Roadha Mihaaru
ދިފާއުގައި "ބަރަބޮލޭ" ބުނެ ނިންމާނުލަން އެދެފި

ފަނޑިޔާރު ސުއޫދު އެދިވަޑައިގަތީ މުވައްކިލުގެ ދިފާއުގައި "ބަރަބޮލޭ" ބުނެ ނިންމާނުލަން

16 މެއި 2022

ސުޕްރީމް ކޯޓުގައި އޮތް ޝަރީއަތެއްގައި ގާނޫނީ ގޮތުން ވާހަކަ ދެއްކުމަށް ވަކީލުގެ ކިބައިން ތަކުރާރުކޮށް އެދިވަޑައިގަތުމުން ވެސް އެކަށީގެންވާ ޖަވާބެއް ނުދެއްވުމުން، ވަކީލަށް މުވައްކިލް ތަމްސީލްކުރެވުނުކަން ޔަގީންނުވާ ކަމަށާއި "ބަރަބޮލޭ" ބުނެ ނިންމާލައިގެން ނުވާނެ ކަމަށް ވިދާޅުވެ ފަނޑިޔާރު ހުސްނުއްސުއޫދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ސުޕްރީމް ކޯޓުގައި އޮތް ޝަރީއަތެއްގައި ގާނޫނީ ގޮތުން ވާހަކަ ދެއްކުމަށް ވަކީލުގެ ކިބައިން ތަކުރާރުކޮށް އެދިވަޑައިގަތުމުން ވެސް އެކަށީގެންވާ ޖަވާބެއް ނުދެއްވުމުން، ވަކީލަށް މުވައްކިލް ތަމްސީލްކުރެވުނުކަން ޔަގީންނުވާ ކަމަށާއި "ބަރަބޮލޭ" ބުނެ ނިންމާލައިގެން ނުވާނެ ކަމަށް ވިދާޅުވެ ފަނޑިޔާރު ހުސްނުއްސުއޫދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

އިމާރާތެއްގެ މައްސަލާގައި ހައިމަން ކޮންސްޓްރަކްޝަނާ ދެކޮޅަށް މަރިޔަމް ހަލީމް ހުށަހެޅި މައްސަލާގައި ހައިމަންގެ ވަކީލް އުމަރު ޒާހިރު އަބްދުލްސަމަދަށް އަމާޒުކުރި ސުވާލުތަކަށް ޖަވާބު ނުދެއްވުމުން ފަނޑިޔާރު ސުއޫދު ހިތްހަމަޖެހިވަޑައިނުގަތީ އިސްތިއުނާފްކުރާ ފަރާތުގެ ނުކުތާތަކަށް އޮތް ޖަވާބަކީ ކޮބައިކަން ނުވަތަ ކޯޓުން ކަނޑައަޅަންޖެހޭ ކަމަކީ ކޮބައިކަން ސާފުކޮށްދެއްވުމަށް އެދިވަޑައިގަތުމުން ދެއްވި ޖަވާބުގެ ސަބަބުންނެވެ.

"އިއްޒަތްތެރި ފަނޑިޔާރު ތި ވިދާޅުވީ ކޯޓުން ކަނޑައަޅުއްވަންޖެހޭ ނުކުތާއެއްތޯ؟" ވަކީލް ޒާހިރު އެއްސެވި އެވެ.

އޭގެ ފަހުން ވަކީލް ވަނީ އިސްތިއުނާފް ފޯމުގައި ހުރި އަދަދުތަކާ އެކު ވަރަށް ހުލާސާކޮށް، މައްސަލާގައި ކަން ހިނގި ގޮތް ވިދާޅުވެފަ އެވެ. އެހެންވެ ސުއޫދު ވިދާޅުވީ، ހިސާބު ނަންބަރުތަކާ ނުލައި ވިދާޅުވާން އެދިވަޑައިގެންފަ އެވެ. އެގޮތަށް ޖަވާބު ދެއްވުން ލަސްވާން ފެށުމުން "ދެން އެންމެ ރަނގަޅު" ކަމަށް ސުއޫދު ވިދާޅުވެ އިސްތިއުނާފްކުރާ ފަރާތަށް ފުރުސަތު ދެއްވި އެވެ.

