Roadha Mihaaru
އެމްއެންޕީއާ ނުލައި އިންތިހާބުތައް ކާމިޔާބެއް ނުކުރެވޭނެ

އެމްއެންޕީއާ ނުލައި އެހެން އެއްވެސް ޕާޓީއަކަށް އިންތިހާބެއް ކާމިޔާބެއް ނުކުރެވޭނެ: ނާޒިމް

22 މެއި 2022

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާ ނުލައި އެހެން އެއްވެސް ޕާޓީއަކަށް އިންތިހާބެއް ކާމިޔާބު ނުކުރެވޭނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާ ނުލައި އެހެން އެއްވެސް ޕާޓީއަކަށް އިންތިހާބެއް ކާމިޔާބު ނުކުރެވޭނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްއެންޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ އެ ޕާޓީން ބައިވެރިވަމުން އަންނަ ހުރިހާ އިންތިހާބެއްގެ ނަތީޖާއާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަަމަށެވެ.

އެންމެ ފަހުން ބޭއްވި މާލެ ސިޓީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާގެ އިންތިހާބުގައި، ރާއްޖޭގެ ވެރިކަން ކޮށްފައިވާ ބޮޑު ޕާޓީއެއް ކަމަށްވާ ޕީޕީއެމް އާ ވާދަކޮށްގެން ވެސް ބަލިވީ އެންމެ ވޯޓެއްގެ ތަފާތަކުން ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ މިހާރު ރާއްޖޭގައި އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި، އަޅުގަނޑުމެނާ ނުލައި އެއްވެސް ބަޔަކަށް ރާއްޖޭގެ އިންތިހާބެއް ކާމިޔާބު ނުކުރެވޭ ވަރަކަށް އަޅުގަނޑުމެންނަށް ކާމިޔާބު ލިބިއްޖެ،" ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ނާޒިމް ވާހަކަ ދައްކަވާއިރު، އެ ޕާޓީގެ އެހެން ބައެއް ވެރިން އަޑުއައްސަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެމްއެންޕީން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ނާޒިމް ވާހަކަ ދައްކަވާއިރު، އެ ޕާޓީގެ އެހެން ބައެއް ވެރިން އަޑުއައްސަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެންއެންޕީން ދެން ކުރަން އޮތް މަސައްކަތަކީ އަންނަ ޖުލައި މަހު ތެރޭ ބާއްވާ ބައެއް ރަށްރަށުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަ ކުރުން ކަމަށް ނާޒިމް ވިދާޅުވި އެވެ.

އެއަށް ފަހު ޕާޓީގެ އިންތިހާބު ބާއްވައި ދާއިމީ މަގާމްތަކަށް މީހުން އައްޔަން ކުރައްވާނެ ކަމަށާއި ކޮންގްރެސް ބޭއްވުމަށް ފަހު ރިޔާސީ ޓިކެޓު ވެސް ހަވާލު ކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"ކުރިން ވެސް ދެންނެވި ގޮތަށް ރިޔާސީ އިންތިހާބަށް ވާދަ ކުރުމުގެ ހެޔޮ ނިޔަތް އެބައޮތް،" ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީން ފުރަތަމަ ބައިވެރިވި ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެ ޕާޓީގެ ކެންޑިޑޭޓް އަބްދުލްހަންނާނަށް ލިބިވަޑައިގަތީ 323 ވޯޓެވެ. އެ ޕާޓީ ކާމިޔާބު ކުރި އެމްޑީޕީ އަށް ލިބުނީ 1,401 ވޯޓެވެ. އަދި ޕީޕީއެމް އަށް ލިބުނީ 1,161 ވޯޓެވެ.