Roadha Mihaaru
ކިންގްސްގެ އާ ސްކީމެއް، 65 މިލިއަން ކުރިން ގެއްލުނު

ކިންގްސް އިން އާ ސްކީމެއް، ކުރީގެ ސްކީމުން ނެގި 98 މިލިއަނުން 65 މިލިއަން ވަނީ "ގެއްލިފައި"

10 މާޗް 2023

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އާއިލާގެ ބައެއް ބޭފުޅުންގެ ކިންގްސް ކެޕިޓަލް ހޯލްޑިން އިން އޮންލައިން ޓްރޭޑިންގެ ނަމުގައި އެތައް ބައެއްގެ އަތުން 98 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައި އޭގެ ތެރެއިން 65 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދެއްކޭ ހާލަތަށް ގޮސްފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ކަމަށް ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އާއިލާގެ ބައެއް ބޭފުޅުންގެ ކިންގްސް ކެޕިޓަލް ހޯލްޑިން އިން އޮންލައިން ޓްރޭޑިންގެ ނަމުގައި އެތައް ބައެއްގެ އަތުން 98 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައި އޭގެ ތެރެއިން 65 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދެއްކޭ ހާލަތަށް ގޮސްފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ކަމަށް ބުނެފި އެވެ.

ފުލުުހުން މިހެން ބުނީ ކިންގްސް އިން ހިންގި ސްކީމްގެ މައްސަލަ، މަނީ ލޯންޑަރިންގެ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނަނިކޮށް "ކޮޕީ ޓްރޭޑިން" ގެ ނަމުގައި އާ ސްކީމެއް ފަށައި އިސްތިހާރުކުރާތީ އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުންނެވެ.

ފުލުހުންގެ ތަރުޖަމާނު، ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު ވިދާޅުވީ ކިންގްސް ކުންފުނިން ސޯޝަލް މީޑިއާގައި އަނެއްކާވެސް ސްކީމެއް އިސްތިހާރު ކުރަމުންދާ މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެއީ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ.

އެ މުއާމަލާތްތަކުގައި މީގެ ކުރިން ވެސް ވަކިވަކި ފަރުދުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައި އަނބުރާ ނުލިބޭ ކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ލިބިފައިވާ ކަމަށާއި މިހާރު ވެސް 65 މިލިއަނެއްހާ ރުފިޔާ މީހުންނަށް އަނބުރާ ނުދައްކާ އޮތް ކަމަށް ޔޫނުސް ވިދާޅުވި އެވެ.

ކްރިޕްޓޯ ކަރަންސީ ނުވަތަ ޑިޖިޓަލް ކަރަންސީއަށް ބަދަލުކުރެވުނު ފައިސާގެ މުއާމަލާތްތަކާ ގުޅޭ އިތުރު އެއްވެސް މުއާމަލާތެއް ނުވަތަ ފައިސާ މި ކުންފުނީގެ އެކައުންޓްތަކަށް އެއްވެސް މީޑިއަމްއަކުން އަނބުރާ ލިބިފައިވާކަން ފާހަގަކުރެވިފައި ނެތް: ފުލުހުން

އެ ހާލަތުގައި އަނެއްކާވެސް ސުވާލު އުފެދޭ އިތުރު ސްކީމެއް އިސްތިހާރު ކޮށްގެން ފެށުމުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ޔޫނުސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އިލްތިމާސަކީ މިފަދަ ކަންކަމަށް ރައްޔިތުން ވަރަށް ބޮޑަށް ހޭލުންތެރިވެ ސަމާލުވެގެން ތިބުން. އެފަދަ ސްކީމްތަކުގައި ބައިވެރި ނުވުން،" ޔޫނުސް ވިދާޅުވި އެވެ.

