Roadha Mihaaru
މުސާރަ ބޮޑުވެއްޖެ، ޓީޗަރުންގެ މައްސަލަ ހައްލުވާނެބާ؟

މުސާރަ ބޮޑުވެއްޖެ، ޓީޗަރުންގެ މައްސަލަތައް ހައްލުވާނެބާ؟

12 މެއި 2022

ރާއްޖޭގައި އެތައް ޒަމާނެއް ވަންދެން ޕްރައިމަރީ ގްރޭޑުތަކަށް ދިވެހި ޓީޗަރުން ކިޔަވައިދިނުމަށް ފަހު މީގެ ފަސް ވަރަކަށް އަހަރު ކުރިން ކައިރި ގައުމުތަކުން ބިދޭސީ ޓީޗަރުން ގެންނަން މަޖުބޫރުވި އެވެ. ނުރައްކަލުގެ ސިގްނަލް ދެމުން ދިޔަތާ އެތައް އަހަރެއް ވެގެން ދިޔައިރު ވެސް ފެންވަރު ރަނގަޅު ޓީޗަރުން އުފައްދަން ސަރުކާރުން މަސައްކަތް ނުކުރުމުގެ ނަތީޖާއަކީ ތައުލީމީ ދާއިރާ، ހާއްސަކޮށް ޓީޗިންނަށް އަލަށް ވަންނަ ޒުވާނުން މަދުވުމެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި އެތައް ޒަމާނެއް ވަންދެން ޕްރައިމަރީ ގްރޭޑުތަކަށް ދިވެހި ޓީޗަރުން ކިޔަވައިދިނުމަށް ފަހު މީގެ ފަސް ވަރަކަށް އަހަރު ކުރިން ކައިރި ގައުމުތަކުން ބިދޭސީ ޓީޗަރުން ގެންނަން މަޖުބޫރުވި އެވެ. ނުރައްކަލުގެ ސިގްނަލް ދެމުން ދިޔަތާ އެތައް އަހަރެއް ވެގެން ދިޔައިރު ވެސް ފެންވަރު ރަނގަޅު ޓީޗަރުން އުފައްދަން ސަރުކާރުން މަސައްކަތް ނުކުރުމުގެ ނަތީޖާއަކީ ތައުލީމީ ދާއިރާ، ހާއްސަކޮށް ޓީޗިންނަށް އަލަށް ވަންނަ ޒުވާނުން މަދުވުމެވެ.

ޓީޗަރުން އުފައްދާތާ އެތައް އަހަރެއް ވެފައިވާ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ޓީޗިން ކޯސްތަކަށް ވަންނަން އެދޭ ދަރިވަރުންގެ އަދަދަށް އެކަނި ބެލިއަސް އޭގެ ހެކި ފެންނާނެ އެވެ. އެ ޔުނިވާސިޓީގެ ނާސިން ކޯހާއި ޝަރީއާގެ ކޯސްތަކަށް ބޮޑު ޑިމާންޑެއް އޮތަސް ދަރިވަރުން ހަމަނުވެގެން ޓީޗިންގެ ބައެއް ކޯސްތައް ވެސް ކުރިއަށް ނުގެންދެވި އެބަހުއްޓެވެ.

އެކަމަކު އެ ދާއިރާ އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ބޮޑު ދިރާސާއަކަށް ފަހު ވަނީ ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑު މި މަހުގެ އެއް ވަނަ ދުވަހު އިއުލާނުކޮށްފަ އެވެ. އެއާއެކު، މި މަހުން ފެށިގެން ޓީޗަރުންނަށް ބޮޑު މުސާރަ ލިބޭނެ އެވެ.

ޓީޗަރުންގެ މުސާރައަށް އަންނަ ބަދަލުތައް

- ރޭންކް 1: ޑިޕްލޮމާ ލެވެލްގެ ޓީޗަރަކަށް 13،266ރ. (22 ޕަސެންޓްގެ ކުރިއެރުމެއް)

- ރޭންކް 2: ޑިގްރީ ލެވެލްގެ ޓީޗަރަކަށް 19،467ރ. (50 ޕަސެންޓްގެ ކުރިއެރުމެއް)

- ރޭންކް 3: މާސްޓާސް ލެވެލްގެ ޓީޗަރަކަށް 20،895ރ. (38 ޕަސެންޓް ކުރިއެރުމެއް

އެ އޮނިގަނޑު ހަދާފައި ވަނީ މައިގަނޑު ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ އަސާސީ މުސާރަ އާއި މަގާމުގެ އެލަވަންސް އަދި ހާޒިރީގެ އިނާޔަތް ހިމެނޭ ގޮތަށެވެ. އަދި އަސާސީ ޕެންޝަނަށް ވާ ފައިސާ ވެސް އޭގައި ހިމެނެ އެވެ.