އިސްތިއުނާފް ކުރައްވާ ފަރާތުން ދެއްކެވީމަ ތި ފަރާތުން ތި ވިދާޅުވީ ބަރަބޮލެކޭ. ދެން އެ ހިސާބުން އެ ނިމުނީ. ވައަލައިކުމުއްސަލާމް: ފަނޑިޔާރު ސުއޫދު

އިސްތިއުނާފްކުރާ މަރިޔަމް ހަލީމްގެ ފަރާތުން ވަކީލް ހަސަން ފަލާހް އެތައް ވާހަކައެއް ދެއްކެވި އެވެ. އަދި އިސްތިއުނާފީ ނުކުތާތަކުގެ ތެރެއިން ދެ ނުކުތާއެއް ވިދާޅުވުމުން އެ ދެ ނުކުތާއަށް، ހައިމަން ކޮންސްޓްރަކްޝަންގެ ފަރާތުން ޖަވާބު ދެއްވިއްޖެތޯ ފަނޑިޔާރު ސުއޫދު އެއްސެވި އެވެ.

"ޝުކުރިއްޔާ އިއްޒަތްތެރި ފަނޑިޔާރު. ދެންމެ އެ ފާހަގަކުރެއްވި ނުކުތާތަކަށް އިސްތިއުނާފް ރައްދުވާ ފަރާތުން ހުށަހެޅި ދައުވާގެ ޖަވާބު ފޯމުގައި ޖަވާބު ދެވިފައިވާ ކަމަށް ގަބޫލުކުރެވެނީ،" ވަކީލް ޒާހިރު ވިދާޅުވި އެވެ.

އެއާއެކު ފަނޑިޔާރު ސުއޫދު އަނެއްކާވެސް އެންގެވީ އޭގައި ހުރި އެއްޗެއް ވިދާޅުވުމަށެވެ. އެހެން ވިދާޅުވުމުން ވަކީލް ދެންވެސް ކިޔައިދެއްވީ ކަން ހިނގި ގޮތެވެ.

"ތިޔަ ވިދާޅުވީ ކަން ހިނގި ގޮތް. ސިވިލް ކޯޓުން ނިންމީ މިހެންނޭ. ހައި ކޯޓުން ނިންމީ މިހެންނޭ. މިތަނަށް އައީ މިހެންވެގެންނޭ،" ސުއޫދު ވިދާޅުވި އެވެ.

ރިޔާސަތުގައި އުއްތަމަ ފަނޑިޔާރު އިންނެވި އަދި ސުއޫދުގެ އިތުރުން ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު ހިމެނިވަޑައިގަންނަވާ ބެންޗުން ކުރިއަށް ގެންދާ މި މައްސަލާގައި ސުއޫދު އެ ހިސާބުން ވިދާޅުވީ އިސްތިއުނާފީ ނުކުތާތަކަށް ރައްދެއް ނުދެވޭ ކަމަށެވެ.

"ވަކީލެއްގެ ވާޖިބު އަދާކުރެއްވިއްޖެ ކަމަށް ގަބޫލުކުރައްވަންތޯ؟"

"މިތަނަަށް ވަޑައިގަންނަވަނީ ހަސްމެއްގެ ހައްގު ހިމާޔަތްކުރުމަށް، ހަސްމުގެ ހައްގުތައް ދިފާއުކުރުމަށް. އެ ވާޖިބު އަދާކުރެއްވިއްޖެ ކަމަށް ގަބޫލުކުރެވިއްޖެތޯ؟"

"އަޅުގަނޑަށް ހެޔޮ ޖަވާބު ނުދެއްވިޔަސް. އަޅުގަނޑު ވެސް އިތުރު ސުވާލެއް ނެތް،" ޖަވާބު ލަސްވާން ފެށުމުން ސުއޫދު ނުރުހުމާ އެކު ވިދާޅުވި އެވެ.

މާ ކުރުކޮށް ޖަވާބު ދެއްވާކަން ފާހަގަކުރައްވައި އުއްތަމަ ފަނޑިޔާރު ދެން ދެ ފަރާތަށް ވެސް "ހަތް ވަރަކަށް މިނެޓް" ދެއްވިކަން އިއުލާނުކުރެއްވި އެވެ. އެ ފުރުސަތުގައި ވަކީލް ފަލާހް ގިނަ ވާހަކަތަކެއް ދެއްކެވި އެވެ. އެ ވާހަކަތައް ނިމުމުން ހައިމަން ކޮންސްޓްރަކްޝަންގެ ވަކީލަށް ފުރުސަތު ދެއްވި އެވެ.

"ހައިމަން ކޮންސްޓްރަކްޝަންގެ ފަރާތުން އެންމެ ފަހު ބަހެއްގެ ގޮތުގައި ވެސް ފާހަގަކޮށްލަން ބޭނުންވަނީ މި މައްސަލާގައި ހައިމަން ކޮންސްޓްރަކްޝަންގެ ފަރާތުން ހުށަހަޅާފައިވާ ޖަވާބު ފޯމުގައިވާ އެންމެހާ ވާހަކަތަކަކީ މި ކުންފުނީގެ ފަރާތުން މި މައްސަލާގައި ޖަވާބުދާރީ ވުމުގެ ގޮތުން ދައްކަންޖެހޭ ވާހަކަތައް" ކަމަށް ވަކީލް ޒާހިރު ވިދާޅުވި އެވެ.

