ހުޅުމާލޭގައި ބޭނުންނުކޮށް ހުރި މެކޭނިކަލް ޕާކިން ސިސްޓަމްތައް އަލުން މަރާމާތުކޮށް، އެތަންތަން ބޭނުންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ބުނެފި އެވެ.
17 މެއި 2022
ހުޅުމާލޭގައި ބޭނުންނުކޮށް ހުރި މެކޭނިކަލް ޕާކިން ސިސްޓަމްތައް އަލުން މަރާމާތުކޮށް، އެތަންތަން ބޭނުންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ބުނެފި އެވެ.
ދުއްވާ އެއްޗެހި ގިނަވެ، ޕާކްކުރާނެ ޖާގަ ނެތުމުން އެކަމަށް ހައްލެއް ގެނައުމަށް މާލެ އާއި ހުޅުމާލޭގައި މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް ހެދީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެކަމަކު ބޭނުންނުކޮށް ހުރުމުން ޕާކިން ސިސްޓަމްތައް ދަބަރަށްވީ އެވެ.
ހުޅުމާލޭގައި ހުރި ތަންތަން ހުރީ މަސައްކަތް އެއްކޮށް ނުނިމި ބަހައްޓައިފަ އެވެ. މަސައްކަތް ނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން ޗޭނުތައް ކަނޑައިގެން ގޮސް، ބައެއް ސިސްޓަމުތަކުގައި ދަބަރު ޖަަހައި ކަރަންޓު ސާމަނަށް ވެސް ގެއްލުންވެފައި ވަނިކޮށް އަލުން އެ ސިސްޓަމްތައް ހެދުމުގެ މަަސައްކަތް އަންނަނީ ކުރަމުންނެވެ.
އެޗްޑީސީގެ މީޑިއާ އޮފިޝަލަކު، "މިހާރު" އަށް ވިދާޅުވި ގޮތުގައި ހުޅުމާލޭގެ އެކި ތަންތަނުގައި ހަދާފައިވާ ޕާކިން ސިސްޓަމްތަކުގެ މަސައްކަތް އަލުން ފަށައިގެން ކުރިއަށް ގެންދަނީ އެތަންތަން އަލުން ބޭނުންކުރުމަށެވެ.
އޮފިޝަލް ވިދާޅުވީ އެ ޕްރޮޖެކްޓްގެ ދަށުން، އާރުސީސީން ހަދަމުން އަންނަ މިސްކިތް ކައިރީގައި ހުރި ޕާކިން ސިސްޓަމް އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާ ކަމަށެވެ. އެ ޕާކިން ސިސްޓަމް ބަދަލުކުރަނީ އެތަނާ މާދުރު ނޫން ހިސާބަކަށް ނަމަވެސް ބަދަލުކުރާ ސަބަބު ސާފެއް ނުވެ އެވެެ.
ހުޅުމާލޭގައި ގާއިމުކުރި މެކޭނިކަލް ޕާކިން ސިސްޓަމެއްގެ މަސައްކަތް ކުރަނީ.
އެ ޕާކިން ސިސްޓަމްތައް އަލުން ބޭނުންކުރުމަށް މަސައްކަތް ފަށާފައި ވަނީ ހުޅުމާލޭގެ އާބާދީގެ ބޮޑުވެ ވެހިކަލްތައް ޕާކުކުރުމުގެ ދަތިތަކާ ވެސް ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގަ އެވެ.
"ހުޅުމާލޭގެ އެކި ތަންތަނުގައި ހުރި ޕާކިން ސިސްޓަމްތަކުގެ މަސައްކަތް ފަށައިގެން ކުރިއަށް އެބަދޭ. މި ތަންތަނުގެ އަލުން ބޭނުންކުރަން ފެށުމުން ޕާކިން މައްސަލަައަށް ލުޔެއް ލިބޭނެ،" އޮފިޝަލް ވިދާޅުވި އެވެ.
ހުޅުމާލޭގައި އިމާރާތްކޮށްފައި މެކޭނިކަލް ޕާކިން ސިސްޓަމެއް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ކުރިން ވިދާޅުވެފައިވާ ގޮތުގައި ހުޅުމާލޭގެ ޕާކިން ސިސްޓަމުތަކުގެ މަސައްކަތް ނުނިމި އޮތީ އޭރު އެ ކުންފުންޏަށް ދިމާވި މާލީ ދަތިތަކުގެ ސަބަބުން މަސައްކަތް ހަވާލުކުރި ފަރާތަށް ފައިސާ ނުދެއްކި އޮތުމުންނެވެ. އެކަމަަކު ބައިބަޔަށް ބަހާލައިގެން އެ ފައިސާ ދައްކަމުންދާ ކަމަށް މިދިޔަ އަހަރު އޭނާ ވިދާޅުވި އެވެ.
ބެެލެވޭ ގޮތުގައި އެ މަސައްކަތް އަލުން ފަށާފައި މިވަނީ އެ ފައިސާ ދެއްކުމުންނެވެ.
ހުޅުމާލޭގައި ގާއިމުކުރި ޕާކިން ސިސްޓަމުތަކުގައި 200 އަށް ވުރެ ގިނަ ކާރު ޕާކުކުރެވޭނެ އެވެ.
މުޅި މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކުރަން އޭރު ފެށި އެ މަޝްރޫއުއަށް 58 މިލިއަން ރުފިޔާ ހަރަދުވާނެ ކަަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ސިނަމާލޭ ބްރިޖް ބޭނުންކުރަން ފެށި ފަހުން ހުޅުމާލެ އަށް ދަތުރުކުރާ މީހުންގެ އަދަދު އިތުރުވެ ޕާކިންގެ މައްސަަލަ ވަނީ އިތުރަށް ބޮޑުވެފަ އެވެ. އެޗްޑީސީން އަންނަނީ ޕާކިން ބިލްޑިންގެއް އަޅައި އެ މައްސަަލަ ހައްލުކުރުމަށް ވެސް މަސައްކަތް ކުރަމުންނެެވެ.
ހުޅުމާލޭގައި 15 ޕާކިން އިމާރާތް އަޅަން ހުޅުވާލައިފި
ހުޅުމާލޭގައި މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް
ހުޅުމާލެ ސަހަރާ ކުރިމަތީގައި އޮންނަ ބިން ޕާކިން އަށް
ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯން ސާފުކުރަނީ
ޕާކިން ބިލްޑިންގްތަކުގައި 4،000ވެހިކަލް ޕާކްކުރެވޭނެ
ހުޅުމާލޭގެ ސްމާޓް ޕާކިންގެ 41 ޖާގަ ކުއްޔަށް ދެނީ
ސްމާޓް ޕާކިންގެ 23 ޖާގަ ދޫކުރަން ހުޅުވާލައިފި
ސްމާޓް ޕާކިންގެ ޖާގަތައް ކުއްޔަށް ދޫކުރަން ހުޅުވާލަނީ
ހުޅުމާލޭގެ ޕާކިން ސިސްޓަމްތައް ހިންގާނެ ބަޔަކު ހޯދަނީ
ސްމާޓްޕާކިންއާ އެކު ހުޅުމާލެއަށް ޒަމާނީ ހައްލެއް ހޯދަނީ