Roadha Mihaaru
ލަންކާގެ ދަނޑުވެރިކަން ވެސް ހުއްޓުމަކަށް އަންނަނީ

ލަންކާގެ ދަނޑުވެރިކަން ވެސް ހުއްޓުމަކަށް އަންނަނީ

18 މެއި 2022

އިގްތިސާދީ ގޮތުން ބޮޑު ވަޅުގަނޑެއްގެ ތެރޭގައި އޮތް ސްރީލަންކާގައި ދަނޑުވެރިކަން ވެސް ހުއްޓުމަކަށް އައިސް ކާބޯތަކެއްޗަށް ޖެހިދާނެ ކަމުގެ ބިރު އުފެދެން ފަށައިފި އެވެ.

އިގްތިސާދީ ގޮތުން ބޮޑު ވަޅުގަނޑެއްގެ ތެރޭގައި އޮތް ސްރީލަންކާގައި ދަނޑުވެރިކަން ވެސް ހުއްޓުމަކަށް އައިސް ކާބޯތަކެއްޗަށް ޖެހިދާނެ ކަމުގެ ބިރު އުފެދެން ފަށައިފި އެވެ.

ބައިނަލްއަގުވާމީ ބައެއް ނޫސްތައް ބުނާ ގޮތުން، އަތްމަތި ދަތިވުމުގެ ސަބަބުން، ދަނޑުތައް ހެއްދުމުގެ މަސައްކަތް ކުރެވެން ނެތުމުން، ގިނަ ދަނޑުވެރިންތަކެއް މިހާރު ވަނީ އެމީހުންގެ ދަނޑުތައް ދޫކޮށްލައިފަ އެވެ. ލަންކާ އަށް ކުރިމަތިވެފައިވާ، ބޭރު ފައިސާ ނުލިބުމުގެ ދަތިކަމާ ހުރެ، އެ ގައުމަށް ބޭނުންވާ ވަރަށް މުހިންމު ތަކެތި އިމްޕޯޓްކުރުން ވަނީ ހުއްޓިފަ އެވެ.

އެ ގޮތުން މިހާރު އިމްޕޯޓްކުރުން ހުއްޓާލާފައިވާ އެންމެ މުހިންމު ތަކެއްޗަކީ، ތެލާއި ގޭހުގެ ބާވަތްތަކުގެ އިތުރުން، ދަނޑުވެރިކަމުގައި ބޭނުންކުރާ ކާދުގެ ބާވަތްތަކާއި ދަނޑުވެރިކަމުގެ އެހެން ބައެއް ސާމާނުތަކެވެ. ދަނޑުތަކުގައި ބޭނުންކުރާނެ ބޭހުގެ ބާވަތްތަކާއި ކާދުގެ ބާވަތްތައް ލިބުން ދަތިވުމާ ގުޅިގެން، މިދިޔަ މާޗް މަހުގެ ތެރޭގައި ވެސް، ދަނޑުތަކުން ލިބުނީ އެވްރެޖްކޮށް ލިބޭ ވަރަށް ވުރެ ދެބައިކުޅަ އެއްބައި މަދު މިންވަރެކެވެ.

ބައެއް ދަނޑުވެރިން ބުނި ގޮތުގައި މިދިޔަ މާޗް މަހުގެ ތެރޭގައި ކަނޑަންޖެހޭ ހަނޑޫ ދަނޑުތަކުން، ރަނގަޅަށް ހަރުވެގެން ކެނޑޭވަރުވީ ދެބައިކުޅަ އެއް ބައެވެ. ހަނޑޫ ދަނޑުތަކާއި ދޮންކެޔޮ ދަނޑުތަކުގައި ގަސްތައް މިހާރު ހުރީ ވަޅޯވެފަ އެވެ.

ދަނޑުވެރިން ބުނީ ގަސްތައް ވަޅޯވެ މަރުވެގެން ދިޔަސް، ގަސްތައް ސަލާމަތް ކުރަން ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށެވެ. ގަސްތައް ހައްދަން ޚަރަދުކުރާނެ ފައިސާއެއް އަތުގައި ނެތުމުގެ އިތުރުން، ދަރަންޏަށް ފައިސާ ހޯދައިގެން ވިޔަސް، އެއްވެސް ތަނަކުން ދަނޑުވެރިކަމުގެ ބޭސްތަކާއި ކާދުގެ ބާވަތްތައް ވެސް ލިބެން ނެތުމުން، ދަނޑުތައް ނުބެލެހެއްޓޭނެ ކަމަށް ދަނޑުވެރިން ބުނެ އެވެ.

ލަންކާގެ ހަންބަންޓޯޓާގައި ދަނޑު ހައްދާ މަހިންދަ ސަމަރަވިކްރެމަ، 49، ސީއެންއެން އަށް ބުނި ގޮތުގައި އޭނާގެ ދަނޑުގައި ހައްދާ ފަތްކެޔޮ ގަސްތައް، އަހަރުގެ މި ދުވަސްވަރު ހުންނާނީ އޭނާގެ އިސްކޮޅުގެ ދެގުނަ އަށް ހެދި ފޯދިފަ އެވެ. ނަމަވެސް މިހާރު އިންދައިގެން އުޅޭ 1،300 ގަހުގެ ތެރެއިން، މިހާތަނަށް ބޯއްޓެއް ނުކުތީ ވަރަށް މަދު ގަހެއްގައި ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރަށް އޭނާގެ ފަތްކެޔޮ ދަނޑުން، 37،000 ކިލޯގެ ފަތްކެޔޮ ލިބެ އެވެ. ނަމަވެސް މިފަހަރު ލިބޭނީ ގާތްގަނޑަކަށް 6،000 ކިލޯ ކަމަށް ވެސް އޭނާ ބުންޏެވެ.

ލަންކާގެ ގިނަ ދަނޑުވެރިން ބުނާ ގޮތުގައި މެއި މަހުން އޮގަސްޓް މަހާ ދެމެދު އޮންނަ ދަނޑުވެރިކަމުގެ "ޔާލާ" (ކުޑަ) މޫސުމުގައި، މި ފަހަރު އެ މީހުންގެ ދަނޑުތަކުގައި މުޑުވަކެއް ނުކުރާނެ އެވެ. އެމީހުން ބުނާ ގޮތުގައި މި މޫސުމުގައި ދަނޑުތަކުގައި ގަސްތައް އިންދި ނަމަވެސް، ކާދުގެ ބާވަތްތަކާއި ބޭސްތައް ނުލިބޭ ނަމަ، ގަސްތައް ހެއްދޭނެ ގޮތެއް ނޯންނާނެ އެވެ. އަދި ޕެޓްރޯލް ނުލިބޭ ހާލަތުގައި ދަނޑުތައް ހައްދަން ފެށި ނަމަވެސް، އެކަށީގެންވާ ގޮތެއްގައި ފެން ދީ ބެލެހެއްޓުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ދަނޑުވެރިން ބުނެ އެވެ.

ބައެއް ދަނޑުވެރިން ބުނި ގޮތުގައި ގައުމުގެ އިގްތިސާދު މިހާރު އޮތް ހާލަތުގައި އޮއްވައި، ދަނޑުވެރިކަން ކުރަން އުޅެގެން ލިބޭނީ މާލީ ބޮޑު ގެއްލުމެކެވެ. އެހެންކަމުން އެމީހުން ދަނޑުވެރިކަން ކުރާނީ އާއިލާގެ މީހުން ކެއުމަށް ފުދޭ މިންވަރަށް ކަމަށް ވެސް އެމީހުން ބުނެ އެވެ.