Roadha Mihaaru
ތުހުމަތުތަކަށް އަލްހާން ކުރެއްވީ އިންކާުރު

މަނީ ލޯންޑަރިންގެ ތުހުމަތަށް އަލްހާން އިންކާރުކުރައްވައިފި

18 މެއި 2022

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އިސްކޮށް ހުންނަވައި، އޭނާގެ ކުންފުނި "ކިންގްސް ފޮރެކްސް ޓްރޭޑިން" ބޭނުންކޮށްގެން މަނީ ލޯންޑަރިން ކުރާ ކަމުގެ ތުހުމަތަށް އޭނާ އިންކާރު ކުރައްވައިފި އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އިސްކޮށް ހުންނަވައި، އޭނާގެ ކުންފުނި "ކިންގްސް ފޮރެކްސް ޓްރޭޑިން" ބޭނުންކޮށްގެން މަނީ ލޯންޑަރިން ކުރާ ކަމުގެ ތުހުމަތަށް އޭނާ އިންކާރު ކުރައްވައިފި އެވެ.

އެ ތުހުމަތުތަކާ ގުޅިގެން ރޭ ފުލުހަށް ހާޒިރުކޮށް އަލްހާންއާ ދޮޅުގަޑިއިރެއް ހާއިރު ވަނީ ސުވާލުކޮށްފަ އެވެ.

ފުލުހުންގެ އިދާރާއިން ނުކުމެވަޑައިގަތުމަށް ފަހު އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަކަރާއި ހީލަތް ހަދައިގެން މީހުން އަތުން ފައިސާ ނަގާ މަނީ ލޯންޑާ ކުރި ކަމަށް ބުނެ ފުލުހުން ކުރި ތުހުމަތަށް އޭނާ އިންކާރު ކުރައްވާފައިވާ ކަމަށެވެ.

ފުލުހުންގެ އިދާރާއިން ނުކުމެވަޑައިގަތުމަށް ފަހު އަލްހާން ކުރެއްވި ޓްވީޓް

ފުލުހަށް ހާޒިރުވުމަށް އެދި ފުލުހުން އަލްހާނަށް ފޮނުވި ޗިޓުގައި ބުނެފައި އޮތީ ކިންގްސް ކުންފުނި ބޭނުންކޮށްގެން ރާއްޖޭގެ މާލީ ސެކިއުރިޓީގެ ގާނޫނާއި ގަވައިދުތަކާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އެކަމާ ގުޅިގެން އަލްހާން މީގެ ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއީ އެއްވެސް އަސާސެއް ނެތި ވިޔަފާރި ހުއްޓުވައި ގެއްލުންދީ ބަދުނާމް ކުރުމުގެ ގޮތުން ބަޔަކު އަޑީގައި ތިބެގެން ދައުލަތުގެ މުއައްސަސާއެއް ބޭނުންކޮށްގެން ހިންގާ ޖަރީމާއެއް ކަމަށެވެ.

ގާނޫނާ ހިލާފު އެއްވެސް އަމަލެއް ކޮށްފައި ނުވާ ކަމަށް ވެސް އަލްހާން ވިދާޅުވި އެވެ.

އަލްހާންގެ ކޮއްކޮ އަދި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ އަށް ވެސް ވަނީ މަނީ ލޯންޑަރިންގެ ތުހުމަތުކޮށް ފުލުހަށް ހާޒިރުވާން އަންގައިފަ އެވެ. މިރޭ އަށެއް ޖަހާއިރު އޭނާ ފުލުހަށް ހާޒިރުކުރާނެ އެވެ.

ކަމާ ބެހޭ ފަރާތްތަކަށް ގޮންޖައްސަވައި، "އިންވެސްޓްމެންޓް ފަންޑު" ހިންގާނެ ކަމަށް ބުނަމުން ދިޔަ އަލްހާން މިހާރު ވަނީ އެ ކުންފުންޏަށް އިންވެސްޓްމަންޓް ބަލައިގަތުން ހުއްޓާލައިފަ އެވެ. އަދި އެ ކުންފުންޏަށް ފައިސާ އިންވެސްޓު ކުރި ގިނަ ބަޔަކަށް އަނބުރާ ފައިސާ ދެއްކޭނެ ގޮތް އޭނާއަކަށް ނުވި އެވެ. އެ މައްސަލައިގައި ބައެއް މީހުން މިހާރު ވަނީ ޕޮލިހުގައި މައްސަލަ ވެސް ޖައްސައިފަ އެވެ.