Roadha Mihaaru
ކްލަބްތަކަށް ބިދޭސީ ކުޅުންތެރިން ވީއޭއެމުން ހަމަޖައްސަނީ

ވޮލީ ކްލަބްތަކަށް ބިދޭސީ ކުޅުންތެރިން ގެންނަން ވީއޭއެމުން ހަވާލުވެއްޖެ

15 މެއި 2022

ކުރިއަށް އޮތް ވޮލީބޯޅަ ސީޒަަންގައި ކްލަބްތަކަށް ބިދޭސީ ކުޅުންތެރިން ގެންނަން ވީއޭއެމުން ހަވާލުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކުރިއަށް އޮތް ވޮލީބޯޅަ ސީޒަަންގައި ކްލަބްތަކަށް ބިދޭސީ ކުޅުންތެރިން ގެންނަން ވީއޭއެމުން ހަވާލުވެއްޖެ އެވެ.

ހެންވޭރު ބޯޅަ ގޭގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި، ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވިދާޅުވީ މީގެ ކުރިން ކްލަބްތަކަށް ދެމުން އައި ފައިސާގެ ބަދަލުގައި މިއަހަރު ދޭނީ ކުޅުންތެރިން ކަމަށެވެ. އޭނާ ވިދާޅުވީ ކްލަބްތަކަށް ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިން ގެނައުމުގައި އެންމެ ރަނގަޅަށް ސްކައުޓް ކުރެވިގެން މީގެ ކުރިން ގެނެވިފައި ނުހުންނަ ކަމަށެވެ. އަދި ބިދޭސީ ކުޅުންތެރިން ގެންނައިރު އިސްކަން ދީފައި ވަނީ ހަމައެކަނި އެޓޭކަރުން ގެނައުމަށް ކަމަށް، ކުރީގެ ސެޓަރު ވިދާޅުވި އެވެ.

މިހާރު ބިދޭސީ ކުޅުންތެރިން ވީއޭއެމުން ގެންނަން ހަމަޖައްސައި، ސެޓަރަކާ އެކު، ބިދޭސީ ކުޅުންތެރިންގެ އަދަދު ތިން ކުޅުންތެރިންނަށް އިތުރުކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބިދޭސީ ކުޅުންތެރިން ކްލަބްތަކަށް ދިނުމުގައި އަޅުގަނޑުމެން މިއޮތީ ވަރަށް ބޮޑަށް ރެގިއުލޭޓްކޮށްފަ. ކްލަބްތަކަށް ކުޅޭ ދިވެހި ކުޅުންތެރިންނަކީ ދިވެހިރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ވާތީ ގައުމީ ޓީމުގެ ކުޅުންތެރިންނަށް މަންފާކުރާނެ ގޮތަށް ބިދޭސީ ކުޅުންތެރިންނަށް ފުރުސަތު ދޭގޮތަށް ނިމިގެން މިދިޔައީ،" މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ރަނޭ ވިދާޅުވި އެވެ.

ރަނޭ ވިދާޅުވީ އޭނާގެ އެކްސްކޯ ވީއޭއެމްއާ ހަވާލުވެ އެންމެ ބާރުލާފައި ދެއްކި ވާހަކަ އަކީ ކްލަބްތައް ބާރުވެރި ކުރުވައި ކްލަބްތައް އަމިއްލަ ފައިމައްޗަށް ތެދުކުރާ ވާހަކަ ކަމަށެވެ. ކްލަބްތަކަށް ވީއޭއެމުން ބިދޭސީ ކުޅުންތެރިން ހޯދަން ހަމަޖެއްސި އެއްސަބަބަކީ ކްލަބްތައް ބާރުވެރިކުރުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑުމެންނަށް ލިބުނު ސްޕޮންސަރުންގެ އެހީއާއެކު ކްލަބްތަކަށް ފައިސާ ދިނުމުގެ ބަދަލުގައި އަޅުގަނޑުމެން މިދެނީ ކުޅުންތެރިން،" އޭނާ ވިދާޅުވި އެވެ. "ޑްރާފްޓް ފޯމެޓަކަށް ކުޅުންތެރިން ކްލަބްތަކަށް ގެނެސްދޭގޮތަށް މިހަމަޖެއްސީ،"

މިހާރު ވެސް އެސޯސިއޭޝަން ކަޕަށް ކޮލިފައިވެފައި އޮތް ހަތަރު ކްލަބާއި ޕްރިލިމިނަރީ ރައުންޑްގައި ވާދަކުރާ ހަތަރު ކްލަބުން ވެސް ފުރި ފޯމްތަކުގައި އެކްލަބްތަކަށް ބިދޭސީ ކުޅުންތެރިން ބޭނުންވާ މަގާމުތައް ވީއޭއެމުން ދެނެގަނެވިފައިވާ ކަމަށް ރަނޭ ވިދާޅުވި އެވެ.

