Roadha Mihaaru
މަނީ ލޯންޑަރިންގެ ތުހުމަތަށް އަލްހާން ފުލުހަށް

މަނީ ލޯންޑަރިންގެ ތުހުމަތަށް އަލްހާން ފުލުހަށް ހާޒިރުކުރަނީ

15 މެއި 2022

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އިސްކޮށް ހުންނަވައި، އޭނާގެ ކުންފުނި "ކިންގްސް ފޮރެކްސް ޓްރޭޑިން" ބޭނުންކޮށްގެން މަނީ ލޯންޑަރިން ކުރާ ކަމުގެ ތުހުމަތަށް އޭނާ ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އިސްކޮށް ހުންނަވައި، އޭނާގެ ކުންފުނި "ކިންގްސް ފޮރެކްސް ޓްރޭޑިން" ބޭނުންކޮށްގެން މަނީ ލޯންޑަރިން ކުރާ ކަމުގެ ތުހުމަތަށް އޭނާ ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

ފުލުހަށް ހާޒިރުވުމަށް އެދި ފުލުހުން އަލްހާން އަށް ފޮނުވާފައިވާ ޗިޓުގައި ބުނެފައި ވަނީ ކިންގްސް ކުންފުނި ބޭނުންކޮށްގެން ރާއްޖޭގެ މާލީ ސެކިއުރިޓީގެ ގާނޫނާއި ގަވައިދުތަކާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގަށް އޭނާ އާ ސުވާލު ކުރުމަށް އަންނަ އަންގާރަ ދުވަހު ފުލުހަށް ހާޒިރުވުމަށް ވަނީ އަންގައިފަ އެވެ.

އެކަމާ ގުޅިގެން އަލްހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއީ އެއްވެސް އަސާސެއް ނެތި ވިޔަފާރި ހުއްޓުވައި ގެއްލުންދީ ބަދުނާމް ކުރުމުގެ ގޮތުން ބަޔަކު އަޑީގައި ތިބެގެން ދައުލަތުގެ މުއައްސަސާއެއް ބޭނުންކޮށްގެން ހިންގާ ޖަރީމާއެއް ކަމަށެވެ.

އޭނާ ޖިނާއީ ގާނޫނާ ހިލާފު އެއްވެސް އަމަލެއް ކޮށްފައި ނުވާ ކަމަށް ވެސް އަލްހާން ވިދާޅުވި އެވެ.

ކަމާ ބެހޭ ފަރާތްތަކަށް ގޮންޖައްސަވައި، "އިންވެސްޓްމެންޓް ފަންޑު" ހިންގާނެ ކަމަށް ބުނަމުން ދިޔަ އަލްހާން މިހާރު ވަނީ އެ ކުންފުންޏަށް އިންވެސްޓްމަންޓް ބަލައިގަތުން ހުއްޓާލައިފަ އެވެ. އަދި އެ ކުންފުންޏަށް ފައިސާ އިންވެސްޓު ކުރި ގިނަ ބަޔަކަށް އަނބުރާ ފައިސާ ދައްކަން އޭނާ އަށް ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ.