކަމަށެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަމީން، އެގޮތަށް ނިންމެވިއިރު، ހެލްތު މިނިސްޓްރީގެ އޮޑިޓު ރިޕޯޓުން ފާހަގަވި ކަންކަން ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ހަވާލު ކުރައްވައިފަ އެވެ. އެ ދެ މުއައްސަސާ އިން އެ ތަހުގީގު ކުރިއަށް ގެންދާނީ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގަ އެވެ. މީގެ އިތުރުން ކޮވިޑާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ކުރި ގޮތް ބަލައި، އޮޑިޓަ ޖެނެރަލް ނެރުއްވި ރިޕޯޓުން ފާހަގަވި ކަންކަން ވެސް ތަހުގީގު ކުރުން ރައީސް ވަނީ އޭސީސީއާ ހަވާލުކޮށްފަ އެވެ. އެކަމަކު، ޓޫރިޒަމް މިނިސްޓްރީގެ ތަހުގީގުގައި އަދި ފުލުހުންގެ ބައިވެރިވުމެއް ނެތެވެ.

ހެލްތު މިނިސްޓްރީގެ އޮޑިޓު ރިޕޯޓުން ފާހަގަވި އެންމެ ބޮޑު އެއް ކަމަކީ ކޮވިޑާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ 75 ވެންޓިލޭޓަރެއް ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި ބޮޑެތި އޮޅުވައިލުންތަކާއި ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެވެ. އެ ކުންފުންޏާ އެކަން ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ މެދުވެރިކޮށް ކަމަށް ހެލްތު މިނިސްޓްރީން އެންމެ ކުރިއްސުރެ ބުނަމުން އައި ވާހަކަތައް ވެސް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި ރިޕޯޓުގައި ވަނީ ދޮގުކޮށްފަ އެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަކީ، ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ތިން ކުންފުނީގެ ތެރެއިން ސަރުކާރުން އެޑްވާންސްކޮށް ފައިސާ ދޫކުރި ހަމައެކަނި ކުންފުނި ވެސް މެ އެވެ. އެ މީހުން ވެންޓިލޭޓަރެއް ގެނެސްދެނީ 32،500 ޑޮލަރަށެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށް ކަމަށް ވާއިރު އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކައިފަ އެވެ. މި ވެސް އޮޑިޓުގައި ފާޅުކޮށްފައި އޮތް ކަންބޮޑުވުމެކެވެ.