Roadha Mihaaru
ނަޝީދުގެ މައްސަލަ ކޮމިޓީ އަށް ބަލައިގެންފި

ނަޝީދުގެ މައްސަލަ ކޮމިޓީ އަށް ބަލައިގެންފި

17 މެއި 2022

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާގެ ހަގީގަތް ފޮރުވުމަށް ސަރުކާރަށް ވާގިވެރިވާ ކަމަށް ބުނެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) އަށް ނަޝީދު ކުރެއްވި ތުހުމަތާ ގުޅިގެން އެ މަނިކުފާނަށް ފިޔަވަޅު އަޅައިދޭން އެދި ހުށަހެޅުއްވި މައްސަލަ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން މިއަދު ބަލައިގެންފި އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާގެ ހަގީގަތް ފޮރުވުމަށް ސަރުކާރަށް ވާގިވެރިވާ ކަމަށް ބުނެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) އަށް ނަޝީދު ކުރެއްވި ތުހުމަތާ ގުޅިގެން އެ މަނިކުފާނަށް ފިޔަވަޅު އަޅައިދޭން އެދި ހުށަހެޅުއްވި މައްސަލަ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން މިއަދު ބަލައިގެންފި އެވެ.

އިމްތިޔާޒު އަދި ސުލޫކު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ މައްސަލަ ބަލައިގަތުމަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފެވެ.

ނަޝީދުގެ މައްސަލަ ބެލުމަށް ފާސްވީ ކޮމިޓީގެ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅުގައި ހުންނެވި ހުސައިން ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ، އޭނާގެ މައްޗަށް ނަޝީދު ކުރެއްވި ތުހުމަތުތަކަކީ އިމްތިޔާޒު ލިބިވަޑައިގަންނަވާ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ވެސް ގާނޫނުއަސާސީ އާއި ކަމާބެހޭ ގާނޫނުތަކުގެ ހުދޫދުގެ ތެރޭގައި އަމަލު ކުރައްވަން ޖެހޭނެ ބޭފުޅެއް ކަމަށް ހުސައިންގެ މައްސަލައިގައި ވެ އެވެ.

ނަޝީދަށް ދިން ހަމަލައިގެ މައްސަލަ ކަމާގުޅޭ އިދާރާތަކުން ބަލަމުންދާއިރު، އެއްވެސް އަސާސެއް ނެތި މަޖިލީހުގެ މެންބަރަކަށް އަމާޒުކޮށް، އެ ހަމަލާގައި ބައިވެރިވި ކަމަށް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަކީ އޭނާގެ އިމްތިޔާޒުތަކާއި ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ކުރެއްވި ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށް ހުސައިން ވިދާޅުވި އެވެ.

އެހެންވެ، އެ ތުހުމަތުތަކުގެ ހަގީގަތް ބަލައި ގަވާއިދުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅެއް އަޅައި ދިނުމަށް ހުސައިން އެދިވަޑައިގަތެވެ.

މޭ 6 ގެ ހަމަލައާ ގުޅުވައިގެން، ހުސައިންގެ ލޭ ހޭކިފައިވާ ކަމަށް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިދާރީ ބައެއް މުއައްޒަފުންނާއި މަޖިލިސް މެމްބަރުން ގުޅިގެން ހަދާފައިވާ ވަޓްސެޕް ގްރޫޕެއްގަ އެވެ. ހުސައިން ވަނީ އެ ވަޓްސެޕް ގްރޫޕަށް އެ ދުވަހު ނަޝީދު ފޮނުއްވި މެސެޖުތަކުގެ ކޮޕީ ދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި އެ މެސެޖުތައް ކަމާބެހޭ މުއައްސަސާތަކަށް ހުށަހެޅުއްވާނެ ކަމަށް ވެސް ހުސެއިން ވިދާޅުވި އެވެ.