Roadha Mihaaru
ތުހުމަތު އޮތަސް އިސްތިއުފާދޭކަށް ނުވިސްނަން: ޝަހުބާން

ތުހުމަތަކީ ކުށްވެރިއަކަށްވާ ސަބަބެއް ނޫން، އިސްތިއުފާދޭކަށް ނުވިސްނަން: ޝަހުބާން

16 މެއި 2022

މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވުމަކީ ކުށްވެރިއަކަށް ވާންޖެހޭ ސަބަބެއް ނޫން ކަމަށާއި މަގާމުން އިސްތިއުފާ ދޭން ގަސްތު ނުކުރައްވާ ކަމަށް މޯލްޑިވްސް މީީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ ވިދާޅުވެއްޖެ އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވުމަކީ ކުށްވެރިއަކަށް ވާންޖެހޭ ސަބަބެއް ނޫން ކަމަށާއި މަގާމުން އިސްތިއުފާ ދޭން ގަސްތު ނުކުރައްވާ ކަމަށް މޯލްޑިވްސް މީީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ ވިދާޅުވެއްޖެ އެވެ.

މަނީ ލޯންޑަރިންގެ ކުށުގެ ތުހުމަތުގައި ބުދަ ދުވަހުގެ ރޭ ފުލުހަށް ހާޒިރުވުމަށް ފުލުހުން ވަނީ ޝަހުބާނަށް އަންގައިފަ އެވެ. އަދި އޭނާގެ ބޭބެ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވެސް އެ ތުހުމަތުގައި އަންގާރަ ދުވަހު ފުލުހަށް ހާޒިރުވުމަށް ވަނީ އަންގައިފަ އެވެ.

ޝަހުބާން މިއަދު "މިހާރު" އަށް ވިދާޅުވީ ގާނޫނު ބުނާ ގޮތުގައި މީހެއްގެ މައްޗަށް ތުހުމަތެއް ކުރެވުމަކީ އޭނާ ކުށްވެރިއަކަށް ވާންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި މަގާމުގައި އޭނާ ހުއްޓާ އެ ތުހުމަތު ކުރެވުނު ނަމަވެސް، މައްސަލަ ސާބިތު ނުވާހާ ހިނދެއްގައި މަގާމުގައި ދެމިހުންނާނެ ކަމަށް ޝަހުބާން ވިދާޅުވި އެވެ.

"ކައުންސިލުގެ މެންބަރުން ނުވަތަ ކައުންސިލްގެ ގާނޫނާ ގަވާއިދުގެ ތެރެއިން އަޅުގަނޑު މަގާމުން ވަކިކޮށްފި ނަމަ އެއީ އެހެން ކަމެއް. އެކަމަކު މި މައްސަަލައާ ގުޅިގެން، މި ކުރެވޭ ތުހުމަތާ ގުޅިގެން މަގާމުން ދުރަށް ޖެހުމުގެ [އިސްތިއުފާ ދިނުމުގެ] ވިސްނުމެއް ނެތް،" ޝަހުބާން ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ހަދައި އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދުމާއި އެ ފައިސާ ލޯންޑާކުރާ ކަމުގެ ތުހުމަތު ޝަހުބާނަށް ވެސް ކުރެ އެވެ. އޭނާ އަކީ އެ ކުންފުނީގައި އަލްހާންގެ އިތުރުން އަނެއް ހިއްސާދާރެވެ.

ކުރެވޭ ތުހުމަތާ ގުޅިގެން ޝަހުބާން ބުނީ، އެ ކުންފުނިން ގާނޫނާއި ގަވައިދާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި ޓްރޭޑް ކުރުމާ ގުޅޭ ގާނޫނީ އޮނިގަނޑެއް ރާއްޖޭގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދައުލަތުގެ އެކި މުއައްސަަސާތަކުން ފިއްތުންތައް ކުރިމަތިކުރުވައިގެން އަޅުގަނޑުމެންގެ މަސައްކަތް ވަނީ ހުއްޓިފައި، އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ޑިކްލެއަރެންސް ޕާޓްނަރާ ދެމެދުގައި އޮތް އެއްބަސްވުން ވަނީ ވަގުތީގޮތުން ސަސްޕެންޑުކުރެވިފައި،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގާނޫނުގައި މަނާކަމެއް ނޫން މި ކުރަނީ. ރާއްޖޭގެ އެއްވެސް ގާނޫނެއްގައި ނޯންނާނެ ފޮރެކްސް ޓްރޭޑް ކުރުމަކީ ގަވައިދާ ހިލާފުކަމެއް ކަމަކަށް."

މި މައްސަލައިގައި އަލްހާން ވަނީ އެއީ ބަޔަކު އަޑީގައި ތިބެގެން އޭނާގެ އަގުވައްޓާލުމުގެ ގޮތުން ފުލުހުން ބޭނުންކޮށްގެން ކުރަމުން އަންނަ ކަމެއް ކަމަށް ތުހުމަތުކުރައްވައިފަ އެވެ.

އަލްހާން މިހާރު ވަނީ އޭނާ ހިންގަމުން ދިޔަ އިންވެސްޓްމަންޓް ސްކީމް ހުއްޓާލައިފަ އެވެ. އަދި އޭނާ ފައިސާ ނެގި މީހުންނަށް އަނބުރާ ފައިސާ ދެއްކުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ތަކުރާރުކޮށް އަންނަނީ ވިދާޅުވަމުންނެވެ. ފޮރެކްސްގައި އިންވެސްޓްކުރަން ކަމަށް ބުނެ އެތައް ބަޔެއްގެ އަތުން އެ ކުންފުނިން ވަނީ ފައިސާ ނަގައި، އެ ފައިސާ އަނބުރާ ދައްކާނެ ގޮތް ނެތި ގޮތް ހުސްވެފަ އެވެ.