Roadha Mihaaru
އިންޑިއާ ބޯޓަކަށް ވާތީ ފިޔަވަޅު ނާޅާ ނުތިބެން:ހުސައިން

އިންޑިއާގެ ބޯޓަކަށް ވާތީ ފިޔަވަޅު ނާޅައި ނުތިބެން: ޑރ. ހުސައިން

23 މެއި 2022

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އިންޑިއާގެ ބޯޓެއް ވަދެއްޖެ ނަމަ ފިޔަވަޅު ނާޅާ ނުތިބޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އިންޑިއާގެ ބޯޓެއް ވަދެއްޖެ ނަމަ ފިޔަވަޅު ނާޅާ ނުތިބޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެހެން ވިދާޅުވީ، އިންޑިއާގެ ބޯޓުތަކުން ރާއްޖޭގެ އުތުރު ސަރަހައްދުން މަސް ބާނާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާތީ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަކާ ގުޅިގެންނެވެ. ސަލީމްގެ ސުވާލަކަށްވީ، އިންޑިއާގެ ބޯޓުތަކުން އެ ގޮތަށް މަސްވެރިކަން ކުރުމުގެ އެއްވެސް ފުރުސަތެއް ގަވައިދުގެ ދަށުން އޮތްތޯ އެވެ.

ޑރ. ހުސައިން ވިދާޅުވީ ރާއްޖެ އާއި އިންޑިއާއަކީ އުތުރުގައި އެއް ބޯޑަރެއް ހިއްސާކުރާ ބައެއް ކަމަށާއި ރާއްޖެ އާއި އިންޑިއާ ސަރަހައްދާ ދޭތެރޭ އޮންނަނީ 30 ވަރަކަށް މޭލު ކަމަށެވެ.

އިންޑިއާގެ ބޯޓުފަހަރުން ރާއްޖެ ސަރަހައްދަށް ވަންނަ ކަމަށް ބުނެ މަސްވެރިން ޝަކުވާކުރާ ކަމަށާއި ދިވެހި މަސްވެރިންނަށް ވެސް ބައެއް ފަހަރަށް އޮޅިގެން އިންޑިއާގެ ބޯޑަރުގެ ތެރެއަށް ވަދެވޭ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް އިންޑިއާގެ ބޯޓުތައް ރާއްޖޭގައި ގިނަވާކަމުގެ ޝަކުވާ ކޯސްޓްގާޑުން ފާހަގަކޮށްފައި ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ގަވައިދާ ހިލާފަށް އަޅުގަނޑުމެންގެ ސަރަހައްދަށް ވަދެގެން މަސްވެރިކަން ކުރާ ކަމުގެ ޝަކުވާ އަޅުގަނޑުމެންނަށް ލިބިފައެއް ނެތް،" ޑރ. ހުސައިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ވަކި ގައުމެއްގެ އުޅަނދަކަށް ވީތީ ގާނޫނުން ތަންފީޒު ކުރަންޖެހޭ ކަމެއް ނުކޮށް ނުތިބޭނެ އެވެ.

މަސްވެރިކަމުގެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން 8 އުޅަނދެއް ހިފަހައްޓާފައިވާ ކަމަށާއި އޭގެ ތެރެއިން ފަސް އުޅަނދަކަށް ފިޔަވަޅު އަޅާފައިވާ ކަމަށް ޑރ. ހުސައިން ވިދާޅުވި އެވެ.

"ގާނޫނުން އަޅަން ޖެހޭ ފިޔަވަޅުތައް އެއީ ކޮން ގައުމެއްގެ އުޅަނދެއްތޯ ނުބަލައި އަޅުގަނޑުމެން އަޅަމުން އެބަ ގެންދަން."

ރާއްޖޭގެ އިިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ ޒިންމާ އޮންނަނީ ކޯސްޓް ގާޑުގެ ޒިންމާއެއްގެ ގޮތުގަ އެވެ. ރާއްޖޭގެ ސަރަހައްދަށް ވަދެގެން އުޅޭ މަސްބޯޓުތައް ހިފެހެއްޓުމަށް ފަހު ފުލުހުންނާ ހަވާލު ކުރާނެ އެވެ. އަދި އެ ތަހުގީގަށް ފަހު ދެން ހަވާލުވާނީ ފިޝަރީޒް މިނިސްޓްރީންނެވެ.