Roadha Mihaaru
ސަރުކާރަށް ބިންކޮޅު ދޫކޮށްލުން ބިރަކަށް ވެއްޖެ

ހައްލެއް ނުލިބެނީސް، ސަރުކާރަށް ބިންކޮޅު ދޫކޮށްލުން ބިރަކަށް ވެއްޖެ

27 ޑިސެމްބަރ 2016

ވެށިފަހި މާލެ، އޭ ކެޓަގަރީން ފްލެޓާއި ހުޅުމާލެ އިން ގޯއްޗަށް އެދުނު މީހުން ދޫކޮށްލަން އެއްބަސްވި ބިން ސަރުކާރާ ހަވާލުކުރަން ވަކި މުއްދަތެއް ދިން ނަމަވެސް ފްލެޓްގެ މައްސަލަ އަށް ހައްލެއް ލިބުމުގެ ކުރިން އެކަން ކުރުން ދަތި ކަމަށް ބުނެ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ވެށިފަހި މާލެ، އޭ ކެޓަގަރީން ފްލެޓާއި ހުޅުމާލެ އިން ގޯއްޗަށް އެދުނު މީހުން ދޫކޮށްލަން އެއްބަސްވި ބިން ސަރުކާރާ ހަވާލުކުރަން ވަކި މުއްދަތެއް ދިން ނަމަވެސް ފްލެޓްގެ މައްސަލަ އަށް ހައްލެއް ލިބުމުގެ ކުރިން އެކަން ކުރުން ދަތި ކަމަށް ބުނެ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

މާލެ އިން ލިބިފައި އޮންނަ ބިން ދޫކޮށްލަން އެއްބަސްވި މީހުންނަށް ވެސް ފްލެޓް ލިބެން އަންނަނީ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެއްކުމުންނެވެ. އޭ ކެޓަގަރީން މާލޭން ފްލެޓް ލިބުނު މީހުންގެ އެންމެ ބޮޑު ޝަކުވާއަކީ އެ މީހުން ދިރިއުޅޭ ބިންކޮޅު ސަރުކާރުން އަގުކޮށްފައި ނުވުމެވެ. އަދި ލިބިފައިވާ ފްލެޓަށް ދެ މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭއިރު، ދޫކޮށްލާ ބިންކޮޅުގެ އަގުން އެ ބައި އުނިކުރެވޭނެ ގޮތެއް ނެތުމަކީ މިހާރު އެ މީހުންނަށް ވަރަށް ބޮޑު މައްސަލައެކެވެ.

"ފްލެޓް ލިބުމުން ބިންކޮޅު ދޫކޮށްލަން އަޅުގަނޑުމެން އެއްބަސްވިޔަސް ނޭނގެ މިތަނުގެ އަގަކީ ކިހާ ވަރެއް ކަމެއް. އަޅުގަނޑުމެންނަކަށް އަދި ފްލެޓެއް ނުވެސް ލިބޭ،" ގާކޮށިން ފްލެޓް ލިބުނު ނަމަވެސް އެތަން ގަނެވޭނެ ގޮތް ނެތިފައި ހުރި އަންހެނަކު ބުންޏެވެ.

"ފްލެޓަށް ދެ މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭއިރު އެ ފައިސާ، ބިންކޮޅުގެ އަގުން ކެނޑޭތޯ ވެސް މީގެ ފަސް މަސް ކުރިން ހުށަހެޅިން. އެކަމަކު އަދިވެސް ޖަވާބެއް ނުލިބޭ."

ހައުސިން މިނިސްޓްރީން ބުނެފައި ވަނީ ފްލެޓާއި ގޯތި ލިބުނު ބައެއް މީހުންގެ މާލޭގެ ބިންކޮޅު ދޫކޮށްލާފައި ނުވާ ކަމަށެވެ. އެހެންވެ، ޝަރުއީ މަރުހަލާގައި ގޯތި ހަވާލުކުރުމުގެ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާ މީހުން ތިން މަސް ދުވަހުގެ ތެރޭގައި އަދި އިޖުރާއަތުތައް ފުރިހަމަކޮށްފައި ނުވާ މީހުން އެއް މަސް ދުވަހުގެ ތެރޭގައި ޝަރުއީ މަރުހަލާ ނިންމުމަށް ފަހު، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެތަން ސަރުކާރާ ހަވާލުކުރަން ވަނީ އަންގާފަ އެވެ.

އޭ ކެޓަގަރީގެ ދަށުން ހުޅުމާލެ އިން ގޯތި ލިބުނު މީހުން އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހެ އެވެ. އެކަމަކު މާލޭން ފްލެޓް ލިބުނު މީހުން ޑައުންޕޭމަންޓްގެ ގޮތުގައި 400،000ރ ދައްކަން ޖެހެ އެވެ.

މާލޭން ފްލެޓް ލިބުނު މީހުން ދެން ކުރާ ޝަކުވާއަކީ ތިން މަސް ދުވަހުގެ ތެރޭގައި ބިންކޮޅު ހަވާލު ކުރަން ސަރުކާރުން އެންގި އިރު އެކަމާ ގުޅޭ މައުލޫމާތު ދީފައި ނުވުމެވެ. ބިންކޮޅު ހަވާލުކުރަން ޖެހެނީ ހުޅުމާލޭން ގޯތި ލިބުނު މީހުން ކަމެއް، އަދި މާލޭން ފްލެޓް ލިބުނު މީހުން ކަމެއް ވެސް ނޭނގޭ ކަމަށް އެ މީހުން ބުނެ އެވެ.

