Roadha Mihaaru
ލަންކާގެ ބޮޑުވަޒީރުކަމަށް އަނެއްކާވެސް ރަނިލް

ލަންކާގެ ބޮޑުވަޒީރުކަމަށް އަނެއްކާވެސް ރަނިލް

12 މެއި 2022

ސްރީ ލަންކާގެ އިގްތިސާދީ މައްސަލަތައް ގޯސްވެ ކުރިމަތިވި ސިޔާސީ ޕްރެޝަރުގައި ބޮޑުވަޒީރު އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމުން އެ މަގާމަށް މީގެ ކުރިން ފަސް ފަހަރު ބޮޑުވަޒީރުކަން ކުރައްވާފައިވާ ރަނިލް ވިކްރެމަސިންހަ ސިންހަ އައްޔަންކުރަން ނިންމާފައިވާކަން އޭނާގެ ޕާޓީން ކަށަވަރުކޮށްދީފި އެވެ.

ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ލީޑަރު ރަނިލްގެ އަރިސް ބޭފުޅަކާ ހަވާލާދީ ލަންކާގެ ބައެއް ނޫސްތަކުން ބުނެފައިވަނީ މިހާރު ކުރިއަށްދަނީ ގާނޫނުހަދާ މަޖިލީހުގައި ތަމްސީލުކުރާނެ ގޮތަކާ ބެހޭ ގޮތުން ކަމަށާއި މައިނޯރިޓީ ސަރުކާރެއްގައި ރަނިލް ނުހުންނަވާނެ ކަމަށެވެ. މީޑިއާއާ ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވީ ސަރުކާރުގެ އިސް ބޭފުޅުން ހަތަރު ފަހަރެއްގެމަތިން ރަނިލްއާ ބައްދަލުކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ބައެއް މެންބަރުން ރަނިލްއަށް ތާއީދުކުރައްވާނެ ކަމުގެ ޔަގީންކަން މިހާރު ވެސް ވަނީ ދީފަ އެވެ.

މިކަމާ ބެހޭ ގޮތުން ސަރުކާރުން އަދި ވާހަކައެއް ނުދައްކަ އެވެ.

ގައުމަށް ކުރިމަތިވެފައިވާ މައްސަަލަތަކުން އަރައިގަތުމަށް ސިޔާސީ އެންމެން އެއްބައިވެ ގުޅިގެން މަސައްކަތްކުރުމަށް ރައީސް ގޮޓާބަޔަ ވަނީ ތަކުރާރުކޮށް ގޮވާލައްވައިފަ އެވެ. އެކަމަކު އިދިކޮޅުން ބުނަމުން ދަނީ ރައީސް ވެސް އިސްތިއުފާ ދެއްވަންޖެހޭނެ ކަމަށެވެ.

ރައީސް ގޮޓާބަޔަ ރާޖަޕަކްސަގެ ބޭބޭފުޅު މަހިންދަ ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ހޯމަ ދުވަހު އެވެ. އޭގެ ފަހުން ލަންކާގައި ބޮޑެތި ހަމަނުޖެހުންތައް ހިނގައި ސިޔާސީ ބޭފުޅުންނާއި އާންމުންގެ މުދަލުގައި ހުޅުޖަހައި ބޮޑެތި ގެއްލުންތައް ވަނީ ދީފަ އެވެ. ބޮޑު ނުރައްކަލެއްގެ ތެރެއަށް ގައުމު ވެއްޓުމުން މުޅި ގައުމުގައި ކާފިއު ހިންގައި ސަލާމަތީ ކަންކަމުގައި މިހާރު އިސްކޮށް އުޅެނީ ސިފައިންނެވެ. ހަމަނުޖެހުން ހިންގާ މީހުންގެ ގަޔަށް ބަޑިޖެހުމުގެ އަމުރު ވެސް ޑިފެންސް މިނިސްޓްރީން ވަނީ ދީފަ އެވެ.