Roadha Mihaaru
"މިފްކޯ އަށް ގެއްލުންވާނަމަ އެއީ ހަމައަގެއް ނޫން"

މިފްކޯ އަށް ގެއްލުންވާ ނަމަ މަސް ގަނެވެނީ ހަމަ އަގުގައެއް ނޫން: ޑރ. ހުސެއިން

18 މެއި 2022

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓަޑް (މިފްކޯ) އަށް ގެއްލުންވާ ގޮތަށް މަސް ގަންނަ ނަމަ އެއީ ހަމަ އަގު ހޯދައިދެވުން ކަމަކަށް ނުވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓަޑް (މިފްކޯ) އަށް ގެއްލުންވާ ގޮތަށް މަސް ގަންނަ ނަމަ އެއީ ހަމަ އަގު ހޯދައިދެވުން ކަމަކަށް ނުވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބެނީ ކީއްވެގެންތޯ ރައްޔިތުންގެ މަޖިލީހުގައި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު މިއަދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ހުސެއިން ވިދާޅުވީ މަހުގެ ހަމަ އަގަކީ ކޮބައިކަން އެނގެން ޖެހޭ ކަމަށެވެ.

ގޫގުލް އިން ފެއާ ޕްރައިޒްގެ މާނަ ބަލައިލުމުން އެއީ ވަކި ބާވަތެއް އުފައްދާ މީހުންނަށް އުފެއްދުމުގެ ހަރަދުތަކުގެ އިތުރުން އެކަށީގެންވާ އާމްދަނީއެއް ލިބޭ އަގަކަށް ވާން ޖެހޭ ކަމަށާއި އޭގެ އިތުރުން އެ މީހުންގެ އަތުން އެ ތަކެތި ގަނެ، ސެކަންޑަރީ ޕްރޮޑަކްސް ޕްރޮސެސް ކޮށްގެން އުފައްދާ މީހުންނަށް ވެސް އެހެން މާކެޓަކަށް ވިއްކޭ އަގަކަށް ވާން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަކު މިއަދު އެކަން އޮތީ އެހެންނެއް ނޫން ކަމަށާއި އެކްސްޕޯޓް ކުރާ މަހުން މިއަދު ވެސް މިފްކޯ އަށް [ޓަނަކުން] އެވަރެޖް ކޮށް 281 ޑޮލަރުގެ ގެއްލުންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވީމަ ކޮސްޓް އޮފް ޕްރޮޑަކްޝަނަށް ވުރެ މާކެޓް ޕްރައިޒް މާ ދަށް. ނަތީޖާ އަކީ ސަބްސިޑައިޒް ކޮށްގެން މިކަން ކުރަން ޖެހުން. އެއަށް އަޅުގަނޑުމެން ފެއާ ޕްރައިޒް ކިޔަންޏާ އެއީ ފެއާ ޕްރައިޒް ކަމަށް ވެދާނެ، އެކަމަކު އަޅުގަނޑަށް ހީވަނީ އެއީ ހަމަ އަގުގެ މާނައިގައި ހިމެނޭ ކަމެއް ނޫންހެން،" ހުސެއިން ވިދާޅުވި އެވެ.

މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަކީ މި ސަރުކާރާއި އޭގެ ކުރީ ސަރުކާރުތަކުން ވެސް ވަމުން އަންނަ ބޮޑު ވައުދެކެވެ. ގިނަ ފަހަރަށް ހަމަ އަގު ހޯދައިދިނުން ކަމަށް ވެފައި އޮންނަނީ ހަމައެކަނި މަސްވެރިންގެ އަތުން ބޮޑު އަގުގައި މަސް ގަތުމަށެވެ.

މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ މި އަހަރުގެ ތެރޭ މަސްވެރިންގެ އަތުން މަސް ގަންނާނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް ބަލާފައި ކަމަށެވެ.

އެ ނިންމުމާ އެއްގޮތަށް މިދިޔަ މާޗު މަހުން ފެށިގެން މިފްކޯ އިން އަންނަނީ އެ ކުންފުނިން މަސް ގަންނަ އަގު 17ރ. އާ ހަމަޔަށް ބޮޑު ކޮށްފަ އެވެ.