Roadha Mihaaru
ނަޝީދު ކުރެއްވި ތުހުމަތުތަކުގެ ޗެޓްލޮގް ދޭން ފާސްކޮށްފި

ނަޝީދު ކުރެއްވި ތުހުމަތުތަކުގެ ޗެޓްލޮގް ދޭން ކޮމިޓީން ފާސްކޮށްފި

18 މެއި 2022

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ހަގީގަތް ފޮރުވުމަށް ސަރުކާރަށް ވާގިވެރިވާ ކަމަށް ވިދާޅުވެ، އެ މަނިކުފާނު ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އަށް ކުރެއްވި ތުހުމަތުކުގެ ޗެޓްލޮގް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ހަގީގަތް ފޮރުވުމަށް ސަރުކާރަށް ވާގިވެރިވާ ކަމަށް ވިދާޅުވެ، އެ މަނިކުފާނު ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އަށް ކުރެއްވި ތުހުމަތުކުގެ ޗެޓްލޮގް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފި އެވެ.

ހުސައިން މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ބޮމުގެ ހަމަލާގެ ފަހަތުގައި އޭނާގެ ބައިވެރިވުމެއް އޮތް ކަމަށް ދޭހަވާ ގޮތަށް އަސާސެއް ނެތް ތުހުމަތުތަކެއް މަޖިލީހުގެ ވަޓްސެޕް ގްރޫޕެއްގައި އޭނާގެ މައްޗަށް ނަޝީދު ކުރައްވާފައިވާ ކަމަށެވެ.

އެހެންވެ، ހުސައިން އެދިވަޑައިގަތީ އެ މައްސަލަ ތަހުގީގު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށްޓަކައި ނަޝީދު ފޮނުއްވި މެސެޖުތަކުގެ ކޮޕީއެއް މަޖިލީހުގެ އިދާރާ އިން ދިނުމަށެވެ. އެ މެސެޖުތައް ނަޝީދު ފޮނުއްވީ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން އަދި މަޖިލީހުގެ އިދާރާގެ އިދާރީ މުވައްޒަފުން ހިމެނޭ ގޮތަށް އެ އިދާރާ އިން ހަދާފައިވާ ވަޓްސްއެޕް ގުރޫޕަކަށެވެ.

އެކަމާ ގުޅޭ ގޮތުން އާންމު ކޮމިޓީގެ ދެ ބައްދަލުވުމަކަށް ފަހު، އެ ކޮމިޓީގެ މެމްބަރުންގެ މެދުގައި މިއަދު ވަނީ އެއްބަސްވުމަކަށް އާދެވިފަ އެވެ.

ފުނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވީ ހުސައިން އެދިވަޑައިގަންނަވާ ގޮތަށް އެ ޗެޓްލޮގްގެ ކޮޕީ މަޖިލިހުގެ އިދާރާ އިން ފޯރުކޮށްދިނުމަށެވެ.

އެ ހުށަހެޅުމަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވަމުން ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ، ރަސްމީ ގްރޫޕަކަށް ކޮންމެ މެމްބަރަކު މެސެޖެއް ކުރެއްވިޔަސް އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އެ މައްސަލާގައި ނެގި ވޯޓު، ހުސައިން ބޭނުންވާ ގޮތަށް ފާސްކޮށް، ކޮމިޓީން ނިންމީ ޗެޓްލޮގްގެ ކޮޕީ އޭނާ އަށް ދިނުމަށެވެ.

ނަޝީދު ކުރެއްވި ތުހުމަތުތަކާ ގުޅޭ ގޮތުން އެ މަނިކުފާނަށް ފިޔަވަޅު އެޅުމަށް ވެސް ވަނީ މަޖިލީހުގެ ސުލޫކީ ކޮމިޓީ އަށް ވަނީ ހުށަހަޅައިފަ އެވެ. އެ ކޮމިޓީން ވެސް އިއްޔެ ނިންމާފައި ވަނީ އެ މައްސަލަ ބަލައިގަތުމަށެވެ.

ވަޓްސެޕް ގްރޫޕްގައި ނަޝީދު ވިދާޅުވީ، ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންނާއި ހުސައިންގެ އަތުގައި އެ މަނިކުފާނުގެ ލޭ ހޭކިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވަ އެވެ. އަދި އެކަމާ ބެހޭ ގޮތުން މިހާތަނަށް މީޑިއާގައި އެއްވެސް ވާހަކަފުޅެއް ނުދައްކަވަ އެވެ.