Roadha Mihaaru
މަޖީދިއްޔާއަކީ ދިވެހިންގެ ޝަރަފުގެ ރަމްޒެއް: ރައީސް

މަޖީދިއްޔާ ސްކޫލަކީ ދިވެހިންގެ ފަހުރާއި ޝަރަފުގެ ރަމްޒެއް: ރައީސް

26 އޮކްޓޯބަރ 2022

މަޖީދިއްޔާ ސްކޫލަކީ ހަމައެކަނި ސްކޫލެއް ނޫން ކަމަށާއި އެއީ ދިވެހިންގެ ފަހުރާއި ޝަރަފުގެ ރަމްޒު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މަޖީދިއްޔާ ސްކޫލަކީ ހަމައެކަނި ސްކޫލެއް ނޫން ކަމަށާއި އެއީ ދިވެހިންގެ ފަހުރާއި ޝަރަފުގެ ރަމްޒު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ ތަރައްގީ އާއި ތަހުޒީބުގެ ކުރިބޯށިތައް ދިވެހިންނަށް ދައްކުވައިދިން ހައިބަވެތި ބިނާއަކީ އެ ސްކޫލު ކަމަށެވެ.

މަޖީދިއްޔާ ސްކޫލަކީ ދިވެހިންގެ އުމްރާނީ ފަންނުވެރިިކަމުގެ ހަގުހުރި ތަރިއެއް ކަމަށާއި އެ ތަރިކަ އަމާނާތްތެރިކަމާއި ރައްކާތެރިކަމާ އެކު ކުރިމަގުގެ ޖީލުތަކަށް ފޯރުކޮށްދިނުމަކީ ގައުމީ ވާޖިބެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މީގެ 95 އަހަރު ކުރިން ދިއްލި މި އަލިގަދަ ދަންމަރުގެ ނޫރު މުޅި ރާއްޖެ އަށް އަލިކޮށްފި. މިއީ މި ފާހަގަކުރަނީ ހަމައެކަނި މަޖީދިއްޔާގެ އަހަރީ ދުވަހެއް ނޫން. މި ފާހަގަކުރަނީ އެ ނޫރުން އެ ކުރި އަލިކަމުގެ ތެރޭގައި ދިވެހިން ހޯދި ތަރައްގީ އާއި ދިވެހި އުއްމަތަށް ލިބުނު ކާމިޔާބީގެ ހަނދާންތައް،" ދަރުބާރުގޭގައި ބޭއްވި ޖަލްސާ ޝަރަފުވެރި ކޮށްދެއްވަމުން ރައީސް ވިދާޅުވި އެވެ.

މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

އެ މަނިކުފާނު ވިދާޅުވީ، ގައުމެއް ތަރައްގީވެ، ކުރިއަރައި ދިއުމަށް ބޭނުންވާ ހުރިހާ ދާއިރާއަކުން މަޖީދިއްޔާ އިން މީހުން ބިނާކޮށްދީފައިވާ ކަމަށާއި އެ ސްކޫލުން ތައުލީމް ހާސިލުކުރި އެތައް ދަރިންނެއް ގައުމުގެ އެންމެ ކުރީ ސަފުގައި ހިދުމަތުގައި މިހާރު ވެސް އެބަތިބި ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ކޮންމެ ކުރިއެރުމަކާއި ކާމިޔާބެއްގެ އެންމެ ބޮޑު އެއް ހިއްސާ އޮތީ މަޖީދިއްޔާ ސްކޫލުގަ އެވެ. އެ ސްކޫލު ހުޅުވުމަށް ފަހު، ރާއްޖޭގެ ގައުމީ ހަޔާތުގައި އައި ކޮންމެ ދުވަަހަކީ ވެސް ދަރިވަރުވި ޒުވާނުންގެ ހިދުމަތްތައް ގައުމަށް ލިބެމުން އަންނަ ދުވަހެއް ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިވެހިންނަކީ އެންމެ އިހުއްސުރެ ވެސް ތައުލީމަށް ލޯބިކުރި ބައެއް ކަމަށާއި އެދުރުބެއިންނާއި އެދުރުދައިތައިންގެ ގާތަށް ގޮސް ވޮށިފިލައިގައި ކިޔަވައި އުޅުނު ބައެއް ކަމަށެވެ. އޭރުގެ ކިޔަވައިދިނުމުގެ މަންހަޖަކީ އެ ބަޔަކަށް އެނގުނު މިންވަރަކަށް ކިޔަވައިދިނުން ނަމަވެސް އޭޕްރީ 19، 1927 ގައި މަދަރުސަތުއް ސަލާހިއްޔާ ވުޖޫދުވުން އެއީ ދިވެހިންގެ ނަސީބު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެއީ މަޖީދިއްޔާ ސްކޫލުގެ ފެށުން. މުޅި ދިވެހި އުއްމަތަށް ތައުލީމުގެ އަލިކަން ފެތުރެން ފެށީ މި މަދަރުސާ އުފަންވި ހިސާބުން. އެ ދުވަހުން ފެށިގެން އެ ސްކޫލަށް ވަންނަ ކުދިންގެ އަދަދު އައީ އިތުރުވަމުން،" ރައީސް ވިދާޅުވި އެވެ.

މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމްގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ރޭ ބައިވެރިވެ ވަޑައިގަންނަވަނީ.

މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމްގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ރޭ ބައިވެރިވެ ވަޑައިގަންނަވަނީ.

ރާއްޖޭގެ ތައުލީމީ ހަޔާތަށް މިވީ ދިގު މުއްދަތުގެ ތެރޭގައި އެތަކެއް ގޮންޖެހުންތަކެއް ހުރަސްކޮށް މިއަދާ ހަމައަށް އައިއިރު ވަނީ ވަކި ޖިންސެއް ތަފާތުނުކޮށް ފަށާ ތައުލީމަކީ ކޮންމެ ކުއްޖަކަށް ވެސް ލިބިގެންވާ ހައްގަކަށް ބަދަލުވެފައިވާ ކަމަށް ރައިސް ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ރައީސް ވަނީ އެ މަނިކުފާނުގެ ތައުލީމީ ހަޔާތުގެ ދުވަސްތައް ވެސް ހަނދާން އާކުރައްވައިފަ އެވެ. މަދަރުސީ ދައުރަކީ ކޮންމެ މީހެއްގެ ހަޔާތުގައި ވެސް އަންނާނެ އެންމެ އުފާވެރި ދުވަސްތައް ކަމަށާއި ހަނދާނުން ނުފިލާނެ އެތައް ކަމެއް އެ ދުވަސްވަރު ދިމާވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާ.

މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާ.

"އޭރުގެ އެ ހަނދާންތައް [ސްކޫލު ދައުރު] މިހާރު ވެސް އަޅުގަނޑުގެ ހަނދާނުގައި އެބަހުރި. މީހުންނަށް އިހުތިރާމު ކުރުމާއި އެހެން މީހުންނާ އެކު އުޅެން ދަސްވުމާއި ދިރިއުޅުމުގެ މި ކަހަލަ ކަންކަން އަޅުގަނޑަށް ލިބުނީ މި ހިޔާވަހިކަމުގެ ދަށުން. ސްކޫލު ޕްރިފެކްޓެއްގެ ގޮތުގަ އާއި ސިކަންދަރީ ހައުސްގެ ކެޕްޓަންކަމާއި ސްކޫލުގެ ގޭމްސް ކެޕްޓަން ކަމުގެ މަގާމުގައި ހުރެ އަދާކުރަންޖެހުނު ދައުރަކީ އަޅުގަނޑުގެ ދިރިއުޅުމުގެ އަމަލީ މައިދާނަށް މަގުކޮށައިދިން ކަންކަން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި އެކަމުގެ ޝުކުރު އަދާކުރެއްވީ މަޖީދިއްޔާ ސްކޫލުގެ ބިންގާ އަޅުއްވައި، ތައުލީމް ދޭން ފެއްޓެވި އަލް މަރްހޫމް ހުސެއިން ސަލާހުއްދީނަށެވެ. އަދި ފާއިތުވި ތަނުގައި ސްކޫލު ހިންގުމުގައި އުޅުއްވި ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވި އެވެ.

އެ ޖަލްސާގައި ވަނީ މަޖީދިއްޔާ ސްކޫލަށް 20-25 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވި ބޭފުޅުންނަށް ހިދުމަތުގެ ޝަރަފު އަރުވައިފަ އެވެ. ސްކޫލަށް އެކި ގޮތްގޮތުން އެހީތެރިވި ކުންފުނިތަކަށް ވެސް މި ޖަލްސާގައި ހަނދާނީ ފިލާ ދިނެވެ.