Roadha Mihaaru
ވީއޭއެމްގެ ރައީސްކަމުން ރަނޭ އިސްތިއުފާ ދީފި

ރަނޭ، ވީއޭއެމްގެ ރައީސްކަމުން ދުރަށް؛ މި ވަކިވަނީ ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހި ހުރެގެން

27 ފެބުރުއަރީ 2024

ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ވެރިރަށް އަބޫދާބީއަށް ދިރިއުޅުން ބަދަލުކޮށް ވީއޭއެމްގެ ރައީސްކަމުން މުހައްމަދު ރަނޭޝް އިސްތިއުފާ ދީފި އެވެ.

ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ވެރިރަށް އަބޫދާބީއަށް ދިރިއުޅުން ބަދަލުކޮށް ވީއޭއެމްގެ ރައީސްކަމުން މުހައްމަދު ރަނޭޝް އިސްތިއުފާ ދީފި އެވެ.

އެ އެސޯސިއޭޝަންގެ ރައީސް ކަމަށް 2021 ގައި އިންތިހާބުވި، ރަނޭގެ ދައުރުގައި ބާކީ އެއް އަހަރު އޮއްވައި މަގާމުން އިސްތިއުފާ ދިނީ އަބޫދާބީއަށް ވަޒީފާ ބަދަލު ކުރަން ޖެހުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ގޮތެއް ވިޔަސް މިކޮޅުގައި ހުރެ ކޮންޓްރަބިޔުޓް ކުރެވޭވަރު ކުޑަވާނެ. ވޮލީއަކީ ވަރަށް ގިނަ ބައެއްގެ ކުޅިވަރެއް ރާއްޖޭން ބޭރުގައި ހުރެ އެ މަގާމު އަދާ ނުކުރެވޭނެ،" މޯލްޑިވިއަންގެ ސީނިއާ ޕައިލެޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރި ރަނޭ ވިދާޅުވި އެވެ.

މޯލްޑިވިއަންގެ މަގާމުން ވެސް އިސްތިއުފާ ދިނުމަށް ފަހު ރަނޭ، އެރަބް އެމިރޭޓްސްއަށް ބަދަލުވީ އެ ގައުމުގެ އަބޫދާބީ އެއާވޭސްގައި ޕައިލެޓްގެ މަގާމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ވޮލީގެ ރައީސްކަމުން އިސްތިއުފާ ދެނީ، ފާހަގަ ކުރެވޭވަރުގެ ހިދުމަތްތަކެއް ކޮށްދެވުނު ކަމުގެ ހިތްހަމަޖެހުމާ އެކު އެވެ. ހާއްސަކޮށް އޭނާ ފާހަގަ ކުރީ 2022 ވޮލީ ސީޒަނެވެ.

"އެއީ ތާރީހުގައި ވެސް ވޮލީގެ އަޑު އެންމެ ގަދަވި އަހަރު. ގަދަ ހަ ކްލަބަށް ފައިސާގެ އެހީތެރިކަން ފޯރުކޮށް ދީ ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިން ގެނެސް ވޮލީގެ ޑްރާފްޓް ސީޒަން ލޯންޗު ކުރެވިގެން ދިޔަ،" ކުރީގެ ސެޓަރު ވިދާޅުވި އެވެ.

އެ އަހަރު ކުރެވުނު އެހެން މަސައްކަތްތަކުގެ ގޮތުގައި އޭނާ ފާހަގަ ކުރީ ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން (އެފްއައިވީބީ) ގެ އެހީއާ އެކު ބީޗް ވޮލީ އާއި އިންޑޯ ވޮލީއަށް ހާއްސަ ބޭރުގެ ތަޖުރިބާކާރު ދެ ކޯޗުން ގައުމީ ޓީމަށް ހަމަޖެއްސުމެވެ.

"އެ ކޯޗުންގެ މަސައްކަތް އެއް އަހަރުގެ ތެރޭ ފެނިގެން ދިޔަ،" ސެންޓްރަލް ޒޯން ބީޗް ވޮލީ ބޯޅަ މުބާރާތުން ރަން މެޑަލް ދިވެހި ޓީމުން ހޯދިކަން ފާހަގަކޮށް ރަނޭ ވިދާޅުވި އެވެ.

"އޭގެ ފައިދާ ފެނުނީ ކޮމަންވެލްތު ގޭމްސްއިން. ފުރަތަމަ ފަހަރަށް ރާއްޖޭގެ ޓީމު ސްޕޯޓްސް އަކުން ކޮމަންވެލްތު ގޭމްސްގައި ވާދަ ކުރުމުގެ ފުރުސަތު ހޯދީ ބީޗް ވޮލީން."

އޭޕްރީލް 2021 ގައި ވީއޭއެމްގެ ރައީސްކަމަށް ވަޑައިގެންނެވި ރަނޭ ވިދާޅުވީ މަސައްކަތް ކުރަން ފުރުސަތު ލިބުނީ ދެ އަހަރު ކަމަށެވެ.

"[އޭޕްރީލް] 2021 ގައި ހަވާލުވިޔަސް. ޕްލޭންތަކާ އެކު މަސައްކަތް ފެށުނީ ދެން ޖެހިގެން އައި އަހަރު [2022] ގައި،" ރަނޭ ވިދާޅުވި އެވެ.

އަންހެން އަދި ފިރިހެން ޓީމަށް އަދި ބިޗް ވޮލީއަށް ބޭއްވި އިންޓަނޭޝަނަލް މުބާރާތްތަކަކީ 2023 ގައި ކުރެވުނު ކާމިޔާބު މަސައްކަތެއް ކަމަށް ރަނޭ ވިދާޅުވި އެވެ.

"އަދި ހަނދާން ނައްތާލައިގެން ނުވާނެ އާސިއާންގެ ގައުމުތަކާ ވާދަކޮށް ރާއްޖެއަށް އަމިއްލަ ފަސްގަނޑުގައި ރިހި މެޑަލް ލިބުނު،" ރަނޭ ވިދާޅުވި އެވެ.

ރަނޭ، ވީއޭއެމްއަށް އިންތިހާބުވި ފަހުން، 90 ދުވަހުގެ ތެރޭގައި އަސާސީ ގަވާއިދު އިސްލާހް ކުރަން ސްޕޯޓްސް ކޮމިޝަނަރު އެންގެ ނަމަވެސް އެކަން އެ މުއްދަތުގައި ކޮށްފައެއް ނުވެ އެވެ.

އެކަމަކު ބޮޑު މައްސަލަ ގަނޑަކަށް ފަހު މިހާރު އަސާސީ ގަވާއިދު އިސްލާހުކޮށް ސްޕޯޓްސް ކޮމިޝަނާ އޮފީހުގައި ރަޖިސްޓްރީ ކުރެވިފައިވުމުން، އެ މަސައްކަތް ވެސް ފުރިހަމަ ކުރެވުމުން ހިތްހަމަޖެހޭކަމަށް ރަނޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާ އަސާސީ ގަވާއިދުން، ވޮލީ އެކަޑަމީތަކަށް ވެސް، ވީއޭއެމްގެ ކޮންގްރެސްގެ ނިންމުންތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"ގިނަ ބައެއްގެ ވޮއިސް މޭކް ކުރެވޭނެ ގޮތަށް އަސާސީ ގަވާއިދު އެކުލަވާލެވިފައ އޮންނާނީ،" އޭނާ ވިދާޅުވި އެވެ.