ނަމަވެސް ސަރުކާރުގެ މި މުހިއްމު ބަދަލާއެކު ދާއިރާގެ ބައެއް ބޭފުޅުން ވަނީ ޓީޗަރުންގެ މައްސަލައަށް ހަގީގީ ހައްލެއް ލިބިދާނެތޯ ސުވާލު އުފައްދަވައިފަ އެވެ.

ޓީޗަރުންގެ މުސާރަ ބޮޑުކުރި ކަން ރައީސް އިއުލާންކުރެއްވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

ޓީޗަރުންގެ މުސާރަ ބޮޑުކުރި ކަން ރައީސް އިއުލާންކުރެއްވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

ތައުލީމީ ދާއިރާގައި އެތައް އަހަރެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އަދި އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ އަހުމަދު ޝަފީއު ވިދާޅުވީ ފެންވަރު ރަނގަޅު ޓީޗަރުން ހޯދުމަށް ނުވަތަ ސެކްޓާ ދޫކޮށް ދިއުން ހުއްޓުވުމަށް މުސާރައަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށެވެ.

ޓީޗަރަކަށް ވެވެނީ ވެސް ކުރިއާލާ ޓީޗިން ހަދައިގެން ކަމަށްވާތީ އެ ދާއިރާއަށް މީހުންގެ ޝައުގު އަނބުރާލުމަށް އެކަށީގެންވާ އުޖޫރަ ލިބޭ މަސައްކަތެއް ކަން ކަނޑައަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ދާ ބަޔަކު އެ ސެކްޓާގައި ދެމި ތިބުމަށްޓަކައި އާމްދަނީ ވެސް މުހިއްމުވޭ އެގޮތަށް ކުރިއަށް ގެންދިއުމަށް. ޓީޗަރަކާ ސިވިލް ސާވިސްގެ އާއްމު މީހެއް ނުވަތަ އެހެން ވަޒީފާގައި އުޅޭ ފަރާތްތަކާ ތަފާތަކީ، ޕްރޮފެޝަނަލް ޑޮކްޓަރުން ގޮތަށް މިކަމަށް ހާއްސަކޮށް ތައްޔާރުވެގެން އަންނަ ބަޔަކު ޓީޗިންއަށް އަންނަނީ،" ޝަފީއު ވިދާޅުވި އެވެ.

މުސާރައިގެ އިތުރުން ޓީޗަރުންނަށް އިހުތިރާމާއި ގަދަރު ފަހިވެފައި އޮންނަން ޖެހޭނެ ކަމަށާއި މަސައްކަތުގެ މާހައުލުގައި ސިސްޓަމެޓިކް މަސައްކަތް ކުރާނެ ގޮތެއް ވެސް ފަހިވެފައި އޮންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ މުސާރައިގެ އިތުރުން ޓީޗަރުންގެ އެންމެ ބޮޑު ޝަކުވާއަކީ މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމެވެ. މުސާރައިގެ އިތުރުން ރަނގަޅު ޓީޗަރުން ހިފަހައްޓައި ދެމިތިއްބުމަށް ކުރަންޖެހޭ އިތުރު ކަންކަން ހުރިކަން ފާހަގަކުރެއްވި އެވެ.

މީގެ ކުރިން ޓީޗަރުންގެ މުސާރައަށް ބަދަލު ގެނައީ ޖެނުއަރީ، 2015 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އޭރު ޝަފީއު ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގަ އެވެ.

