ސްކޫލުތަކުގައި ޓީޗަރުން މަދުވުމުގެ މައްސަލަ ހައްލުކުރުމަށް އަންނަ އަހަރު 400 އަށްވުރެ ގިނަ ޓީޗަރުން އިތުރަށް ނަގަން ބަޖެޓުގައި ހިމަނައިފި އެވެ.
31 އޮކްޓޯބަރ 2021
ސްކޫލުތަކުގައި ޓީޗަރުން މަދުވުމުގެ މައްސަލަ ހައްލުކުރުމަށް އަންނަ އަހަރު 400 އަށްވުރެ ގިނަ ޓީޗަރުން އިތުރަށް ނަގަން ބަޖެޓުގައި ހިމަނައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި އަންނަ އަހަރަށް ކަނޑައެޅި ބަޖެޓު ހުށަހަޅައިދެއްވަމުން ފިނޭންސް އިބްރާހިމް އަމީރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އަމިއްލަ ރަށުގައި ހުރެގެން ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދެވޭނެ މަގު ފަހިކޮށްދޭން ކަމަށެވެ.
އެކަން ހާސިލްކުރުމަށް، އަންނަ އަހަރުގެ 36.9 ބިލިއަން ރުފިޔާގެ ތެރެއިން 4.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ ތައުލީމާއި މަތީ ތައުލީމުގެ ދާއިރާއަށެވެ.
އެ މަސައްކަތުގެ ތެރެއިން، ޓީޗަރުން މަދުވުމުގެ ސަބަބުން ތައުލީމު ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް އަންނަ އަހަރު އިތުރު 400 އަށްވުރެ ގިނަ އާ ޓީޗަރުން ނަގަން ހިމަނާފައިވެ އެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ޖަވާބު ނުދޭތީ އޭގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ. އެހެންވެ، އެ ޓީޗަރުން ނަގާނެ ގޮތާ ގުޅޭ އިތުރު މައުލޫމާތެއް ނުލިބެ އެވެ.
އިތުރު ޓީޗަރުންތަކެއް ނަގަން ބަޖެޓުގައި ހިމެނިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވަގުތީ ޓީޗަރުން އިތުރުވަމުންދާތީ އެކަމުގެ ކަންބޮޑުވުންތައް ފާޅުކުރައްވައިފަ އެވެ.
އޭ ލެވެލްގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ދިނުމަށް މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ ވަގުތީ ޓީޗަރުންގެ މައްސަލައަށް އަވަސް ހައްލެއް ހޯދަން މަސައްކަތް ނުކޮށްފި ނަމަ ތައުލީމީ ދާއިރާއަށް ބޭނުންވާ ޓީޗަރުންނާއި ތައުލީމީ މަންހަޖު ތަރައްގީ ކުރާނެ މީހުން އަދި ޕްރިންސިޕަލުން ރާއްޖެއިން ނުލިބުމުގެ ބިރު ވަރަށް ބޮޑު ކަމަށެވެ.
"މިކަން މިގޮތަށް ދޫކޮށްލެވިއްޖެނަމަ އަޅުގަނޑުމެންގެ ކުރިމަގުގެ ޖީލަކީ އިލްމީ ގޮތުންނާއި ވިސްނުމުގެ ގޮތުންނާއި ފަންނީ ގޮތުން އަޅުގަނޑުމެން މި ބޭނުންވާ ފަދަ އީޖާދީ ވިސްނުމުގެ އަހުލުވެރި ބަޔަކަށް ނުވުމަކީ ވަރަށް އެކަށީގެންވާ ކަމެއް." ރައީސް ވިދާޅުވި އެވެ.
ތައުލީމީ ދާއިރާގައި މި ވަގުތު ދާއިމީ ދިވެހި ޓީޗަރުންގެ ގޮތުގައި 6،498 ޓީޗަރުންނާއި ބިދޭސީ 1،730 އަދި ވަގުތީ 891 ޓީޗަރުންނާ އެކު ޖުމްލަ 9،119 ޓީޗަރުން މަސައްކަތްކުރެ އެވެ.
ސިއްހީ ދާއިރާގައި ސަރުކާރުގެ އެންމެ މުހިއްމު އަމާޒަކީ، އަމީރު ވިދާޅުވި ގޮތުގައި، ރައްޔިތުންނާ އެންމެ ކައިރިން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ދިނުމެވެ. އެ އަމާޒަށް ވާސިލްވުމަށް ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރަށް ހޮސްޕިޓަލްތައް ތަރައްގީކުރުމަށް ހިމަނާފައިވެ އެވެ.
ފިނޭންސް މިނިސްޓަރު އަމީރު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓު ހުށަހަޅުއްވައިދެއްވަނީ.-- ފޮޓޯ: މަޖިލިސް
ޕްރައިމަރީ ހެލްތު ކެއާ ނިޒާމު ފުޅާކުރުމާއި އަތޮޅުތެރޭގައި ރީޖަނަލް މެންޓަލް ހެލްތު ޕްރޮގްރާމްތައް ފަށައި އިމަޖެންސީ މެޑިކަލް ސާވިސްގެ ހިދުމަތް ހަރުދަނާކުރުމަކީ ވެސް، ސިއްހީ ދާއިރާއަށް ކުރަން ކަނޑައަޅާފައިވާ ކަންކަމެވެ.
ސިއްހީ ހިދުމަތްތެރިން މަދުވުމުގެ ސަބަބުން އެންމެ އެކަށީގެންވާ ފަރުވާ ދިނުމަށް އެޅޭ ހުރަސްތަކަށް ހައްލު ހޯދުމުގެ ގޮތުން އަންނަ އަހަރު ސިއްހީ ދާއިރާގައި އިތުރު ވަޒީފާ އުފައްދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރޭގައި 160 ޑޮކްޓަރުންނާއި 200 އަށްވުރެ ގިނަ ނަރުހުން ހިމެނޭހެން، ސިއްހީ ދާއިރާއަށް 4.6 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.
ޓީޗަރުންގެ އެޓެންޑެންސް އެލަވަންސް 4000 އިން މަތި
ލެކްޗަރާއިންގެ މުސާރަ ވެސް ބޮޑުވާނެ: މިނިސްޓަރު
މުސާރައިގެ މައްސަލަ: މިއީ މޫނުމަތީގައި ޖެހި ތަފާލެއް!
ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑު ތާށިވެފައި!
ދަރިވަރަކު ގްރޫމްކުރި ޓީޗަރު ވަޒީފާއިން ވަކިކޮށްފި
ރެކޯޑް އަދަދެއްގެ މީހުން މިއަހަރު ޓީޗިން ޑިގްރީ ހަދަނީ
ޓީޗިން ކިޔަވާ 135 ދަރިވަރުންނަށް ސްކޮލާޝިޕް ދީފި
250 ބައިވެރިންނާއެކު ޓީޗަރުންގެ ކޮންފަރެންސް ފަށައިފި
ޓީޗަރުންގެ ދުވަހަށް ފައިސާ ނުނަގަން އަންގައިފި
ތައުލީމީ ދާއިރާ ރަނގަޅު ކުރަން ބޮޑު މަޝްރޫއެއް!