Roadha Mihaaru
އެންމެ ޖައްބާރު ވެރިކަމެއް ކުރީ މައުމޫން: އަދުރޭ

އެންމެ ޖައްބާރު ވެރިކަމެއް ކުރީ މައުމޫން: އަބްދުއްރަހީމް

13 މެއި 2022

އަނިޔާގެ ވާހަކަތައް ދައްކަވަން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ބޭފުޅުން ލަދުގަންނަން ޖެހޭ ކަމަށާއި ރާއްޖޭގައި މިހާތަނަށް އެންމެ ޖައްބާރު ވެރިކަމެއް ކުރެއްވީ މައުމޫން ކަމަށް، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަނިޔާގެ ވާހަކަތައް ދައްކަވަން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ބޭފުޅުން ލަދުގަންނަން ޖެހޭ ކަމަށާއި ރާއްޖޭގައި މިހާތަނަށް އެންމެ ޖައްބާރު ވެރިކަމެއް ކުރެއްވީ މައުމޫން ކަމަށް، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވަނީ މައުމޫނާއި އެ މަނިކުފާންގެ ދަރިކަނބަލުން، އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ 3،000 މެމްބަރުން ހަމަނުވެގެން އީސީން ނޯޓިސް ދީފައިވާ ޕާޓީތަކުން އިސްކޮޅާ އެއްވަރުގެ ބަޔާންތައް ނެރޭ ކަމަށެވެ. އެ ޕާޓީތަކުން ނެރޭ ބަޔާންތަކަށް ރައްދު ދޭކަށް ބޭނުން ނުވާ ކަމަށާއި އެއީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ އެއް ޕާޓިން ކުރަން ރަނގަޅު ކަމެއް ވެސް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަތަކާ ގުޅިގެން ޔުމްނާ އުފެއްދެވި ސުވާލަށް އަބްދުއްރަހީމް ވަނީ ރައްދުދެއްވައިފަ އެވެ.

ޕީޕީއެމްގެ ޓިކެޓުގައި ވިލިމާލެ ދާއިރާގެ އަންހެނުންގެ ކޮމިޓީއަށް ވާދަކުރާ ކެންޑިޑޭޓުގެ ކެމްޕެއިންގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ، އެ މަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވެވި ބެންޗުގައި ހިމެނިވަޑައިގަންނަވާ މިހާރުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު މަގާމުން ވަކިކޮށް ޖަލަށް ލާނެ ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި ޔުމްނާ ކުރެއްވި ޓްވީޓުގައި ވަނީ ކުރީގެ ވެރިކަމުގައި ޖަލަށް ލެވުނު މީހުން މަދީތޯ އަދި ޖަލުތައް ބޮޑުކޮށް ހުރިހާ ރައްޔިތުން ޖަލަށް ލާނީތޯ ސުވާލު އުފައްދަވައިފަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ އެ ވާހަކަތައް ދައްކަވަން ޔުމްނާ ލަދުގަންނަން ޖެހޭނެ ކަމަށެވެ. އެއާއެކު، ޑީއާރުޕީ އަދި އޭގެ ފަހުން ޕީޕީއެމްގައި ވެސް މައުމޫންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި މަސައްކަތް ކުރެއްވި އަބްދުއްރަހީމް ވަނީ މައުމޫންގެ 30 އަހަރުގެ އަނިޔާވެރިކަމުގެ ވާހަކަތައް ހިއްސާކުރައްވައިފަ އެވެ.

ކުރީގެ ރައީސްގެ ތިން ބޭފުޅުން ކަމަށްވާ، ޔުމްނާ (ކ) ފާރިސް އަދި ދުންޏާ.-- ފައިލް ފޮޓޯ: މިހާރު

ކުރީގެ ރައީސްގެ ތިން ބޭފުޅުން ކަމަށްވާ، ޔުމްނާ (ކ) ފާރިސް އަދި ދުންޏާ.-- ފައިލް ފޮޓޯ: މިހާރު

"ކަމަނާއަކީ ވެސް މިހާރު 50 އަހަރު ފަހަނައަޅައި ގޮސްފައި ހުރި ބޭފުޅެކޭ. އުމުރުން އަށް އަހަރުން ފެށިގެން ހިިނގާ ކަންތައްތައް ހަމަ ރަނގަޅަށް ހަނދާން ހުންނާނެ. ނަވާރަ ސަތޭކަ ހަތްދިހަ އަށް ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ދޭތެރޭގައި ރާއްޖޭގައި ހިނގައިދިޔަ ގިނަ ކަންތައްތައް އަޅުގަނޑަށް ވުރެ ގާތުން ދެކެވަޑައިގަންނަވާނީ ކަމަނާ. ޖަލަށް މީހުން ލީ ކޮން ސަރުކާރެއްގައި ކަމާއި ޖަލުގައި އަނިޔާކުރީ ކޮން ސަރުކާރެއްގައި ކަމާއި، ޖަލުގައި އެތައް ބަޔަކު ވާނުވާ ނޭނގި ގެއްލިގެން ދިޔައީ ކޮން ސަރުކާރެއްގައިކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނާވީ ތިޔަ ބޭފުޅާއަށޭ،" މައުމޫންގެ އެއްބަފާ ކޮއްކޯފުޅު، ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަަޑައިގެންނެވި ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެހެންވީމަ، ތިޔަ ކަހަލަ ވާހަކަދައްކަންވާނީ ކޮންމެ ވެސް ކަހަލަ ލަދެއް ހުރެގެން."

