Roadha Mihaaru
"ފުނައްޑޫން މަސް ގަންނަން ފެށޭނީ އަންނަ އަހަރު"

ފުނައްޑޫން މަސް ގަންނަން ފެށޭނީ އަންނަ އަހަރުގެ މޭ މަހު: ޑރ. ހުސައިން

14 ޖޫން 2022

މިފްކޯ އިން ހިންގާ ތ. ފުނައްޑޫ އަލުން އޮޕަރޭޝަނަށް ގެނެސް މަސް ގަންނަން ފެށޭނީ އަންނަ އަހަރުގެ މޭ މަހު ފަށާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މިފްކޯ އިން ހިންގާ ތ. ފުނައްޑޫ އަލުން އޮޕަރޭޝަނަށް ގެނެސް މަސް ގަންނަން ފެށޭނީ އަންނަ އަހަރުގެ މޭ މަހު ފަށާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

މަސް ޕްރޮސެސް ކުރުމުގެ އެއްވެސް މަސައްކަތެއް ނުހިނގާ އެތައް އަހަރެއް ވެފައިވާ ފުނައްޑޫ، މިފްކޯ އަށް ގަނެފައި ވަނީ މި އަހަރުގެ މާޗު މަހު އެވެ.

ފުނައްޑޫގައި މިފްކޯގެ ފަރާތުން މަސް ގަންނަން ފަށާނެ ތާރީހަކީ ކޮބާތޯ ތިމަރަފުށީ ދާއިރާގެ އެމްއެންޕީގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަކަށް ރައްޔިތުންގެ މަޖިލީހަށް ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ފުނައްޑޫ އޮޕަރޭޝަނަށް ގެނެވޭނީ އެ ރަށުގެ ބަނދަރު މަރާމާތު ކޮށްގެން ކަމަށް އެކަމާ ގުޅޭ ގޮތުން ހެދި އެސެސްމަންޓެއް އެނގޭ ކަމަށެވެ.

"މިހާރު [ފުނައްޑޫ] ބަނދަރު އޮތް ހާލަތުން އެ ފެސިލިޓީ އަށް ގަންނަ މަސް ރަށުން ބޭރު ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި،" މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވި ސިޓީގައި ހުސައިން ވިދާޅުވި އެވެ.

މުޅި ފެސިލިޓީ އެއްކޮށް މަރާމާތުކޮށް މަސް ގަނެވޭ ހާލަަތަށް ގެންނަން 10.2 މިލިއަން ޑޮލަރު (157.3 މިލިއަން ރުފިޔާ) ހަރަދު ކުރަން ޖެހޭ ކަމަށާއި ނަމަވެސް އެއީ މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ފައިސާއެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ދައުލަތުގެ ކޭޝްފްލޯ މިހާރު ހުރި ހާލަތުން އެ ވަރަށް ފައިސާ ދޫކުރަން ދަތިތަކެއް އެބަހުއްޓެވެ.

އެހެންކަމުން ބޭންކަކުން ލޯނެއް ނަގައިގެން އެ ފައިސާ ހޯދަން މަސައްކަތް ކުރަން މިފްކޯ އަށް އަންގާފައިވާ ކަމަށާއި އެ ކުންފުނިން ބޭންކުތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ހުސައިން ވިދާޅުވި އެވެ.

"މިފްކޯގެ މާލީ ހާލަތު ހުރި ގޮތުން އެފަދަ ލޯނެއް ނެގުމަށް ބޭނުންވާ ކަންކަން ހަމަޖައްސަން އަދި މަދުވެގެން ދެ މަސް ނަގާނެ ކަމަށް އަންދާޒާ ކުރެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ބަނދަރު ހެދުމުގެ މަސައްކަތް ފެށުމާއެކު، އަށް މަސް ތެރޭގައި އެ މަސައްކަތް ނިންމައި ހިދުމަަތް ދޭން ފެށޭނެ ކަމަށާއި ލޯނު ހަމަޖެހި، ފުނައްޑު އަށް މަސް ގަންނަން ފެށޭނެ ކަމަށް ބެލެވެނީ އަންނަ އަހަރު މޭ މަހު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފުނައްޑު އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2004 ވަނަ އަހަރުން ފެށިގެން މަސްވެރިކަމުގެ ސިނާއަތަށް ދޫކޮށްފައިވާ ރަށެކެވެ.