Roadha Mihaaru
އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ/އެމްއެންޕީ ވާދަކުރަނީ

މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ/އެމްއެންޕީ ވާދަކުރާނީ ގުޅިގެން!

10 އޮކްޓޯބަރ 2023

ކުރިއަށް އޮތް ހުރިހާ އިންތިހާބެއްގައި ގުޅިގެން ވާދަ ކުރަން ޕީޕީއެމް/ޕީއެންސީއާ އެކު އެއްބަސްވެފައިވާ ކަމަށް އެމްއެންޕީން މިރޭ ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރިއަށް އޮތް ހުރިހާ އިންތިހާބެއްގައި ގުޅިގެން ވާދަ ކުރަން ޕީޕީއެމް/ޕީއެންސީއާ އެކު އެއްބަސްވެފައިވާ ކަމަށް އެމްއެންޕީން މިރޭ ބުނެފި އެވެ.

އެމްއެންޕީގެ ކައުންސިލް ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް އެކަން ހާމަކުރެއްވީ، ޕީޕީއެމް/ޕީއެންސީއާ އެކު ހަދާފައިވާ ކޯލިޝަން އެއްބަސްވުމުގައި އިންތިހާބުތަކާ ގުޅޭ ގޮތުން ހުރި ވާހަކަތައް ސާފު ނުވާތީ އެކަމާ ބައެއް މެމްބަރުން ކަންބޮޑުވުން ފާޅު ކުރުމުންނެވެ.

ނާޒިމް ވިދާޅުވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ވެފައިވާ އެއްބަސްވުމުގައި އިންތިހާބާ ބެހޭ ހާއްސަ މާއްދާއެއް އޮންނާނެ ކަމަށެވެ.

އެ މާއްދާގައިވާ ގޮތުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި ބާއްވާ ހުރިހާ އިންތިހާބެއްގައި ތިން ޕާޓީ ވާދަ ކުރާނީ ގުޅިގެން ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އިންތިހާބެއް ކުރިމަތިވުމުން ޕްރައިމަރީއެއް ބާއްވަން ޖެހިއްޖެ ނަމަ ޕްރައިމަރީއެއް ބާއްވައި އެ ޕްރައިމަރީ އިން މޮޅުވާ މީހަކަށް ހުރިހާ ޕާޓީއަކުން ތާއީދު ކުރާނީ،" ޕީޕީއެމް/ޕީއެންސީއާ އެކު މިދިޔަ މަހުގެ 12 ވި އެއްބަސްވުމުގައި މަޖިލިހުގެ އިންތިހާބަށް ވާދަކުރުމާ ގުޚޭ މާއްދާ ތަފުސީލް ކޮށްދެއްވަމުން ނާޒިމް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވާ ގޮތުން ދެން އެންމެ އަވަހަށް އޮންނާނީ އަންނަ ޖެނުއަރީ މަހު ބާއްވާ މާލޭ މޭޔަރު ކަމުގެ އިންތިހާބެވެ. އެއަށް ފަހު މާޗު ނުވަތަ އޭޕްރިލްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނެ އެވެ.

ނާޒިމް ވިދާޅުވީ އެއްބަސްވުމުގައިވާ ގޮތުން އެ އިންތިހާބުތަކުގައި ވެސް ވާދަ ކުރާނީ ޕީޕީއެމް/ޕީއެންސީ/އެމްއެންޕީ ގުޅިގެން ކަމަށެވެ.