Roadha Mihaaru
އެމްއެންޕީ އިން އެދެނީ ވޯޓު އަލުން ގުނަން

ވޯޓު އަލުން ގުނަން އެދި އެމްއެންޕީ އިން މައްސަލަ ހުށަހަޅަނީ

14 މެއި 2022

‏މާލެ ސިޓީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާ އަށް މެންބަރަކު ހޮވުމަށް ބޭއްވި ބައި-އިލެކްޝަނުގެ ވޯޓު ގުނާފައި ވަނީ ބާތިލު ވޯޓާ އެކު ކަމަށް ބުނެ އެމްއެންޕީ އިން އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ނިންމައިފި އެވެ.

އަހުމަދު ޝަބީން އަހުމަދު ޝަބީން

‏މާލެ ސިޓީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާ އަށް މެންބަރަކު ހޮވުމަށް ބޭއްވި ބައި-އިލެކްޝަނުގެ ވޯޓު ގުނާފައި ވަނީ ބާތިލު ވޯޓާ އެކު ކަމަށް ބުނެ އެމްއެންޕީ އިން އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ނިންމައިފި އެވެ.

މިއަދު ހެނދުނު އަށަކުން ފެށިގެން ހަވީރު ހަތަރަކަށް ކުރިއަށް ގެންދިޔަ އިންތިހާބު, ޕީޕީއެމްގެ ފާތިމަތު ނާޒިމާ ކާމިޔާބުކުރެއްވީ އެންމެ ވޯޓެއްގެ ތަފާތަކުންނެވެ.

ނާޒިމާ އިންތިހާބު ކާމިޔާބުކުރެއްވީ 359 ވޯޓުންނެވެ. އެމްއެންޕީގެ ފަރާތުން ވާދަކުރެއްވި ޝީޒާ އަށް ލިބިވަޑައިގަތީ 358 ވޯޓެވެ.

ވިލިމާލެ ދާއިރާގެ އަންހެނުން ކޮމިޓީއަށް އެމްއެންޕީގެ ޓިކެޓުގައި ވާދަކުރާ ޝީޒާ އަދި ޕީޕީއެމުން ވާދަކުރާ ނާޒިމާ.-- ފޮޓޯ: ސޯޝަލް މީޑިއާ

ވިލިމާލެ ދާއިރާގެ އަންހެނުން ކޮމިޓީއަށް އެމްއެންޕީގެ ޓިކެޓުގައި ވާދަކުރާ ޝީޒާ އަދި ޕީޕީއެމުން ވާދަކުރާ ނާޒިމާ.-- ފޮޓޯ: ސޯޝަލް މީޑިއާ

އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ''މިހާރު'' އަށް ވިދާޅުވީ އިންތިހާބުގެ ބާތިލު ވޯޓު ގުނިއިރު މައްސަލަތަކެއް އުޅޭ ކަމަށް, ވޯޓު ފޮށިތައް ކައިރީގައި ތިބި އެ ޕާޓީގެ ބައެއް އޮބްޒާވަރުން ބުނި ކަމަށެވެ.

އެންމެ ވޯޓެއްގެ ތަފާތުން ނަތީޖާ ނުކުތުމުން އެކަން ބަލައިލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރެވޭތީ ބާތިލު ވޯޓުތަކާ އެއްކޮށް ރީކައުންޓަކަށް ދާން މައްސަލަ ހުށަހަޅަން ނިންމާފައިވާ ކަމަށް އުޝާމް ވިދާޅުވި އެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 2،900 މީހުންނަށް ލިބުނެވެ.

މާލޭގެ އަންހެނުންގެ ކޮމިޓީގެ ގޮނޑިއެއް ހުސްވީ ވިލިމާލެ ދާއިރާ ތަމްސީލްކުރެއްވި އައިމިނަތު އީމާން، އެކްސިޑެންޓެއްގައި ނިޔާވުމާ ގުޅިގެންނެވެ. އެ ގޮނޑި އަށް އެމްޑީޕީން ވެސް ވާދަކުރަން އުޅުނެވެ. އެކަމަކު، އެ ޕާޓީގެ ކެންޑިޑޭޓުގެ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތީ، ވަގުތު ހަމަވި ފަހުން ބައެއް ލިއުންތައް ހުށަހެޅުންނެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ޖުމްލަ 17 މެމްބަރުން ތިބޭ އެ ކޮމިޓީގެ ސާފު އަޣުލަބިއްޔަތު 12 މެމްބަރުންނާ އެކު އޮތީ އެމްޑީޕީއަށެވެ. އެ ކޮމެޓީގައި ދެން ތިބެނީ ޕީޕީއެމްގެ މެމްބަރަކާއި އަދާލަތު ޕާޓީ އާއި އެމްއާރުއެމްގެ މެމްބަރެއްގެ އިތުރުން މިނިވަން ދެ މެމްބަރެކެވެ.