Roadha Mihaaru
އަސްލަމް ވިދާޅުވީ، ބްރިޖުގެ މަސައްކަތް ލަސްކަމަށް!

މާލެ-ތިލަފުށި ބްރިޖުގެ މަސައްކަތް ލަސް، އިތުރު މުއްދަތު ދިނުމުގެ ވިސްނުމެއް ނެތް: އަސްލަމް

23 މެއި 2023

މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމުގެ މަސައްކަތުގައި ލަސްތަކެއް އުޅޭ ކަމަށާއި ނަމަވެސް، އެ މަސައްކަތް ނިންމަން ދީފައިވާ މުއްދަތު އިތުރުކޮށްދިނުމުގެ ވިސްނުމެއް ނެތް ކަމަށް ހައުސިން އަދި އިންފްރާސްޓްރަކްޗަރު މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމުގެ މަސައްކަތުގައި ލަސްތަކެއް އުޅޭ ކަމަށާއި ނަމަވެސް، އެ މަސައްކަތް ނިންމަން ދީފައިވާ މުއްދަތު އިތުރުކޮށްދިނުމުގެ ވިސްނުމެއް ނެތް ކަމަށް ހައުސިން އަދި އިންފްރާސްޓްރަކްޗަރު މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ބައެއް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ ކުރީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގެ ވާހަކައިގައި ސުވާލު ކުރެއްވީ ބްރިޖް ލަސްވުމުގެ އަޑުތަކާ ގުޅުވައި، އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބަކާ ގުޅޭގޮތުންނެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެ މަޝްރޫއު ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުނިން ކަނޑައަޅާފައިވާ ތާވަލަށް ވުރެ މަސައްކަތް ލަސްވެފައިވާ ކަމަށެވެ.

"...މިހާތަނަށް އަންނަން ވާ ހިސާބަކަށް ނޫން އައިސްފައި ހުރީކީ. އޭގެ ތެރެއިން ކޮންމެވެސް ވަރެއް ކެޗްއަޕް ކުރެވޭނެ. ފުލީ ކެޗްއަޕްއެއް ނުކުރެވޭނެ. އަދި އަޅުގަނޑުމެން ޓައިމް އެކްސްޓެންޝަނެއް ދޭކަށް ގަސްދެއް ނުކުރަން،" އަސްލަމް ވިދާޅުވި އެވެ.

މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ދެއްވަމުން، އަސްލަމް ވިދާޅުވި ގޮތުގައި ބުރިޖުގެ ޑެކު ސެކްޝަންތައް ވެސް ގުޅިފަޅުގައި އަންނަނީ ހަދަމުންނެވެ.

މަޖިލީހުގެ މީގެ ކުރީގެ ޖަލްސާއެއްގައި މިނިސްޓަރު އަސްލަމް މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. -ފޮޓޯ: މަޖިލީހުގެ އިދާރާ

މަޖިލީހުގެ މީގެ ކުރީގެ ޖަލްސާއެއްގައި މިނިސްޓަރު އަސްލަމް މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. -ފޮޓޯ: މަޖިލީހުގެ އިދާރާ

އޭނާ ވިދާޅުވީ، ސިނަމާލެ ބްރިޖާ ހިލާފަށް، ތިލަފުށި ބްރިޖުގެ މަސައްކަތް ކުރާނީ ވަގުތީ ޕްލެޓްފޯމެއް އަޅައިގެން ނޫން ކަމަށާއި މިހާރު ޖަހަމުން ދަނީ ބުރިޖު އެޅުމަށް ބޭނުންކުރާ ތަނބުތައް ކަމަށެވެ.

"...ފުރަތަމަ ޖެހި ދެ ތަނބަކީ ޓެސްޓަށް ޖެހި ތަނބުތަކެއް. އެ ކަމަކު ދެން ޖަހަމުން އެ ގެންދަނީ ހަމަ އަސްލު ތަނބުތައް،" އަސްލަމް ވިދާޅުވި އެވެ.

އިންޑިއާގެ އެގްޒިމް ބޭންކްގެ ލޯނަކާއި އިންޑިއާ ސަރުކާރުން ދޭ އެހީ އެއްކޮށްލައިގެން ހަރަދުކުރާ ގޮތަށް ހިންގާ ތިލަމާލެ ބްރިޖްގެ މަސައްކަތް އެފްކޮންސްއާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވީ އޮގަސްޓް 2021 ގަ އެވެ.

އެ ޕްރޮޖެކްޓާ ގުޅޭގޮތުން އޭރު ދިން ތާރީހުތަކަށް ބަލާއިރު، އެ ބުރިޖު މާލެ އިން ވިލިމާލެ އަށް ގުޅާލުން އަންނަ ޖުލައި މަހަށް ނިންމާލައި، އޮގަސްޓު މަހު ދަތުރުފަތުރުކުރަން ހުޅުވާލެވޭނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި ގުޅިފަޅާ ހަމައަށް މި އަހަރުގެ ޑިސެމްބަރު މަހު ގުޅާލައި، މުޅި މަޝްރޫއު އަންނަ އަހަރުގެ ނޮވެމްބަރު މަހު ނިންމާލެވޭނެ ކަމަށް އޭރު ބުނެފައި ވެ އެވެ.

އެ މަޝްރޫއުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދު ގުޅާލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް ހަދާނެ އެވެ. އެއީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.