Roadha Mihaaru
އައްޑޫގެ ބިން ހިއްކުން ލަހެއް ނޫން: އަސްލަމް

އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ލަހެއް ނޫން: އަސްލަމް

17 މެއި 2022

އައްޑޫން 194 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކުމުގެ މަޝްރޫއު ކުރިއަށް ދާ ވަރު ލަހެއް ނޫން ކަމަށް ނޭޝަނަލް ޕްލޭނިން، އިންފްރާސްޓްރަކްޗަރު މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އައްޑޫން 194 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކުމުގެ މަޝްރޫއު ކުރިއަށް ދާ ވަރު ލަހެއް ނޫން ކަމަށް ނޭޝަނަލް ޕްލޭނިން، އިންފްރާސްޓްރަކްޗަރު މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީން ވަނީ އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ނެދަލެންޑްސްގެ "ވެން އޫޑް" ކުންފުންޏާ މިދިޔަ މާޗު މަހު ހަވާލުކޮށްފަ އެވެ.

އެ މަޝްރޫއު ބަޔަކާ ހަވާލުކޮށްފައި ވިޔަސް ނުފެށި ލަސްވާތީ އައްޑޫގެ މީހުންގެ ކަންބޮޑުވުން އެބައޮތް ކަމަށް ވިދާޅުވެ، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ކުރަން ޖެހޭ ގިނަ މަސައްކަތްތައް ހުންނަ ކަމަށެވެ.

ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގަތުމަށް ހަދާ އީއައިއޭ ރިޕޯޓް ފައިނަލް ކުރަން ޖެހޭ ކަމަށާއި "ސޭންޑް ސާޗް" އެއް ވެސް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ވެލި ނެގެން ހުރި މިންވަރު ކޮންމެވެސް މިންވަރަކަށް އެނގި ތިބެގެން ބިޑް އެވޯޑުކޮށްފައި އެ އޮތީ. އެހެން ނަމަވެސް މޮބިލައިޒް ކުރުމުގެ ކުރިން ސީދާ ކިހާ މިންވަރެއްގެ ވެއްޔެއްތޯ، ކިތަށް ތަނުން ވެލި ނަގަން ޖެހޭނެތޯ ޔަގީން ކުރުމަށް ގްރައުންޑް ޓްރުތިން ހަދަން ކޮންޓްރެކްޓާ ދާނެ،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އެ މަސައްކަތް ފަށާނީ އަންނަ ޖުލައި މަހު އެވެ.

އެހެންކަމުން އައްޑޫގެ ބިން ހިއްކުމުގެ މަސައްކަތް ތާވަލުން ކައްސާލައިގެން ލަސްވެފައި އޮތް ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގާ އެ މަޝްރޫއުގައި ހިތަދު އާއި މަރަދު އާއި މަރަދޫ ފޭދޫން ބިން ހިއްކާނެ އެވެ.

ބިން ހިއްކުމުގައި ބޭނުންކުރާނީ އެ ކުންފުނީގެ ޑްރެޖަރު އެޗްއޭއެމް 318 އެވެ. އެ މަޝްރޫއަށް 6.9 މިލިއަން ކޮޑި މީޓަރުގެ ވެލި ބޭނުންވާ އިރު، ވެލި ނަގަނީ އައްޑޫގެ އެތެރެވަރީގެ ދެ ސަރަހައްދަކުންނެވެ. އެއީ މުޅި އެތެރެވަރީގެ 42 ޕަސެންޓެވެ. މީގެ ސަބަބުން އައްޑޫގެ ތިމާވެއްޓަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުންތަކެއް ލިބޭނެ ކަމަށް އީޕީއޭގެ ރިޕޯޓުން ދައްކަ އެވެ.

އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެތީ، ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި އެވެ. އެ މަޝްރޫއު ހުއްޓާލަން ޓްރާންސްޕޭރެންސީ މޯލްޑިވްސް ހިމެނޭ ގޮތަށް ތިމާވެށީގެ ހައްގުގައި މަސައްކަތްކުރާ ވަރަށް ގިނަ ޖަމިއްޔާތަކުން ގޮވާލައިފައިވެ އެވެ. ޕްލޭނިން މިނިސްޓްރީއާ ދެކޮޅަށް އަމިއްލަ ފަރާތަކުން އެ މައްސަލަ ސ. މީދޫ މެޖިސްޓްރޭޓް ކޯޓަށް ވެސް ހުށަހަޅާފައިވެ އެވެ.

ނަމަވެސް ސަރުކާރުން ވަނީ ތިމާވެށި ހިމާޔަތްކުރަން އިސްކަންދޭނެ ކަމުގެ ޔަގީންކަމާއެކު މަޝްރޫއު ކުރިއަށް ގެންދަން ނިންމާފަ އެވެ.