Roadha Mihaaru
މަޖީދިއްޔާގެ 95 އަހަރު ފުރުން 95 ގަޑިއިރު ދުވުމުން

މަޖީދިއްޔާ ސްކޫލްގެ 95 ވަނަ އަހަރީ ދުވަސް ފާހަގަކުރަން 95 ގަޑިއިރުގެ ދުވުމެއް

11 މެއި 2022

މަޖީދިއްޔާ ސްކޫލްގެ 95 ވަނަ އަހަރީ ދުވަސް ފާހަގަކުރަން 95 ގަޑިއިރުގެ ދުވުމެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަޖީދިއްޔާ ސްކޫލްގެ 95 ވަނަ އަހަރީ ދުވަސް ފާހަގަކުރަން 95 ގަޑިއިރުގެ ދުވުމެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

އެ ސްކޫލްގެ ލީޑިން ޓީޗަރު އިސްމާއިލް މުހައްމަދު "މިހާރު" އަށް މިއަދު ވިދާޅުވީ އަންނަ ހުކުރު ދުވަހުގެ ރޭ 9:30 އިން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ރޭ 8:30 ވަންދެން ކުރިއަށްގެންދާ "މަޖީދީރަން" ގައި މަޖީދިއްޔާގައި މިހާރު ކިޔަވާ 14،00 އަށްވުރެ ގިނަ ދަރިވަރުންނާއި ކުރީގެ ދަރިވަރުން ބައިވެރިވާނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސުން އަދި ސަރުކާރުގެ އިސްވެރިންނަށް ވެސް ވަނީ އެ ދުވުމުގައި ބައިވެރިވުމަށް ދައުވަތު ދެއްވައިފަ އެވެ.

އެ ދުވުން ފަށާނީ، މިދިޔަ މަހުގެ 19 ގައި 95 އަހަރު ފުރުނު ސްކޫލްގެ ގޯތި ތެރެއިންނެވެ. ދަންމަރު ހިފައިގެން ދުވަން ފެށުމަށްފަހު މުލިއާގެއަށް މަޑުކޮށް، މަޖީދީރަން ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ރައީސަށް ދައުވަތު އަރުވާނެ އެވެ. އެއަށްފަހު 14 ތަނެއްގައި މަޑުކުރުމަށްފަހު ދުވުން ގެންދާނީ އެކުވެނި ޓްރެކްގަ އެވެ.

އިސްމާއިލް ވިދާޅުވީ ދުވުމުގައި ބައިވެރިވުމަށް ކިއުއާރު ކޯޑަކުން ނުވަތަ ޓްރެކް ތެރޭގައި ބަހައްޓާފައިވާ ހާއްސަ ޑެސްކުން ވެސް ރަޖިސްޓްރީވެވޭނެ ކަމަށެވެ.

"މިހާރު ވެސް ގިނަ ބަޔަކު އަންނަނީ ދުވުމުގައި ބައިވެރިވަމުން. ބޭނުމަކީ ދުޅަހެޔޮ ދިރިއުޅުމެއް އުޅުމުގެ ހިތްވަރު ދިނުން،" އޭނާ ވިދާޅުވި އެވެ.

ހަރަކާތަށް ހާއްސަކޮށްފައިވާ ޓީޝާޓް ވިއްކަން ހަމަޖައްސާފައިވަނީ 200ރ. އަށެވެ. އެ ވިއްކައިގެން ލިބޭ ރުފިޔާއިން މަޖީދިއްޔާ ސްކޫލްގެ ތަރައްގީއަށް ހަރަދުކޮށް ޗެރިޓީއަށް ހަދިޔާކުރާނެ އެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލްގެ އަހަރީ ދުވަހުގެ ހަރަކާތްތައް މުޅި އަހަރަށް ހިންގަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ގަސް އިންދުން ހިމެނެ އެވެ.