Roadha Mihaaru
ވޯލްޑް ބޭންކުން ދިން 160 މިލިއަން ޑޮލަރު ލަންކާ އަށް

ވޯލްޑް ބޭންކުން ދިން 160 މިލިއަން ޑޮލަރު ލަންކާ އަށް ލިބިއްޖެ

19 މެއި 2022

ސްރީ ލަންކާގެ އިގްތިސާދަށް ކުރިމަތިވެފައިވާ ގެއްލުންތައް ފޫބެއްދުމަށް އެހީތެރިވުމުގެ ގޮތުން، ވޯލްޑް ބޭންކުން އެ ގައުމަށް ދިން 160 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް، އެ ގައުމުގެ އާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިއްޔެ ވިދާޅުވެއްޖެ އެވެ.

ސްރީ ލަންކާގެ އިގްތިސާދަށް ކުރިމަތިވެފައިވާ ގެއްލުންތައް ފޫބެއްދުމަށް އެހީތެރިވުމުގެ ގޮތުން، ވޯލްޑް ބޭންކުން އެ ގައުމަށް ދިން 160 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް، އެ ގައުމުގެ އާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިއްޔެ ވިދާޅުވެއްޖެ އެވެ.

ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ބޮޑުވަޒީރު އިއްޔެ ވިދާޅުވި ގޮތުގައި ވޯލްޑް ބޭންކުން ދިން 160 މިލިއަން ޑޮލަރު ލިބުނީ މިދިޔަ އަންގާރަ ދުވަހު އެވެ. އަދި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުން ދޭން ހަމަޖެހިފައިވާ ފައިސާގެ އެހީ ވެސް ވަރަށް އަވަހަށް އެ ގައުމަށް ލިބޭނެ ކަމަށް ރަނިލް ވިދާޅުވި އެވެ.

ރަނިލް ވިދާޅުވި ގޮތުގައި ވޯލްޑް ބޭންކުން ދިން ފައިސާ އިން، ލަންކާ އަށް މިވަގުތަށް ބޭނުންވާ މިންވަރަށް ތެލާއި ގޭހުގެ ބާވަތްތައް ގަތުމާ ބެހޭ ގޮތުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

"ވޯލްޑް ބޭންކުން ދިން 160 މިލިއަން ޑޮލަރަށް ތެލެއް ނުގަނެވޭނެ. އެހެން ނަމަވެސް އެ ފައިސާ އިން ތެޔޮ ގަތުމުގެ ހުއްދަ ލިބޭތޯ އަހަރެމެން މިއަންނަނީ މަސައްކަތް ކުރަމުން. މިފަދަ ހުރިހާ ކަންކަމަކާ ބެހޭ ގޮތުން އެންމެން ވެސް އެބަ ވާހަކަ ދައްކާ. އެކަމަކު އޮޓޯ ދުއްވާ މީހުންނަށް ވާނެ ގޮތަކާ މެދު އެކަކު ވެސް ވާހަކައެއް ނުދައްކާ. ތެޔޮ ނުލިބޭ ނަމަ، އެމީހުން ދިރިއުޅުމަށްޓަކައި އޮޓޯ ދުއްވޭނެ ގޮތެއް ނޯންނާނެ. އެމީހުންގެ ބޭނުންތަކާ މެދު އަހަރެމެން ވިސްނައި، އެމީހުންނަށް އެހީތެރިވެދެވޭނެ ގޮތެއް ހޯދަންޖެހޭނެ،" ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން އިއްޔެ ރަނިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭޝިޔަން ޑިވެލޮޕްމެންޓް ބޭންކުން ދޭން އެއްބަސްވި ފައިސާގެ އެހީ މިހާތަނަށް ނުލިބި އޮތީ، މިދިޔަ މަހުގެ ތެރޭގައި ދައްކަން ޖެހޭ ބޭރުގެ ދަރަނި އަދާނުކޮށް އޮތުމުގެ ސަބަބުންނެވެ. އެހެން ނަމަވެސް، އެ ބޭންކުގެ އެހީ ވެސް ވަރަށް އަވަހަށް ލިބޭނެ ކަމަށް ރަނިލް ވިދާޅުވި އެވެ.

ގައުމަށް ދިމާވެފައިވާ އިގްތިސާދީ އަދި ސިޔާސީ މައްސަލަތައް ހައްލުކުރުމުގެ ގޮތުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމަކީ، ރަނިލް ވިދާޅުވި ގޮތުގައި، ބޭރުގެ މާލީ އެހީތެރިކަން ހޯދުމެވެ. އެ ގޮތުން ލަންކާގައި ތިބޭ ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުންނާއި އެހެން ގައުމުތަކުގައި ތިއްބަވާ ސްރީ ލަންކާގެ ސަފީރުން މެދުވެރިކޮށް، ފައިސާގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށް ރަނިލް ވިދާޅުވި އެވެ.

މިހާރުގެ ހާލަތުގައި އެހީގެ ގޮތުގައި ލިބޭ ފައިސާ އިން ހޭދަކުރަން ވިސްނަވަނީ، ޕެޓްރޯލާއި ހަކަތައިގެ ބާވަތްތަކުގެ އިތުރުން، ގަސް ކާނާ އާއި ދަނޑުވެރިކަމަށް ބޭނުންކުރާ އެހެނިހެން ސާމާނުތައް ގަތުމަށެވެ. އަދި ގައުމު މިހާރު އޮތް ހާލަތަށް ބަލާއިރު، މި ކަންކަމަށް ހަރަދު ނުކޮށް، ބޭރުގެ ދަރަނި އަދާކުރުމަށް އެންމެ މިލިއަނެއްހާ ޑޮލަރު ވެސް ހޭދަކުރެވެން ނެތް ކަމަށް ރަނިލް ވިދާޅުވި އެވެ.