Roadha Mihaaru
ވިލިމާލެ ދާއިރާގެ ވޯޓު ގުނުމާ މެދު ގޮތެއް ނުނިންމާ

ވިލިމާލެ ދާއިރާގެ ވޯޓު ގުނުމާ މެދު އަދި ގޮތެއް ނުނިންމާ

15 މެއި 2022

‏މާލޭގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާ އަށް މެންބަރަކު ހޮވުމަށް އިއްޔެ ބޭއްވި ބައި-އިލެކްޝަނުގެ ވޯޓު އަލުން ގުނައިދިނުމަށް އެމްއެންޕީން އެދިފައި ވިޔަސް އެކަން ކުރުމާ އަދި ގޮތެއް ނުނިންމާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

‏މާލޭގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާ އަށް މެންބަރަކު ހޮވުމަށް އިއްޔެ ބޭއްވި ބައި-އިލެކްޝަނުގެ ވޯޓު އަލުން ގުނައިދިނުމަށް އެމްއެންޕީން އެދިފައި ވިޔަސް އެކަން ކުރުމާ އަދި ގޮތެއް ނުނިންމާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު "މިހާރު" އަށް ވިދާޅުވީ، އެ މައްސަލަ އެ ކޮމިޝަނުގެ ކޮމްޕްލެއިންސް ބިއުރޯ އިން މިހާރު ބަލަމުން އަންނަ ކަމަށެވެ.

"ކޮމްޕްލެއިންސް ބިއުރޯ އިން ބަލާފައި އެ ބޭފުޅުންގެ ރިކޮމެންޑޭޝަން ފޮނުއްވާނީ އިލެކްޝަންސް ކޮމިޝަންގެ ފަސް މެންބަރުންނަށް. ފޮނުވީމާ އަޅުގަނޑުމެން ބަލާފައި، ގުނަން ޖެހޭނެ ކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރި ކަމަށް ފެންނަ ނަމަ އަލުން ވޯޓު ގުނާނީ،" އޭނާ ވިދާޅުވި އެވެ.

ފުއާދު ވިދާޅުވިގޮތުގައި، ވޯޓު އަލުން ގުނާ ނަމަ، އެ ކަން ކުރާނީ ދެ ކެނޑިޑޭޓުންނަށް ވެސް އަންގައި، އެ ކެންޑިޑޭޓުންގެ ހާޒިރުގަ އެވެ.

އެ ބައި-އިލެކްޝަން އިންތިހާބު, ޕީޕީއެމްގެ ފާތިމަތު ނާޒިމާ ކާމިޔާބުކުރެއްވީ އެންމެ ވޯޓެއްގެ ތަފާތަކުންނެވެ. ނާޒިމާއަށް 359 ވޯޓު ލިބުނުއިރު، އޭނާއާ ވާދަކުރެއްވި އެމްއެންޕީގެ ކެންޑިޑޭޓް ޝީޒާއަށް ލިބުނީ 358 ވޯޓެވެ.

އެމްއެންޕީން ވޯޓު އަލުން ގުނުމަށް އެދި ހުށަހަޅަން ނިންމީ އިންތިހާބުގެ ވޯޓު ގުނީ ބާތިލު ވޯޓާއެކު ކަމަށް ބުނެ އެވެ.

އެމްއެންޕީގެ ނައިބު ރައީސް، ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު އުޝާމް އިއްޔެ "މިހާރު" އަށް ވިދާޅުވީ އިންތިހާބުގެ ބާތިލު ވޯޓު ގުނިއިރު މައްސަލަތަކެއް އުޅޭ ކަމަށް, ވޯޓު ފޮށިތައް ކައިރީގައި ތިބި އެ ޕާޓީގެ ބައެއް އޮބްޒާވަރުން ބުނި ކަމަށެވެ.

އެންމެ ވޯޓެއްގެ ތަފާތުން ނަތީޖާ ނުކުތުމުން އެކަން ބަލައިލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރެވޭތީ ބާތިލު ވޯޓުތަކާ އެއްކޮށް ރީކައުންޓަކަށް ދާން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 2،900 މީހުންނަށް ލިބުނެވެ. މާލޭގެ އަންހެނުންގެ ކޮމިޓީގެ ގޮނޑިއެއް ހުސްވީ ވިލިމާލެ ދާއިރާ ތަމްސީލް ކުރެއްވި އައިމިނަތު އީމާން، އެކްސިޑެންޓެއްގައި ނިޔާވުމާ ގުޅިގެންނެވެ. އެ ގޮނޑި އަށް އެމްޑީޕީން ވެސް ވާދަކުރަން އުޅުނެވެ. އެކަމަކު، އެ ޕާޓީގެ ކެންޑިޑޭޓުގެ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތީ، ވަގުތު ހަމަވި ފަހުން ބައެއް ލިޔުންތައް ހުށަހެޅުންނެވެ. ލާމަރުކަޒީ ގާނޫނުގެ ދަށުން ޖުމްލަ 17 މެމްބަރުން ތިބޭ މާލޭގެ އަންހެނުންގެ ކޮމިޓީގެ ސާފު އަޣުލަބިއްޔަތު 12 މެމްބަރުންނާ އެކު އޮތީ އެމްޑީޕީއަށެވެ. އެ ކޮމެޓީގައި ދެން ތިބެނީ ޕީޕީއެމްގެ މެމްބަރަކާއި އަދާލަތު ޕާޓީ އާއި އެމްއާރުއެމްގެ މެމްބަރެއްގެ އިތުރުން މިނިވަން ދެ މެމްބަރެކެވެ.