Roadha Mihaaru
ހުޅުމާލޭގެ ޕާކިން ސިސްޓަމްތައް ހިންގާނެ ބަޔަކު ހޯދަނީ

ހުޅުމާލޭގެ ޕާކިން ސިސްޓަމްތައް ބަލަހައްޓާނެ ބަޔަކު ހޯދަން އިއުލާންކޮށްފި

19 މާޗް 2023

ހުޅުމާލޭގައި ހުރި ބައެއް މެކޭނިކަލް ޕާކިން ސިސްޓަމްތައް މަރާމާތުކުރުމަށް ފަހު، އެ ތަންތަން އޮޕަރޭޓް ކުރާނެ ބަޔަކު ހޯދުމަށް އެޗްޑީސީން މިއަދު އިއުލާނުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލޭގައި ހުރި ބައެއް މެކޭނިކަލް ޕާކިން ސިސްޓަމްތައް މަރާމާތުކުރުމަށް ފަހު، އެ ތަންތަން އޮޕަރޭޓް ކުރާނެ ބަޔަކު ހޯދުމަށް އެޗްޑީސީން މިއަދު އިއުލާނުކޮށްފި އެވެ.

އެޗްޑީސީގެ އިއުލާނެއްގައި ބުނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުރި ހަ މެކޭނިކަލް ޕާކިން ސިސްޓަމެއް އޮޕަރޭޓްކޮށް، ބަލަހައްޓާނެ ބަޔަކު ބޭނުންވާ ކަމަށެވެ. އެކަމަށް ޝައުގުވެރިވާ މީހުންނަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ބަލަހައްޓަން ޖެހޭ ޕާކިން ސިސްޓަމްތައް

• ނިރޮޅުމަގުގައި ހުރި ދެ ޕާކިން ސިސްޓަމް

• ކަނީރުމަގުގައި ހުރި ޕާކިން ސިސްޓަމެއް

• ބޯގަންވިލާ މަގުގައި ހުރި ތިން ޕާކިން ސިސްޓަމް

މި ހަ ޕާކިން ސިސްޓަމުގައި ޖުމްލަ 166 ކާރަށް ޕާކް ކުރެވޭނެ ޖާގަ އޮވެ އެވެ.

އެޗްޑީސީން ބުނި ގޮތުގައި، މި ޕާކިން ސިސްޓަމްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އަންނަ އަންގާރަ ދުވަހު ޒޫމް މީޓިންއެއް ބާއްވާނެ އެވެ. އަދި މި މަހު 23 ގެ ނިޔަލަށް މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ދޭނެ އެވެ.

މި ޕާކިން ސިސްޓަމްތައް ބަލަހައްޓަން ޝައުގުވެރިވާ ފަރާތްތަކުން މި މަހު 27 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ. ޕްރޮޕޯސަލް ހުޅުވުން އޮންނާނީ އަންނަ މަހު ތިނެއްގަ އެވެ.

ކުރީގެ ސަރުކާރުން ހުޅުމާލޭގައި ހެދި މި ޕާކިން ސިސްޓަމްތައް ބޭނުންނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން އެތަންތަނުގައި ދަބަރު ޖަހައި ބާވި އެވެ. ނަމަވެސް، އާންމުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، މިދިޔަ އަހަރު އެތަންތަން މަރާމާތުކުރުމުގެ މަސައްކަތް އެޗްޑީސީން ފެށި އެވެ.