Roadha Mihaaru
ކުލި ނަގަން ފެށިއިރު ވެސް ނުނިމޭ 700 ފްލެޓް

ކުލި ނަގަން ފެށިއިރު ވެސް ކުންފުނިތަކުން 700 ފްލެޓްގެ މަސައްކަތް ނުނިންމާ

15 މެއި 2022

ހުޅުމާލޭގައި ހަދާފައިވާ ހިޔާ ފްލެޓްތަކުން ކުލި ނަގަން ފެށިއިރު ވެސް ފިނިޝިން މަސައްކަތްކުރުމަށް އެޑްވާންސް ފައިސާ ނަގައި އެކި ކުންފުނިތަކުން ނުނިންމާ ހުރި ފްލެޓްތަކުގެ އަދަދު 700 އަށް އަރާނެ ކަމަށް އާންމު އެކުވެރި ގުޅުން (ކޮތަރުކޮށި) ޖަމިއްޔާ އިން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭގައި ހަދާފައިވާ ހިޔާ ފްލެޓްތަކުން ކުލި ނަގަން ފެށިއިރު ވެސް ފިނިޝިން މަސައްކަތްކުރުމަށް އެޑްވާންސް ފައިސާ ނަގައި އެކި ކުންފުނިތަކުން ނުނިންމާ ހުރި ފްލެޓްތަކުގެ އަދަދު 700 އަށް އަރާނެ ކަމަށް އާންމު އެކުވެރި ގުޅުން (ކޮތަރުކޮށި) ޖަމިއްޔާ އިން ބުނެފި އެވެ.

މިދިޔަ އޭޕްރީލް މަހުން ފެށިގެން ހިޔާ ފްލެޓްތަކުގެ ކުލި ނަގަން ފެށިޔަސް ބައެއް މީހުންނަށް ފްލެޓަށް ދިރިއުޅުން ބަދަލުނުކުރެވިގެން އުޅެނީ އެ މީހުންގެ ފްލެޓްގެ މަސައްކަތް ހަވާލުކުރި ކުންފުނިތަކުން އެތަންތަން ނުނިންމައިގެންނެވެ.

އެޑްވާންސް ފައިސާ ދައްކާފައި ވަނީ ވަކި މުއްދަތަކަށް ފްލެޓް ނިންމާ ގޮތަށް ނަމަވެސް މުއްދަތު ހަމަވެ އެތައް ތާރީހެއް ދިންއިރު ވެސް އެތަނަށް ނުވަދެވި އުޅެނިކޮށް ކުލި ދައްކަން ޖެހިފައިވާތީ އެ މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މީގެ އިތުރުން އަމިއްލަ މީސްމީހުންނާ ހަވާލުކޮށްގެން ހަދާ ތަންތަން ވެސް އެބަ ހުއްޓެވެ. އެކަމަކު އޭގެ ތެރެއިން ނުނިމޭ ތަންތަނުގެ އަދަދެއް ނޭނގެ އެވެ.

ކޮތަރުކޮށީގެ ނަމުން މަޝްހޫރު އާންމު އެކުވެރި ގުޅުމުގެ ފައުންޑަރު އަދި ރައީސް މިދުއަމް ސައުދު، "މިހާރު" އަށް ވިދާޅުވީ އެ ޖަމިއްޔާއިން ކުރިއަށް ގެންދިޔަ ޕޯލުން އެނގޭ ގޮތުގައި ފްލެޓްގެ މަސައްކަތް އެކި ކުންފުނިތަކާ ހަވާލުކޮށްގެން ނުނިމި ހުރި ތަންތަނުގެ އަދަދު 700 އަށް އަރާނެ ކަމަށެވެ.

އޭގެ ތެރޭގައި އެންމެ ގިނައީ އެޕިކް ޝެލްޓާއާ ހަވާލުކުރި ތަންތަަން ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޔާ ފްލެޓެއްގެ އެތެރޭގެ މަސައްކަތްކުރަނީ-- ފޮޓޯ: ނިޝާން އަލީ/ މިިހާރު

ހިޔާ ފްލެޓެއްގެ އެތެރޭގެ މަސައްކަތްކުރަނީ-- ފޮޓޯ: ނިޝާން އަލީ/ މިިހާރު

ފްލެޓްތަކުގެ މަސައްކަތް ނުނިމި ދިގުލައިގެންދާއިރު އެ މީހުން އެޑްވާންސަށް ދެއްކި ފައިސާ އަނބުރާ ނުލިބޭ ކަމުގެ ޝަކުވާ ވެސް ބައެއް މީހުން ކުރެ އެވެ. އެހެންވެ އެހެން ބަޔަކާ ހަވާލުކޮށްގެން ވެސް މަސައްކަތް ކުރިއަށް ގެންދަން ދަތިވެފައިވާ ކަމަށްވެ އެވެ.

ބައެއް ކުންފުނިތަކުން މުއްދަތަށް ފްލެޓްގެ މަސައްކަތް ނުނިންމައިގެން ޝަކުވާ ކުރަމުންދާއިރު ކުންފުނިތަކުން ބުނަނީ ކޮވިޑަށް ފަހު ބޭރުން މުދާ ގެނައުމުގައި ދަތިވެ، އެ މަސައްކަތަށް ވެސް ވަގުތު ނަގަނީ ކަމަށެވެ.

ހިޔާގެ 16 ޓަވަރުން 6،720 އާއިލާއަކަށް ފްލެޓް ލިބުނެވެ. އެތަނުން ސާވިސް ފީއާ އެކު މަހު ކުއްޔަށް 8،500ރ. ނަގަން ފަށާފައިވާއިރު ސަރުކާރުން ކުލި ކުޑަކުރަންޖެހޭނެ ކަމަށް ބުނެ ބައެއް މީހުން ކުއްޔެއް ނުދައްކަ އެވެ. އެމީހުން ބޭނުން ވަނީ ކުއްޔަށް 5،600ރ. ނަގާ ގޮތަށް ބަދަލުކުރާށެވެ.