އެމަގާމުތައް ދެނެގަނެ، ބިދޭސީ 18 ކުޅުންތެރިން ހިމެނޭ ޕޫލެއް ވީއޭއެމްގެ ޓެކްނިކަލް ކޮމިޓީން އެކުލަވާލައިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެޕޫލްގައި ހިމެނެނީ އިންޑިއާގެ ހައި ޕާފޯމަންސް ސެންޓަރުތަކުން ތަމްރީންވެފައިވާ 600 ކުޅުންތެރިންގެ ތެރެއިން ނަގާފައިވާ އެންމެ މޮޅު 18 ކުޅުންތެރިންނެވެ.

ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު މުހައްމަދު ސާޖިދު ބުނި ގޮތުގައި އިރާން ނަގާފައި މިހާރު ސެންޓްރަލް ޒޯންގައި އެންމެ ރަނގަޅު ކުޅުންތެރިންގެ ހިމެނޭ އިންޑިއާގެ މި 18 ކުޅުންތެރިންނަކީ އެގައުމުގައި ދާދި ފަހުން ބޭއްވި ގައުމީ ލީގުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން އެންމެ ފަހަގަ ކުރެވޭ 18 ކުޅުންތެރިންނެވެ.

ރަނޭ ވިދާޅުވިގޮތުގައި ޕޫލްގައި ހިމެނޭ 18 ކުޅުންތެރިންނަކީ އެކުޅުންތެރިންނާއެކު ކުޅުމުގެ ސަބަބުން ރާއްޖޭގެ ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިންނަށް އެންމެ މަންފާކުރާނެކަމަށް ވީއޭއެމްގެ ޓެކްނިކަލް ކޮމިޓީ އަށް ފާހަގަ ކުރެވުނު ކުޅުންތެރިން ކަމަށެވެ.

"އެޕޫލްގައި މިބުނާ ހަ ކްލަބުން ބޭނުންވާ ޕޮޒިޝަންތަކަށް ފެންވަރު ރަނގަޅު ކުޅުންތެރިން ލިބޭނެ،" ރަނޭ ވިދާޅުވި އެވެ.

"ދެން ކުޅުންތެރިން ކްލަބްތަކަށް ދޫކުރުމުގައި ޑްރާފްޓް ސިސްޓަމަކަށް މިދަނީ. އެކުޅުންތެރިންގެ މެދުގައި ގުރެއް ނެގިގެން އެގުރުން އެބޭފުޅުން ބޭނުންވާ ކުޅުންތެރިންތަކެއް އެކްލަބްތަކަށް ނެގިގެން މިދަނީ."

ރަނޭ ވިދާޅުވީ މިބަދަލުގެ ސަބަބުން ދިވެހި ކޯޗުންގެ މަސައްކަތައް ވެސް އިތުރު ލެވަލް އަކަށް ގެންދެވޭނެ ކަމަށެވެ.

"އެބޭފުޅުން [ކޯޗުން] ކުރީގައި ކުރަމުންދަނީ ބޯލް ވޯކިން އެކަނި. އެކަމަކު މިހާރު ވަރަށް ބޮޑަށް ރިސާޗްކޮށްގެން އަޅުގަނޑުމެން މިދައްކާ ޕޫލްގެ ތެރެއިން ކުޅުންތެރިން ނެގިގެން ކްލަބަށް އެންމެ ފިޓްވާނެ ކުޅުންތެރިޔާ މިލެވެނީ،" އޭނާ ވިދާޅުވި އެވެ.

ކުޅުންތެރިން ގުޅޭނެ ކްލަބްތައް ހަމަޖެހުމުން އެކުޅުންތެރިންނާއެކު ޓީމު ތައްޔާރުވުމަށް 13 ދުވަހު ޕްރެކްޓިސް ކުރަން ފުރުސަތު ލިބިގެންދާނެ ކަމަށް ރަނޭ ވިދާޅުވި އެވެ.

އަންހެން ޑިވިޝަންގެ 10 ކްލަބަށް ކޮންމެ ކްލަބަކަށް ބިދޭސީ އެއް ކުޅުންތެރިޔަކު ޖެހުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އެކަމަކު ވީއޭއެމުން އެކުލަވާލާ ޕޫލެއް އަންހެން ޑިވިޝަނަކަށް މިވަގުތު ހަމަޖެހިފައެއް ނެތެވެ. އެކަމަކު ކުރިއަށް އޮތްތަނުގައި އަންހެން ޑިވިޝަނަށް ވެސް އެފަދަ ޕޫލެއްގެ ތެރެއިން ކުޅުންތެރިން ލިބިގެންދާނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ރަނޭ ވިދާޅުވި އެވެ.

