Roadha Mihaaru
އެންމެ ވޯޓެއްގެ ތަފާތުން ވިލިމާލެ ގޮނޑި ޕީޕީއެމަށް

އެންމެ ވޯޓެއްގެ ތަފާތުން ވިލިމާލެ ގޮނޑި ޕީޕީއެމަށް

14 މެއި 2022

‏މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާއަށް މެންބަރަކު ހޮވުމަށް ބޭއްވި ބައި-އިލެކްޝަން އެންމެ ވޯޓެއްގެ ތަފާތުން ޕީޕީއެމުން ކާމިޔާބުކޮށްފި އެވެ.

އަހުމަދު ޝަބީން އަހުމަދު ޝަބީން

‏މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާއަށް މެންބަރަކު ހޮވުމަށް ބޭއްވި ބައި-އިލެކްޝަން އެންމެ ވޯޓެއްގެ ތަފާތުން ޕީޕީއެމުން ކާމިޔާބުކޮށްފި އެވެ.

މިއަދު ހެނދުނު އަށަކުން ފެށިގެން ހަވީރު ހަތަރަކަށް ކުރިއަށް ގެންދިޔަ އިންތިހާބުގައި ޕީޕީއެމްގެ ނާޒިމާއާ ވާދަކުރެއްވީ، އެމްއެންޕީގެ ޓިކެޓުގައި ނުކުންނެވި އާމިނަތު ޝީޒާ އެވެ.

މި އިންތިހާބު ނާޒިމާ ކާމިޔާބުކުރެއްވީ 359 ވޯޓުންނެވެ. ޝީޒާއަށް ލިބިވަޑައިގަތީ 358 އެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 2،900 މީހުންނަށް ލިބުނެވެ.

މާލޭގެ އަންހެނުންގެ ކޮމިޓީގެ ގޮނޑިއެއް ހުސްވީ ވިލިމާލެ ދާއިރާ ތަމްސީލްކުރެއްވި އައިމިނަތު އީމާން، އެކްސިޑެންޓެއްގައި ނިޔާވުމުންނެވެ. މި ގޮނޑިއަށް އެމްޑީޕީން ވެސް ވާދަކުރަން އުޅުނެވެ. އެކަމަކު، އެ ޕާޓީގެ ކެންޑިޑޭޓުގެ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތީ، ވަގުތު ހަމަވި ފަހުން ބައެއް ލިއުންތައް ހުށަހެޅުންނެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ޖުމްލަ 17 މެމްބަރުން ތިބޭ އެ ކޮމިޓީގެ ސާފު އަޣުލަބިއްޔަތު 12 މެމްބަރުންނާ އެކު އޮތީ އެމްޑީޕީއަށެވެ. އެ ކޮމެޓީގައި ދެން ތިބެނީ ޕީޕީއެމްގެ މެމްބަރަކާއި އަދާލަތު ޕާޓީ އާއި އެމްއާރުއެމްގެ މެމްބަރެއްގެ އިތުރުން މިނިވަން ދެ މެމްބަރެކެވެ.