ފުލުހުން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން ކިންގްސް އިން ކުރިން ހިންގި ސްކީމުން ވަނީ 1،864 މީހެއްގެ އަތުން 98 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައި އޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާއިން ކްރިޕްޓޮ ކަރަންސީ ނުވަތަ ޑިޖިޓަލް ކަރަންސީގެ މުއާމަލާތްތަކެއް ހިންގައިފަ އެވެ. އަދި ސްކީމްގައި ބައިވެރިވި މީހުންގެ ފައިސާގެ ތެރެއިން ބައެއް، ކުންފުނީގެ ހިއްސާދާރުންގެ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށްފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށާއި އެ ފައިސާ އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ކިންގްސް އިން ފޮރެކްސް ޓްރޭޑިން އަށް އިންވެސްޓްކުރި މީހުންނަށް 39 މިލިއަން ރުފިޔާ ޕޭއައުޓްސްގެ ގޮތުގައި ދީފައިވާ ކަމަށާއި، އެކަމަކު ފައިދާ ނުހިމަނާ 65 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެކި މީސްމީހުންނަށް ނުދީ ހުރިކަން ވެސް ފުލުހުންނަށް ލިބިފައިވާ ޑޮކިއުމަންޓްތަކުން އެނގޭ ކަމަށެވެ އެވެ. ތަހުގީގުގައި ކިންގްސްގެ އޮފީހެއް ފާސްކޮށް ފުލުހުން ބައެއް ތަކެތި ގެންގޮސްފައި ވާއިރު، ފުލުހުން މިއަދު ބުނީ އެ ކުންފުނިން ސްކީމްގެ ބައިވެރިންނަށް ފަހުން ފައިސާ ދެމުން އައިސްފައިވަނީ ފަހުން އިންވެސްޓްކުރާ މީހުންގެ ފައިސާއިން ކަމަށެވެ.

ކިންގްސް ކެޕިޓަލް ހޯލްޑިންގްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްގައި ކުންފުނީގެ ބައެއް ހިއްސާދާރުންނާއި ވަކީލުން. --ފޮޓޯ: ފަޔާޒް މޫސާ/މިހާރު

ކިންގްސް ކެޕިޓަލް ހޯލްޑިންގްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްގައި ކުންފުނީގެ ބައެއް ހިއްސާދާރުންނާއި ވަކީލުން. --ފޮޓޯ: ފަޔާޒް މޫސާ/މިހާރު

"ކްރިޕްޓޯ ކަރަންސީ ނުވަތަ ޑިޖިޓަލް ކަރަންސީއަށް ބަދަލުކުރެވުނު ފައިސާގެ މުއާމަލާތްތަކާ ގުޅޭ އިތުރު އެއްވެސް މުއާމަލާތެއް ނުވަތަ ފައިސާ މި ކުންފުނީގެ އެކައުންޓްތަކަށް އެއްވެސް މީޑިއަމްއަކުން އަނބުރާ ލިބިފައިވާކަން ފާހަގަކުރެވިފައި ނެތް" ކަމަށް ވެސް ފުލުހުން ބުންޏެވެ.

"ތަހުގީގު ފެށުނުއިރު އެ ކުންފުނިން މައުލޫމާތު ދީފައިވާ ގޮތުގައި، އިންވެސްޓަރުން އަތުން ފައިސާ ނެގުމަށް ފަހު އެ ފައިސާ ކްރިޕްޓޯ ކަރަންސީއަށް ނުވަތަ ޑިޖިޓަލް ކަރަންސީއަށް ބަދަލުކުރި ފައިސާ ފޮރެކްސް ޓްރޭޑިން ކުރުމުގެ ތެރޭގައި މިހާރު ވަނީ ގެއްލިފައި."

ކިންގް ކެޕިޓަލް އިން ކުރިން ސްކީމް ހިންގަމުން ދަނިކޮށް ބީއެމްއެލުން މިދިޔަ އަހަރު ވަނީ އެ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފަ އެވެ. އެހެންވެ އެ މައްސަލާގައި ބޭންކާ ދެކޮޅަށް ކިންގްސް އިން ދައުވާކުރުމުން ސިވިލް ކޯޓުން ނިންމީ އެކައުންޓްތައް ފްރީޒްކުރި ގޮތް ގާނޫނާ ހިލާފް ކަމަށެވެ. އެހެންވެ އެކައުންޓްތައް ވަނީ ދޫކޮށްލައިފަ އެވެ. ނަމަވެސް ސްކީމުގެ ހިންގުމުގައި ހިމެނޭ ޖިނާއީ މައްސަލަތައް އަންނަނީ ތަހުގީގުކުރަމުންނެވެ. އަދި ދައުވާކުރަން ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.