ވީއޭއެމްގެ އަދި ޓެކްނިކަލް އަދި ޑިވޮލޮޕްމެންޓް ކޮމިޓީގެ ޗެއާމަންކަން ވެސް ކުރަމުން އަންނަ ސާޖިދު ބުނިގޮތުގައި ވީއޭއެމުން ރާވާ ކޮންމެ މުބާރާތެއް ވެސް ވާން ޖެހޭނީ ގައުމީ ޓީމަށް އޭގެއިން އެންމެ ފައިދާ ހުރި ގޮތަކީ ކޮބައިތޯ ބަލައި ކުރިއަށްގެންދާން ޖެހޭ މުބާރަތަކަށެވެ. އޭނާ ބުނީ ވާދަވެރި މުބާރާތެއްގެ ކުރިން ގައުމީ ޓީމުގެ ކުޅުންތެރިންނަށް، ފެންވަރު ރަނގަޅު ކުޅުންތެރިންނާއެކު މެޗުތަކެއް ކުޅެލަން ލިބެނީ ބޭރުގެ ޓްރެއިނިން ކޭމްޕެއްގައި ގޮސް ކުޅޭ ޕްރެކްޓިސް މެޗުތަކެއްގައި އެކަނި ކަމަށެވެ.

"އެކަމަކު ހަގީގަތުގައި އެއީ ކުޅުންތެރިންނަށް އެއް ވެސް ޕްރެޝާއެއް ކުރިމަތިވާ މެޗުތަކެއް ނޫން އެޕްރެކްޓިސް މެޗުތަކަކީ. އެހެންނަމަވެސް މިލެވަލްގައި ކްލަބެއްގައި މިފެންވަރުގެ ކުޅުންތެރިންނާ ދެކޮޅަށް ކުޅެން ލިބުމަކީ ޕްރެޝަރުގައި ކުޅެން ލިބުން. ކުޅުންތެރިންނަށް ޕްރެޝާގައި ކުޅެން ލިބުނީމަ އެކްސްޕީރިއަންސް ވެސް ލިބޭ. މޮޅެތި ކުޅުންތެރިންގެ ބްލޮކް ކުރަން ލިބޭ. މޮޅެތި ކުޅުންތެރިން ކައިރީ އެޓޭކް ކުރަން ލިބޭ. މޮޅެތި ކުޅުންތެރިންނާ ދެކޮޅަށް ސާވިސް ކުރަން ލިބޭ. ބާރުބޯޅަ ޑިފެންސްކުރަން ވެސް ލިބޭ،" ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި އެކިފަހަރުމަތިން މަސައކްަތް ކުރި ސާޖިދު ބުންޏެވެ.

"އިންޓަނޭޝަނަލް ވޮލީގައި ޕަވާ ވޮލީ މިކުޅެނީ. ޖަމްޕް ސާވިސް އަންނާނީ ގާތްގަނޑަކަށް 140 ކިލޯމީޓަރުގެ ބާރުމިނުގައި. އެންމެ ނޯމަލްކޮށް ވެސް. އެބޯޅައެއް ރާއްޖޭގެ ކުޅުންތެރިންނަކަށް ނުލިބޭ ރިސީވްކުރާކަށް މިހާރަކުއެއް.

"އެކަމަކު މިބަދަލާއެކު 13 ދުވަސް ޕްރެކްޓިސް ކުރަން ލިބުނަސް އެލެވަލްގެ ބޯޅަތައް ރިސީވްކުރަން ލިބޭނެ. ދިވެހިރާއްޖޭގެ ނެޝަނަލް ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ވެސް. ވަރަށް އާދައިގެ ސާވިސްތަކެއް އަޅުގަނޑުމެން ލޯކަލް ކުޅުންތެރިން ކައިރީގައި ކުޅެންޏާ ލިބޭނީ. އެކަމަކު މިފެންވަރުގެ ހައި ޕާފޯމަންސް ކުޅުންތެރިންނާ ދެކޮޅަށް ކުޅުނީމަ ލިބޭނެ އެފެންވަރުގެ ބޯޅަތައް."

އޭނާ ބުނީ ކްލަބްތައް ބާރުވެރި ކުރުވަން ބެލިޔަސް ވަރުގަދަ ހަ ޓީމު މުބާރާތުގައި އޮންނާނެ ކަމަށެވެ. ގައުމީ ޓީމުގެ އެއް ކުޅުންތެރިޔަކު ލިބި އަދި މިފެންވަރުގެ ބިދޭސީ ތިން ކުޅުންތެރިން ލިބުމުން ތައްޓަށް ވާދަކުރެވޭ ފެންވަރު ކޮންމެ ޓީމަކަށް ވެސް ލިބިގެންދާނެ ކަމަށް ތަޖުރިބާކާރު ކޯޗު ބުންޏެވެ.