އޭނާ ވިދާޅުވީ އެ ފަހަރު މުސާރަ ބޮޑުކުރި ނަމަވެސް ވަޒީފާ ދޫކޮށް ދާ މީހުންގެ އަދަދު މަދުވުން ފަދަ ކަންކަމަށް މާ ބޮޑު ބަދަލުތަކެއް ނައި ކަމަށެވެ. އެކަމަކު، މުސާރަ ބޮޑުކުރުމަކީ ވަޒީފާގައި ތިބި ބައެއްގެ ހިތްހަމަޖެހުމަކަށް ވާނެ ކަމެއް ކަމަށާއި އޭރުން ދެވޭ ހިދުމަތްތައް ވެސް ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހަމައެއާއެކު، މުސާރައަށް އެކަނި ބަދަލު ގެނެސްގެން ޓީޗިންނަށް މީހުން ޝައުގުވެރިއެއް ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މަޖީދިއްޔާ ސުކޫލުގެ 95 ވަނަ އަހަރީ ދުވަސް ފާހަގަކުރަން މިދިޔަ މަހު ބޭއްވި ހާއްސަ އެސެމްބްލީގައި ދަރިވަރުން ބައިވެރިވަނީ: ޓީޗަރުންގެ މުސާރައަށް މި މަހުން ފެށިގެން ބަދަލުތައް އަންނާނެ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މަޖީދިއްޔާ ސުކޫލުގެ 95 ވަނަ އަހަރީ ދުވަސް ފާހަގަކުރަން މިދިޔަ މަހު ބޭއްވި ހާއްސަ އެސެމްބްލީގައި ދަރިވަރުން ބައިވެރިވަނީ: ޓީޗަރުންގެ މުސާރައަށް މި މަހުން ފެށިގެން ބަދަލުތައް އަންނާނެ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ކުރީގައި ހޯދާފައި ހުރި [މުސާރައިގެ] ކުރިއެރުމަކުން އަޅުގަނޑުމެންނަކަށް އެވަރުގެ ތަފާތެއް ފެންނަކަމަކަށް އެހެން ފާހަގައެއް ނުކުރެވޭ. އެކަމަކު [ވަޒީފާގައި] ތިއްބެވި ބޭފުޅުން މުސާރަ ކުޑަވެގެންނޭ ކިޔާފައި އެހެން ތަނަކަށް ދިއުމަށް ސަބަބަކަށް ނުވެދާނެ،" ޝަފީއު ވިދާޅުވި އެވެ.

"ޓީޗަރުންނަށް ހައްގުވޭ މިހާރަށް ވުރެ ރަނގަޅު އުޖޫރައެއް. ޔުނިވާސިޓީތަކުގެ ލެކްޗަރާއިންނެކޭ ސްކޫލްތަކުގެ ޓީޗަރުންނާ އެއް ހަމަ މުސާރަ ލިބުން ރަނގަޅު."

ޝަފީއު ވިދާޅުވި ގޮތުގައި ކުރާ މަސައްކަތާ އެކަށީގެންވާ މުސާރައެއް ނުލިބުމާއި ވަޒީފާގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމުން، ފަސޭހައިން އަދާކުރެވޭ ވަޒީފާއަކަށް ދިއުމަށް ގިނަ މީހުން ބޭނުންވާ ކަމަށެވެ. އެކަމަކު މުސާރަ ބޮޑުކުރިއަސް ކުއްލިއަކަށް އެ ދާއިރާއަށް އިތުރު މީހުން ނުގުޅުނަސް މިހާރު ހިދުމަތުގައި ތިބި މީހުން ވަޒީފާއިން ވަކިވުމަކީ ދުރުކަމަކަށް ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެ ކަމަކަށް މަސައްކަތްކުރަން ޖެހޭ. އެއީ ތިބި ރަނގަޅު ފަރާތްތައް ހިފެހެއްޓުން. ދެން މި ވަގުތު ތިއްބެވި ބޭފުޅުންނަށް މުސާރައިގެ ކުރިއެރުމެއް އަންނަ ކަމަށް ވަންޏާ ކޮންމެ ގޮތެއް ވިޔަސް އެ ބޭފުޅުންގެ ވަޒީފާއާ މެދު އޮންނަ ހިތްހަމަޖެހުން އިތުރުވެގެންދާނެ. އޭރުން ދެވޭ ހިދުމަތްތަކަށް ވެސް އެދެވޭ ނަތީޖާ އައުމުގެ ފުރުސަތު އަންނާނެ،" ޝަފީއު ވިދާޅުވި އެވެ.

"އެންމެ ބޮޑު ކަމަކަށް މި އޮތީ ކިޔަވާ ނިމޭ ކުދިން، ސްކޫލްތަކުން ނިމޭ ކުދިން އިހުތިޔާރުކުރާނެެ ކެރިއާއެއްގެ ގޮތުގައި ޓީޗިން ވެގެން ދިއުން. މިހާރު ވެސް ގިނަ ސާވޭތަކަށް ބަލާއިރު ކެރިއާއެއްގެ ގޮތުގައި ޓީޗަރަކަށް ވުމަށް އަހާލާއިރު އެ ޗޫސްކުރާ ކުދިން މަދީ. އެކަން ކުރަން މުސާރަ އެއްކިބައިގައި ބާއްވާފައި ކުރަން މުހިއްމު،"

