Roadha Mihaaru
ދެކުނު އެފްރިކާގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވަނީ

ދެކުނު އެފްރިކާގައި ފުރަތަމަ ފަހަަރަށް ރާއްޖޭގެ އެމްބަސީއެއް ހުޅުވަނީ

18 މެއި 2022

ދެކުނު އެފްރިކާގައި ފުރަތަމަ ފަހަަރަށް ރާއްޖޭގެ އެމްބަސީއެއް ހުޅުވަން ނިންމައިފި އެވެ.

އަހުމަދު ޝަބީން އަހުމަދު ޝަބީން

ދެކުނު އެފްރިކާގައި ފުރަތަމަ ފަހަަރަށް ރާއްޖޭގެ އެމްބަސީއެއް ހުޅުވަން ނިންމައިފި އެވެ.

ދެކުނު އެފްރިކާ ސަރުކާރުން ރާއްޖެ އަށް ކަނޑައެޅި އާ ސަފީރު ސެންޑިލް އެޑްވިން ޝޯކްގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވަން އިއްޔެ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، އެ މަނިކުފާނު ވިދާޅުވީ، އެ އެމްބަސީ ހުޅުވަނީ ދެކުނު އެފްރިކާގެ ޕްރިޓޯރިއާގައި ކަމަށެވެ. އަދި އެއީ މުޅި އެފްރިކާ ސަރަހައްދުގައި ވެސް ދިވެހި އެމްބަސީއެއް ގާއިމުކުރާ ފުރަތަމަ ފަހަރު ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މި އެމްބަސީގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ދެކުނު އެފްރިކާއަކީ ރާއްޖެ އަށް މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ދެ ގައުމުން ވެސް ޝައުގުވެރިވާ ދާއިރާތަކުން އެ ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް އޮފީހުން ބުނީ، އެ ދެ ބޭފުޅުން ވަނީ ޓޫރިޒަމާއި އުމްރާނީ ތަރައްގީ އާއި ބައިނަލްއަގްވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރުމުގެ އަޒުމް އާ ކުރެއްވި ކަމަށެވެ.

ރާއްޖެ އާއި ދެކުނު އެފްރިކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ ޖުލައި 27, 1994 ގަ އެވެ.