Roadha Mihaaru
ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑު ތާށިވެފައި!

ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑު ތާށިވެއްޖެ

12 ފެބުރުއަރީ 2020

ޓީޗަރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކުރުމުގެ އާ އޮނިގަނޑުގެ މަސައްކަތް ނިންމައި، ފިނޭންސް މިނިސްޓްރީ އަށް ފޮނުވާފައިވީ ނަމަވެސް، ކޮރޯނާވައިރަހާ ގުޅިގެން ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ނިންމާފައިވާތީ، އެ އޮނިގަނޑުގެ މަސައްކަތް ކޮންމެވެސް ވަރަކަށް މަޑުޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ. އެކަމަކު، އެ މަސައްކަތް އެއްކޮށް ހުއްޓާނުލާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓީޗަރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކުރުމުގެ އާ އޮނިގަނޑުގެ މަސައްކަތް ނިންމައި، ފިނޭންސް މިނިސްޓްރީ އަށް ފޮނުވާފައިވީ ނަމަވެސް، ކޮރޯނާވައިރަހާ ގުޅިގެން ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ނިންމާފައިވާތީ، އެ އޮނިގަނޑުގެ މަސައްކަތް ކޮންމެވެސް ވަރަކަށް މަޑުޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ. އެކަމަކު، އެ މަސައްކަތް އެއްކޮށް ހުއްޓާނުލާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

ޓީޗަރުންގެ މުސާރަ އާއި އިތުރުގަޑީގެ އެލަވަންސް އަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް، މުސާރައިގެ އާ އޮނިގަނޑެއް އެކުލަވާލައި ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ވިދާޅުވެފަ އެވެ. އޭގެ ފަހުން އެ އަހަރުގެ ނޮވެމްބަރު މަހު ރައްޔިތުންގެ މަޖިލީހުގައި އޭނާ ވިދާޅުވީ ޓީޗަރުންގެ މުސާރައާ ގުޅޭ އޮނިގަނޑު ޕޭ ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށެވެ. އޮނިގަނޑުގައި އެޑިއުކޭޝަން މިނިސްޓްރީއާ ގުޅުން ހުރި ހުރިހާ އެންމެންގެ މުސާރަ އަށް ބަދަލު ގެނައުމަށް ޕޭ ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި، ޓީޗަރުންގެ މުސާރަ އަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައި، އެކަމަށް ވެފައިވާ ތައްޔާރީތަކުގެ މައުލޫމާތު ހިއްސާކުރަން މިދިޔަ މަހު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޓީޗަރުންގެ މުސާރައާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، މުސާރަ އަށް ހެޔޮ ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތަފްސީލީ މައުލޫމާތު، އެކަމުގެ މުނާސަބު ވަގުތުގައި ހިއްސާކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މުސާރައިގެ އާ އޮނިގަނޑު ނިންމާފައިވާ ކަމަށް ވިދާޅުވިއަސް، ފާއިތުވި ހަ މަސް ވެގެން ދިޔައިރު ވެސް އެކަމުގެ ތަފްސީލެއް ހިއްސާކޮށްފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީ އަށް ގުޅުމުން، އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މުސާރައިގެ އާ އޮނިގަނޑަށް މި ވަގުތަށް ދެވޭނެ ޖަވާބަކީ ކޮރޯނާވައިރަހާ ގުޅިގެން މިދިޔަ ބުދަ ދުވަހު ސަރުކާރުން ނެރުނު ސާކިއުލާ ކަމަށެވެ. އެ ސާކިއުލާގައި ވަނީ، ޗައިނާގެ ވޫހާން ސިޓީގައި ފެތުރެން ފެށި ވައިރަހާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަކުރަން އަންގައިފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި ދައުލަތުން ދޭނ މުސާރަ އާއި އެލަވަންސްތައް ހާމަނައިޒް ކުރުމުގެ މަސައްކަތް ޕޭ ކޮމިޝަނުން ބާރަށް ކުރިއަށް ގެންދެ އެވެ. އެހެންވެ، އޭގެ ތެރޭގައި ޓީޗަރުންގެ މުސާރަ އާއި އެލަވަންސްތައް ވެސް ހިމެނި، އޮނިގަނޑުގެ ދަށުން ކަންކަން ކުރިއަށް ދާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ކޮރޯނާވައިރަހާ ގުޅިގެން ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ނިންމައި ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާގައި މައިގަނޑު ފަސް ދިމާއަކުން ހަރަދު ކުޑަކުރުމަށް އަންގާފައި ވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މުވައްޒަފުންނަށް ކުރާ ހަރަދުތަކާއި ކެޕިޓަލް ހަރަދުތަކާއި ދަތުރުފަތުރުގެ ހަރަދުތަކާއި އިދާރީ ހިންގުމުގެ ހަރަދުތަކާއި މަރާމާތާއި ބެލެހެއްޓުމުގެ ހަރަދުތަކެވެ.

ސާކިއުލާގައި ބުނެފައިވާ ގޮތުގައި ކޮރޯނާވައިރަސްއާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ނޭދެވޭ އަސަރުކުރަމުން ދާތީ އޭގެ އަސަރު ރާއްޖޭގެ އިގްތިސާދަށް ވެސް ކުރުން އެކަށީގެން ވެ އެވެ. މުވައްޒަފުންނަށް ކުރާ ހަރަދުގެ ތެރެއިން، ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ގޮތަށް އެއްވެސް އާ މަގާމެއް ނުއުފެއްދުމާއި ޕޭ-ރިވިއު ބޯޑުން ދިރާސާ ކުރުމަށް ފަހު ފިނޭންސްގެ ހުއްދަ ލިބިގެން ނޫނީ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުމާއި ބަޖެޓްގައި ހިމަނާފައިވީ ނަމަވެސް މިހާރު ދޭން ފަށާފައި ނުވާ އާ އެއްވެސް އެލަވަންސެއް މި އަހަރުގެ ތެރޭގައި ދޭން ނުފެށުން ހިމެނެ އެވެ.