ވަޒީފާ ދޫކޮށް ދާ ޓީޗަރުން އެންމެ ގިނައިން އުޅެނީ ސެކަންޑްރީ ލެވެލްގަ އެވެ. ސަބަބަކީ، ވަކި މާއްދާއެއްގެ އިތުރުން ކޮންމެ ވެސް ޓެކްނިކަލް ދާއިރާއަކުން ހާއްސަވުމުން އިތުރު ވަޒީފާގެ ފުރުސަތުތައް ފަހިވުމެވެ. އެއާ ހިލާފަށް ޕްރައިމަރީ ޓީޗަރުންގެ ގޮތުގައި ތަމްރީނުވަނީ ހަމައެކަނި ކިޔަވައިދިނުމަށް ވާތީ އެހެން ދިމާތަކަށް ދިއުމުގެ ފުރުސަތު ހަނިވެގެންދާކަން ޝަފީއު ފާހަގަކުރެއްވި އެވެ.

އެމްއެންޔޫއިން މީގެ ކުރިން ބޭއްވި ދަސްވެނިވުމުގެ ހަފުލާގައި ބައިވެރިވި ބައެއް ދަރިވަރުން: ޓީޗިންގެ ކޯސްތަކަށް ޑިމާންޑު ކުޑަ-- ފައިލް ފޮޓޯ: މިހާރު

އެމްއެންޔޫއިން މީގެ ކުރިން ބޭއްވި ދަސްވެނިވުމުގެ ހަފުލާގައި ބައިވެރިވި ބައެއް ދަރިވަރުން: ޓީޗިންގެ ކޯސްތަކަށް ޑިމާންޑު ކުޑަ-- ފައިލް ފޮޓޯ: މިހާރު

މުސާރައިގެ ބަދަލުތަކުގެ ތެރެއިން، މާލޭގެ ބޮޑު ސްކޫލެއްގައި ކިޔަވައިދޭތާ ވިއްސަކަށް އަހަރުވެފައިވާ ލީޑިން ޓީޗަރަކު އެންމެ އުފާވީ ސްކޫލަށް ހާޒިރުވާ ދުވަސްތަކަށް އެލަވަންސް ދޭން ފެށުމުންނެވެ. އޭރުން ސްކޫލަށް ސަލާމް ބުނުން ފަދަ ކަންކަމަށް ހައްލެއް އަންނާނެ ކަމަށް ވިދާޅުވި އެވެ. އެކަންކަމާ ގުޅިގެން އަސާސީ މުސާރަ ބޮޑުކުރުމަށް ވުރެ އެންމެ ރަނގަޅީ އެޓެންޑެންސް އެލަވަންސް ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަމިއްލަ ތަޖުރިބާގެ އަލީގައި އޭނާ ވިދާޅުވީ މުސާރަ ބޮޑުކުރި ނަމަވެސް ފެންވަރު ރަނގަޅު ޓީޗަރުންގެ މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށެވެ. މިސް މެނޭޖްމަންޓާއި ކަންކަން ރޭވުން ފަދަ ކަންކަމަށް ހައްލެއް ގެނެސްގެން ނޫނީ ރަނގަޅެއް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސެކްޓާގެ އެންމެ މުހިއްމު ކަމަކީ ރަނގަޅު ވަސީލަތްތައް ގާއިމްކުރުމާއި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެވޭނެ އިންތިޒާމްތަކެއް ހަމަޖައްސައިދިނުން. ޓީޗަރަކަް ނުހުންނާނެ މޭޒެއް، ގޮނޑިއެއް، ކޮމްޕިއުޓަރެއް، ފޯނެއް. މި ހުރިހާ އެއްޗެއް ވެސް ބޭނުންކުރަނީ އަމިއްލަ ޖީބުން ހަރަދުކޮށްގެން އަމިއްލައަށް. މި ވަސީލަތްތައް ގާއިމްނުކޮށްދިނުމަކީ މާ ބޮޑު މައްސަލައެއް."

ޓީޗަރުންގެ މުސާރަ ބޮޑުކުރުމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ "މިހާރު" އަށް ކުރިން ވިދާޅުވީ މުސާރަ ބޮޑުވުމުން ފެންވަރު ރަނގަޅު ޓީޗަރުން ނުލިބުމުގެ މައްސަލަތައް ބޮޑު ތަނުން ހައްލުވާނެ ކަމަށެވެ.

މުސާރައިގެ އާ އޮނިގަނޑާ އެކު ވަޒީފާގެ ބާޒާރުގައި އެންމެ ރަނގަޅު އުޖޫރައެއް ލިބޭ ބަޔަކަށް ޓީޗަރުން ވާނެ ކަމަށެވެ. އޭގެ ސަބަބުން ޓީޗަރުން ނުލިބުމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.