Roadha Mihaaru
ވަޒީރުކަމުން ދުރުކޮށްފާނެތީ ހުސައިން ޖަވާބެއް ނުދެއްވި

"އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާފާނެތީ" ބައެއް ސުވާލުތަކަށް ޑރ. ހުސެއިން ޖަވާބެއް ނުދެއްވި

11 އެޕްރީލް 2022

ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެވޭ ވާހަކައަކާ ގުޅިގެން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާފާނެ ކަމަށް ވިދާޅުވެ، ސުވާލާ ނުގުޅޭ އެއްވެސް ވާހަކައެއް ދައްކަވަން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ދެކޮޅު ހައްދަވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެވޭ ވާހަކައަކާ ގުޅިގެން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާފާނެ ކަމަށް ވިދާޅުވެ، ސުވާލާ ނުގުޅޭ އެއްވެސް ވާހަކައެއް ދައްކަވަން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ދެކޮޅު ހައްދަވައިފި އެވެ.

އޭނާގެ ދެކޮޅުން ހެދުން އައީ ހއ. ދިއްދޫގައި ގާއިމްކުރަން ނިންމާފައިވާ އައިސްޕްލާންޓުގެ މަސައްކަތް ގޮސްފައިވާ ހިސާބާ ގުޅޭ މިއަދުގެ ޖަލްސާގައި މެމްބަރުން ސުވާލު ކުރެއްވުމުންނެވެ.

ވަޒީރުންނާ، މެމްބަރަކު ރަސްމީކޮށް ކުރައްވާ ސުވާލުތަކަށް ދެއްވާ ޖަވާބާ ގުޅިގެން އެހެނިހެން ސުވާލުތައް ކުރުމުގެ ފުރުސަތު މަޖިލީހުގެ ގަވައިދުގެ ދަށުން އެހެން މެމްބަރުންނަށް ވެސް އޮވެ އެވެ.

އެކަމަކު، މިނިސްޓަރަށް ފޮނުވާފައިވާ ސުވާލުގެ މައުލޫއާ ނުގުޅޭ ސުވާލެއް މެމްބަރަކު ކުރައްވައިފި ނަމަ އެފަދަ ސުވާލުތަކަށް ޖަވާބު ދިނުމާއި ނުދިނުން ރިޔާސަތުން ދޫކޮށްލާފައި އޮންނަނީ މިނިސްޓަރަށެވެ. ކަމާ ނުގުޅޭ ސުވާލެއް މެމްބަރަކު ކުރެއްވިޔަސް އާންމުކޮށް މިނިސްޓަރުން ކޮންމެވެސް ޖަވާބެއް ދެއްވަ އެވެ.

ދެކުނު މަސްވެރިކަން މި ދުވަސްވަރު ވަރަށް ރަނގަޅު ވެފައިވާއިރު، މަސް ނުކިރޭ މައްސަލަ އާއި އެހެން މައްސަލަތަކާ ގުޅޭ ގޮތުން މެމްބަރުން މިއަދު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވުމަށް ޑރ. ހުސައިން ދެކޮޅު ހެއްދެވި އެވެ. ސަބަބެއް ކަމަށް ވިދާޅުވީ މި މަޖިލީހުގައި ހަގީގަތާ ހިލާފު ވާހަކައެއް ދެއްކުމަކީ ފިޔަވަޅު އެޅޭ ޒާތުގެ ކަމަކަށް ވާތީ އެވެ.

މަޖިލީހުން ދިން ނޯޓިސްގެ ބޭނުމަށް ކަނޑައަޅާފައިވާ މައުލޫއާ ނުގުޅޭ ސުވާލަކަށް ދެވޭ ގޯސް ޖަވާބެއްގެ ސަބަބުން އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުގެ ފުރުސަަތު ވެސް އޮތް ކަމަށް ހުސައިން ވިދާޅުވި އެވެ.

"އަޅުގަނޑު ޖަވާބު ދިނުން ލާޒިމުވަނީ ހަމައެކަނި ސުވާލުގެ ނޯޓިސް ދީފައި އޮތް ކަންތައްތަކާ ގުޅޭ ގޮތުން ކަން. އައިސްޕްލާންޓަކާ ގުޅޭ ގޮތުން ސުވާޅު ކޮށްފިއްޔާ ޖަވާބު ދެވޭނެ. އަޅުގަނޑުގެ ލަފައެއްގެ މައްޗަށް ވާހަކަ ދައްކަން މި މަޖިލީހުގައި ވަރަށް ކަންބޮޑުވޭ،" މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވާ ހުސައިން ވިދާޅުވި އެވެ.

އައިސްޕްލާންޓްގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ވަޒީރު ބައްލަވަންތޯ ވިދާޅުވެ، އެމްޑީޕީގެ މެމްބަރަކު ސުވާލެއް ކުރެއްވުމުން ހުސައިން ވިދާޅުވީ "އާނ އެކޭ ނުވަތަ ނޫނެކޭ" ބުނުމަށް ސުވާލު ކުރުމަކީ ގާނޫނު ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ.

އެހެންވެ، މަސްވެރިކަމާ ބެހޭ ވަޒީރުގެ ފަރާތުން ސުވާލުތަކަށް ޖަވާބު ނުލިބޭތީ ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ނަމަވެސް އެއީ މައުލޫއާ ނުގުޅޭ ސުވާލަކަށް ވާތީ، އެ އަށް ޖަވާބު ދެއްވުމަށް، މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަޒީރަށް ބާރެއް ނާޅުއްވަ އެވެ.

މަޖިލީހުގައި ކުރި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވުމަށް ފިޝަރީޒް މިނިސްޓަރު ދެކޮޅު ހެއްދެވިއިރު، ދާދި ފަހުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެޓާނީ ޖެނަރަލް އިބްރާހިމް ރިއްފަތު މަޖިލީހުގައި އިތުރުފުޅު ހެއްދެވި ކަމަށް ބުނާ މައްސަލައެއް މަޖިލީހަށް ހުށަހެޅި އެވެ.

އެ މައްސަލައިގައި އެމްޑީޕީގެ ބައެއް މެމްބަރުންނާއި އިދިކޮޅު މެމްބަރުން ތުހުމަތުކުރީ އަދާލަތު ޕާޓީގެ ރައީސް އިމްރާނަށެވެ. އަދި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ޖެހޭ ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ. ނަމަވެސް އެ މައްސަލަ އިތުރަށް ކުރިޔަށް ގެންދަން ފާހެއް ނުވި އެވެ.