އެ ހިސާބުން ހުސްނުއްސުއޫދު ވަނީ ފުރުސަތަކަށް އެދިވަޑައިގެން ވާހަކަ ހުއްޓުވައިފަ އެވެ.

"އަޅުގަނޑު ވަކީލަށް ދަންނަވާލަން ބޭނުންވަނީ ޝަރީއަތުގެ މަޖިލީހަކީ އަނގަބަހުން ހުށަހަޅައިގެން، އަނގަބަހުން ވާހަކަ ދައްކައިގެން ކުރަންޖެހޭ އެއްޗެއް. އެހެން ނޫން ނަމަ ކޮންމެހެން މި އަޑުއެހުން ބާއްވާކަށް ނުޖެހޭނެ. ހުށަހެޅި ފޯމަށް ބަލައިގެން އަޅުގަނޑުމެން ގޮތެއް ނިންމާނީ. ދެންމެއަކު ގާތްގަނޑަަކަށް ހަ މިނެޓްގެ ވާހަކަ އިސްތިއުނާފް ކުރައްވާ ފަރާތުން ދެއްކެވީމަ ތި ފަރާތުން ތި ވިދާޅުވީ ބަރަބޮލެކޭ. ދެން އެ ހިސާބުން އެ ނިމުނީ. ވައަލައިކުމުއްސަލާމް. އިތުރު ވާހަކައެއް ނެތް. ޖަވާބެއް ނެތް. ތިޔަ ވިދާޅުވީ ފޯމުގައި އޮތް ގޮތަށް ބަލައިގެން ނިންމަވައިދޭށޭ،" ހިތްހަމަނުޖެހުމާ އެކު ފަނޑިޔާރު ވާހަކަ ދެއްކެވި އެވެ.

"ކީކޭތޯ ދެން އަޅުގަނޑު ދަންނަވާނީ. ތަމްސީލްކުރެވިއްޖެތޯ މުވައްކިލް. އަޅުގަނޑަކަށް ނޭނގެ މި މައްސަލާގައި މުވައްކިލް މި މައްސަލާގައި ރެޕެރެޒެން ކުރެވިއްޖެ ކަމެއް ... އަޅުގަނޑު އިތުރަށް ދަންނަވާނެ ވާހަކައެއް ނެތް."

އެހެން ވިދާޅުވުމުން ވަކީލް ޒާހިރު ވިދާޅުވީ ދައްކަންޖެހޭ ވާހަކަ އަދި އެއްކޮށް ނިންމާލީއެއް ނޫން ކަމަށެވެ. ހުށަހެޅި ނުކުތާތަކަށް ހުންނާނީ ޖަވާބުދާރީ ވެވިފައި ކަމަށާއި ދެއްކޭނީ ކުންފުނިން ބޭނުންވާ ވާހަކައެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އަމިއްލަ ހައިސިއްޔަތުން ވާހަކައެއް ނުދެއްކޭނެ. އެހެންވެ އެކަން ފާހަގަކޮށްލަން،" އޭނާ ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވެސް ވިދާޅުވީ އިސްތިއުނާފް ރައްދުވާ ފަރާތުން ވާހަކަ ދައްކަވަނީ ވަރަށް ކުރުކޮށް ކަމަށާއި އެއްޗެއް ބަލައިގެން ވިދާޅުނުވެ ކަން ހިނގައިދިޔަ ގޮތް ފަނޑިޔާރުންނަށް ސާފުވާނެހެން ވިދާޅުވާން ޝަރީއަތް ފަށަމުން ވެސް ދެންނެވި ކަމަށެވެ.

"އޭރުން ފަނޑިޔާރުންނަށް ވާހަކަތަކަށް ގާނޫނީ ބުރަދަން ދޭން ފަސޭހަވާނީ،" އުއްތަމަ ފަނޑިޔާރު ޝަރީއަތް ނިންމަވާލައްވަމުން ވިދާޅުވި އެވެ.

"ތިހާ ކުރުކޮށް ވިދާޅުވީމާ ހަގީގަތުގައި އެއްޗެއް ދެނެގަތުމަށް ވަރަށް އުނދަގޫ. އެއީ އެއްޗެއް ވިދާޅުނުވަނީ."