އޭގެ ޖަވާބު ހޯދަން ހައުސިން މިނިސްޓްރީ އަށް ދިޔުމުން މައުލޫމާތު ލިބިފައިނުވާ ކަމަށް ބައެއް މީހުން ބުނެ އެވެ.

އޭ ކެޓަގަރީން މާލޭން ފްލެޓް ލިބުނު މީހުން އެ ތަން ގަތުމަށް ބޭންކުތަކުން ނިންމަން ޖެހޭ ކަންކަން ފުރިހަމަކޮށް އަންނަ މަހު 26 ގެ ކުރިން އެޗްޑީސީ އަށް އަންގަން ޖެހެ އެވެ. އެކަމަކު ލޯނަށް 400،000ރ. ގެ ޑައުންޕޭމަންޓް ދައްކާނީ ކިހިނެއް ކަމެއް އޭގެ ތެރެއިން ގިނަ މީހުންނަކަށް ނޭނގެ އެވެ. އެހެންކަމުން ފްލެޓް ލިބޭނެ ކަމުގެ އުއްމީދު ދަނީ ކުޑަވަމުންނެވެ.

"ޑައުންޕޭމަންޓަށް ދައްކާނެ ފައިސާ ނެތިގެން ހާސްވެފައި ތިއްބާ އަނެއްކާ މިހާރު މި އެންގީ ދިރިއުޅޭ ބިންކޮޅު ހުސްކުރަން. ލޯނު ނުނެގޭތީ ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް އިރު، މިހާރު މި ދިރިއުޅޭ ތަން ދޫކޮށްލާފައި ކޮން ތާކަށްތޯ ވަންނާނީ؟" ފްލެޓް ލިބުނު އެހެން މީހަކު ބުންޏެވެ.

ބޭންކު ލޯނުގެ އިންޓަރެސްޓާ އެކު ފްލެޓްގެ އަގު މިހާރު ތިން މިލިޔަން ރުފިޔާ އަށް އަރާ އިރު ގިނަ މީހުންނަށް އެވަރުގެ ލޯނެއް ނެގުމާއި ދެއްކޭނެ ތަނަވަސްކަން ނެތުމުން، ސަރުކާރަށް އާދޭސްކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. ނަަމަވެސް ފްލެޓްތަކުގެ މިހާރުގެ ބެލެނިވެރި ފަރާތް ކަމަށްވާ އެޗްޑީސީ އާއި ފްލެޓްތަކާ ގުޅޭ އެހެން ހުރިހާ ކަމެއް ކުރިން ބެލެހެއްޓި ހައުސިން މިނިސްޓްރީން، އާންމުންގެ ޝަކުވާތަކަށް ހައްލެއް ލިބޭނެ ފިޔަވަޅެއް އަދި ނާޅަ އެވެ.

އެ މައްސަލައިގައި ހައުސިން މިނިސްޓްރީ އަށް ދިޔުމުން އެ ތަނުން ބުނަނީ އެޗްޑީސީ އަށް ދާށެވެ. އަދި އެޗްޑީސީ އަށް ދިޔުމުން އެ މީހުން އަންގަނީ ހައުސިން އަށް ދިޔުމަށް ކަމަށް ފްލެޓް ލިބުނު މީހުން ބުނެ އެވެ.

އެ ފްލެޓްތަކަށް އިއުލާންކުރި އިރު ސަރުކާރުގެ އެކި އޮފިޝަލުން ބުނަމުން އައީ އެޑްވާންސަށް 19،000 ރުފިޔާ ދައްކާފައި، މަހަކު 9،725 ރުފިޔާގެ މަގުން، ފައިސާ ދައްކަމުން ގޮސް އަގު ހަލާސް ކުރާ ގޮތަށެވެ. އޭރު ފްލެޓަކަށް ޖެހެނީ 1.2 މިލިއަން ރުފިޔާ އެވެ.

އެކަމަކު އޭގެ ހަތަރު އަހަރު ފަހުން، ކުރިން އިއުލާން ކުރި ގޮތާ ޚިލާފަށް، 400،000ރ ގެ ޑައުންޕޭމަންޓެއް ދައްކައި، 2 މިލިއަން ރުފިޔާގެ ލޯނެއް ނެގުމަކީ ފްލެޓް ލިބުނު ގިނަ މީހުންނަށް އަތްލެވޭ މިންވަރެއް ނޫން ކަމަށް އެ މީހުން ބުނެ އެވެ. އެހެންކަމުން މާލޭގެ ބިންކޮޅު ދޫކޮށްލުން މިހާރު ވަނީ ބިރަކަށް ވެފަ އެވެ.

ހައުސިން މިނިސްޓްރީން ބުނެފައި ވަނީ ކަނޑައަޅާފައިވާ މުއްދަތުގައި ބިންކޮޅު ހަވާލުނުކޮށްފި ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

މި މައްސަލާގައި ހައުސިން މިނިސްޓްރީއަކުން ވެސް އަދި އެޗްޑީސީއަކުން ވެސް ވާހަކައެއް ނުދައްކަ އެވެ.