މައުމޫނަށް ނިސްބަތްކޮށް މާ ގިނަ ވާހަކަތައް ދައްކަން ބޭނުން ނުވިއަސް އެ ވާހަކަތައް ދައްކަން ޖެހެނީ މައުމޫންގެ ބޭފުޅުން، ހާއްސަކޮށް ޔުމްނާ ނުކުމެވަޑައިގެން ޔާމީނަށް މަލާމާތާއި ފުރައްސާރަ ރައްދުވާގޮތަށް ދައްކަވާ ވާހަކަތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

ގާމޫދާ ޖަލާއި ދޫނިދޫ ޖަލު އަދި ގިރިފުށީ ޖަލުގައި މީހުންނަށް ދިން އަނިޔާތައް އަމިއްލައަށް ފެނުނު މީހަކަށް އޭނާ ވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ފުލުސް ކޯޓު އުފައްދައިގެން ބޭނުން ގޮތަކަށް ހުކުމް ކުރަމުން ދިޔައީ ކޮން ސަރުކާރެއްގައި ކަން ހަނދާން އެބަހުރި ކަމަށެވެ. ތުހުމަތުން ދިފާއު ވެވޭކަށް އޭރު ނެތް ކަމަށް، އަމިއްލަ ތަޖުރިބާގެ އަލީގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑަކީ ފުލުސް ކޯޓަށް ޝަރީއަތަށް ގެންދިޔަ މީހެކޭ....ދައުލަތުން ތެދުވެ ބުނަނީ އަބްދުއްރަހީމްގެ މައްޗަށް ދައުވާ ކުރަނީ އެސްޓީއޯގެ ފައިސާއަށް ހިިޔާނަތްތެރިވުމާ ގުޅިގެންނޭ...އެ ބޭފުޅާ ތެދުވެ ވިދާޅުވީ ފައިސާގެ މައްސަލައިގައި 11 އަހަރާއި 11 މަސް ދުވަހަށް ހުކުމްކޮށް މި ގަޟިއްޔާ ނިންމީއޭ. މިއީ އޭރުގެ ޝަރީއަތް ކުރިގޮތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަނިޔާތަކުގައި އެތައް ބަޔަކު މަރުވެގެން ދިޔައަސް އެކަންކަން އިނގޭ މީހުން އަދިވެސް ދުނިޔޭގައި އެބަތިބިކަން އޭނާ ފާހަގަކުރެއްވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ އިންތިހާބުގައި ފޮނަދޫގައި ބަހައްޓާފައި ހުރި ފޮއްޓަކަށް 721 ވޯޓުލައި އޭގެ ތެރޭގައި އެންމެ ނުބައި ފާހަގައެއް އޮތުމުން ވަޒީފާއިން ވަކިކޮށް އޭނާ ފޮނުވާލީ ގެއަށް ކަމަށެވެ.

"ދެން ކޮން އިންސާފެއްގެ ވާހަކަތޯ ތި ދައްކަވަނީ. އަމިއްލަ ތަޖުރިބާގެ އަލީގައި މި ވާހަކަ މި ދައްކަނީ...ރައީސް ޔާމީންގެ އަނިޔާވެރިކަމުގެ ވާހަކައެއް ނުދެއްކޭނެ. ރައީސް ޔާމީން ބަންދުކުރި ކޮންމެ މީހަކު ބަންދުކޮށްފައި ހުންނާނީ ގާނޫނީ އިމުގެ ތެރެއިން. އެކަމަކު މި ދެންނެވި ދުވަސްވަރު ކިހިނެއްތޯ ކަންތައް ކުރީ. ވާނުވާއެއް ނޭނގޭ، އަބުރާ ބެހުނީއޭ ސިޔާސަތާ ބެހުނީއޭ ކިޔާފައި ގެންގޮސް ޖަލުގައި އެބަ އޮންނަން ޖެހޭ ދެ ތިން އަހަރު،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"ގާމާދޫ ޖަލުން އެއްބަސްނުވީމަ ދެން ގެންދަނީ ދޫނިދޫ ޖަލަށް. އަޅުގަނޑު އޮތީމޭ ދޫނިދޫ ވަލުތެރޭގައި ވެހެންޏާ ވާރޭގައި، ދިއްލެންޏާ އަވީގައި. އަށް އިންޗި ފިލައެއްގެ މަތީގައި އަނދަގޮނޑި ޖަހާފައި ޗޭން ޖަހާފައި އެއް މަސް ދުވަސް ވަންދެން. އެހެންވެގެން މި ވާހަކަ މި ދައްކަނީ. އެ އަނިޔާ ދީފައި ހުރީމަ މި ދައްކަނީ...މި ރާއްޖެ ދުށް އެންމެ ޖައްބާރު ވެރިކަމެއް ކުރީ ރައީސް މައުމޫން އަބްދުލް ގައްޔޫމް."

އޭނާ ވިދާޅުވީ ޔާމީންގެ ވެރިކަމުގައި މީހުން ހައްޔަރުކުރީ ގާނޫނާ އެއްގޮތަށް ކަމަށާއި އެކަން މިހާރު ކޯޓުތަކުން ނިންމަމުންދާ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތުން މި ކޯލިޝަން ސަރުކާރު ބަލިކޮށް، މިހާރު ހިންގަމުންދާ އަނިޔާވެރި ކަންކަން ބަލާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.