Roadha Mihaaru
ޓީޗަރުންގެ އެޓެންޑެންސް އެލަވަންސް 4000 އިން މަތި

މަތީ ރޭންކުގެ ޓީޗަރުންގެ އެޓެންޑެންސް އެލަވަންސް 4،000ރ. އިން މަތި

10 މެއި 2022

ޓީޗަރުންނަށް އެޓެންޑެންސް އެލަވެންސްގެ ގޮތުގައި އެކަނި ވެސް 4،000ރ. ލިބޭ ގޮތަށް މުސާރައިގެ އާ އޮނިގަނޑުގައި ހިމަނައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޓީޗަރުންނަށް އެޓެންޑެންސް އެލަވެންސްގެ ގޮތުގައި އެކަނި ވެސް 4،000ރ. ލިބޭ ގޮތަށް މުސާރައިގެ އާ އޮނިގަނޑުގައި ހިމަނައިފި އެވެ.

މީގެ ކުރިން ޓީޗަރުންނަށް އެޓެންޑެންސް އެލަވަންސެއް ނުދެ އެވެ.

ތައުލީމީ ދާއިރާގައި ހިމެނޭ ސްކޫލް ޓީޗަރުންނާއި ޕްރިންސިޕަލުން އަދި އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުގެ ފަންނީ މުވައްޒަފުންގެ މުސާރައިގެ އާ އޮނިގަނޑު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއުލާންކުރެއްވި މި މަހު އެކެއްގަ އެވެ.

ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑުގެ ތަފުސީލު "މިހާރު" އަށް ލިބިފައިވާއިރު، އޭގައި ވާގޮތުން އެންމެ މަތީ ރޭންކް، ފަސް ވަނަ ރޭންކްގެ ޓީޗަރަކަށް ސްކޫލަށް ހާޒިރުވާ ކޮންމެ ދުވަހަކަށް އެޓެންޑެންސް އެލަވެންސްގެ ގޮތުގައި އެކަނި ވެސް، ހާޒިރުވާ ކޮންމެ ދުވަހަކަށް 195ރ. ދޭނެ އެވެ. ހަފުތާ ބަންދު ދުވަސް ނުލައި، މަހަކަށް ބަލާ ނަމަ، އެއީ 4،290ރ. އެވެ. އެކަމަކު ރޭންކް 4 އާއި 5 ގެ ޓީޗަރުންނެއް އަދި ނެތެވެ. މި ރޭންކަށް ޓީޗަރުން އަންނާނީ އާ އޮނިގަނޑަށް އަމަލުކުރަން ފެށުމުން އޭގައި ކަނޑައަޅާފައިވާ ގޮތަށެވެ.

އެޓެންޑެސް އެލަވެންސްގެ ގޮތުގައި ލިބޭ އަދަދުތައް

- ރޭންކް 1 ގެ ޓީޗަރަކަށް މަހަކު 1،659ރ.

- ރޭންކް 2 ގެ ޓީޗަރަކަށް މަހަކު 3،212ރ.

- ރޭންކް 3 ގެ ޓީޗަރަކަށް މަހަކު 3،454ރ.

- ރޭންކް 4 ގެ ޓީޗަރަކަށް މަހަކު 3،850ރ.

- ރޭންކް 5 ގެ ޓީޗަރަކަށް މަހަކު 4،290ރ.

އާ އޮނިގަނޑާ އެކު ތައުލީމީ ދާއިރާގެ 8،800 އަށް ވުރެން ގިނަ މުވައްޒަފުންގެ މުސާރަ ވަނީ ބޮޑުވެފަ އެވެ. ޖުމްލަކޮށް، 37 ޕަސެންޓުން ފެށިގެން 87 ޕަސެންޓާ ދެމެދުގެ ކުރިއެރުމެއް މުސާރަތަކަށް އައިސްފައިވެ އެވެ. އަދި މި އިތުރުވި މުސާރަ އަށް ދައުލަތުގެ ބަޖެޓުން 488 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ.

މުސާރާއިގެ އޮނިގަނޑު ހަދާފައި ވަނީ މައިގަނޑު ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ އަސާސީ މުސާރަ އާއި މަގާމުގެ އެލަވަންސް އަދި މުޅިން އަލަށް ދޭ ހަޒިރީގެ އިނާޔަތް ވެސް ހިމެނޭ ގޮތަށެވެ. އަދި އަސާސީ ޕެންޝަނަށް ވާ ފައިސާ ވެސް އޭގައި ހިމެނެ އެވެ.

ޓީޗަރުންގެ ރޭންކުތައް ކަނޑައަޅާ ގޮތުގެ ތަފުސީލު ވެސް އޭގައި ހިމަނާފައިވެ އެވެ. އެއީ؛

- ރޭންކް 1: ޑިޕްލޮމާ ހާސިލްކޮށްފައިވުން.

- ރޭންކް 2: ޑިގްރީ ހާސިލްކޮށްފައިވުން.

- ރޭންކް 3: ޑިގްރީއާ އެކު މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވުން.

- ރޭންކް 4: ޑިގްރީއާ އެކު މާސްޓާސް ހާސިލްކޮށްފައިވުން އަދި ރޭންކް 3 ގެ މަގާމުގައި ހަ އަހަރު މަސައްކަތްކޮށްފައިވުން.

- ރޭންކް 5: ޑިގްރީއާ އެކު މާސްޓާސް ހާސިލްކޮށްފައިވުން އަދި ރޭންކް 4 ގެ މަގާމުގައި ހަ އަހަރު މަސައްކަތްކޮށްފައިވުން.

އެކުލާވަލި އާ އޮނިގަނޑުގެ ތެރެއިން ބޮޑު މުސާރާއެއް ލިބޭނީ ސްކޫލްތަކުގައި މަސައްކަތްކުރާ ދިވެހިންނަށް އެކަންޏެވެ. އަދި މި އޮނިގަނޑުގެ ތެރޭގައި ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މޮނީޓާކުރާ ކޮލެޖާއި ޔުނިވާސިޓީތަކާއި އެހެން އިދާރާތަކުގެ މުވައްޒަފުންނެއް ނުހިމެނޭނެ އެވެ.

ކޮލެޖާއި ޔުނިވާސިޓީތަކުގައި މަސައްކަތްކުރާ ލެކްޗަރާއިން ނަމަވެސް، އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރް ވިދާޅުވީ، ލެކްޗަރާއިންގެ މުސާރަ އާ އޮނިގަނޑަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެކަމަކު މުސާރަ ބޮޑު ނުކޮށްދީގެން، މިދިޔަ އާދިއްތަ ދުވަހު ލެކްޗަރާއިން ވަނީ އިހުތިޖާޖު ވެސް ކޮށްފަ އެވެ.

ސްކޫލުތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ވެސް މި މަހު، މި އާ އޮނިގަނޑުގެ ތެރެއިން ބޮޑުވާނެ އެވެ. ސްކޫލްތަކުގައި މަސައްކަތް ކުރާ 1،749 އިދާރީ މުވައްޒަފުން ތިބޭއިރު، އެ މީހުންނަށް މިހާރު ލިބޭ މުސާރައިގެ 35 ޕަސެންޓް އިތުރަށް ލިބޭނެ އެވެ.