Roadha Mihaaru
ނާޒިމް ވެސް ރިޔާސީ ރޭހަށް ނުކުންނަވަނީ

ނާޒިމް ރިޔާސީ ރޭހަށް ނުކުންނަވަނީ

02 އޯގަސްޓް 2022

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުވެއްޖެ ނަމަ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އެ ޕާޓީގެ ވަގުތީ ލީޑަރު ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުވެއްޖެ ނަމަ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އެ ޕާޓީގެ ވަގުތީ ލީޑަރު ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް "މިހާރު" އަށް ވިދާޅުވީ ރިޔާސީ އިންތިހާބަށް އެ ޕާޓީން ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށެވެ. އެ ޕްރައިމަރީ އޭނާ އަށް ކާމިޔާބުވެއްޖެ ނަމަ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި ނުކުންނަވާނެ ކަމަށެވެ.

"ގައުމު މި ވަގުތު އޮތް ހާލަތުން ގަބޫލުކުރެވެނީ އިންތިހާބަށް އަޅުގަނޑުމެންގެ ޕާޓީން ނުކުމެ މި ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް،" ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގެ ތާރީހް ކަނޑައަޅާނީ އެ ޕާޓީގެ ކޮންގްރެސްގަ އެވެ. ގައުމީ ފިކުރުގެ ގޮތުގައި، ވުޖޫދުކުރި ޕާޓީގެ ފުރަތަމަ ކޮންގްރެސް ބާއްވަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

އެމްއެންޕީން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެމްއެންޕީ

އެމްއެންޕީން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެމްއެންޕީ

ނާޒިމް ރިޔާސީ ރޭހަށް ޝައުގުވެރިކަން ފާޅުކުރެއްވި އިރު، ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވެ އެވެ. އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ރިޔާސީ އިންތިހާބަށް ޕްރައިމަރީއަށް ނުކުންނަވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެވެ.

މި ވެރިކަމުގައި ހިމެނޭ ކޯލިޝަންގެ ލީޑަރު، ގާސިމް އިބްރާހިމް ކެންޑިޑެސީ އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު އެ ޕާޓީން ބުނެފައިވާ ގޮތުގައި އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެ އެވެ. މީގެ އިތުރުން އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް ވެސް އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ގައުމު އޮތީ އިގްތިސާދީ ގޮތުން ވަރަށް ދަތި ހާލަތެއްގަ އެވެ. މިކަމުގެ އެންމެ ބޮޑު އަސަރެއް ރައްޔިތުންނަށް ކުރާއިރު، އެކަށީގެންވާ ސިޔާސަތުތަކެއް ކަނޑައަޅައި ގައުމު ކުރިއަށް ގެންދަންޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާގެ އަނެއް ކަންބޮޑުވުމަކީ އިސްލާމީ ވަހުދަތު ރާއްޖޭގައި ދެމެހެއްޓުމުގައި މި ސަރުކާރު ފޭލްވެފައި އޮތުމެވެ.

"ރާއްޖެ މިއޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި. ހާއްސަކޮށް ރާއްޖޭގެ އިސްލާމީ ވަހުދަތު ދެމެހެއްޓޭތަނެއް ނުފެނޭ. ދިނީ ވަހުދަތު ވަރުގަދަކޮށް، އިގްތިސާދު ހަމަ މަގަށް އަޅުވައި ގައުމު އަލުން ބިނާކުރަން ޖެހޭ. މި ޕާޓީގެ ކެންޑިޑޭޓަކު ނުކުންނާނީ ރައްޔިތުންނަށް މިކަންކަން ފުރިހަމަކޮށްދިނުމަށް،" ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީ އުފެއްދީ ރިޔާސީ އިންތިހާބަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 11 އަހަރުގެ ޖަލު ހުކުމަކާ އެކު ސިޔާސީ މަސައްކަތްތަކުން އެއްފަރާތްވެވަޑައިގަންނަވަން ޖެހިވަޑައިގަތް ނާޒިމް އިސްވެ މި ވެރިކަމުގައި އެމްއެންޕީ އުފެއްދީ މަޖިލީހުގެ މެމްބަރުންތަކަކާ އެކުގަ އެވެ. އެ މެމްބަރުން ކުރިއަށް ނެރުއްވީ އެ ޕާޓީއަކީ ގައުމީ ފިކުރުގެ ގޮތުގަ އެވެ.

"އެކްސްޓްރީމް ދެ ފިކުރު ނޫންތޯ މިހާރު މިއޮތީ. އެ އެކްސްޓްރީމުން ނުކުމެވަޑައިގެން މެދުތެރޭގައި ބަޔަކު ތިއްބަވަން އެބަޖެހޭ," އެމްއެންޕީ ސިފަކުރައްވަމުން ނާޒިމް ވިދާޅުވެފައިވެ އެވެ.

ރިޔާސީ އިންތިހާބުތަކުގައި ނަތީޖާ ބުރަވެފައި އޮތީ ރާއްޖޭގައި އޮތް ދެ ފިކުރު ނުވަތަ އެމްޑީޕީ އާއި ޕީޕީއެމްގެ މައްޗަށެވެ. އެކަމަކު އެމްއެންޕީން ބުނެފައިވާ ގޮތުގައި 2023ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރާނީ އެ ޕާޓީން ނެރޭ ކެންޑިޑޭޓެވެ. ކުރު މަގަކުން އިންތިހާބު ކާމިޔާބު ކުރެވޭނީ ކޯލިޝަނަކުން ވިޔަސް ފުރަތަމަ ބުރުގައި ކޯލިޝަނެއް ހެދުމުގެ ވިސްނުމެއް އެ ޕާޓީގައި ނެތެވެ.

އެމްއެންޕީން ބުނެފައިވާ ގޮތުގައި ރައްޔިތުންނަށް ވާ ވައުދުތައް ފުއްދައި ރައްޔިތުންގެ މުހުތާދުތަކާ އެއްގޮތަށް ވެރިކަން ކުރެވޭނެ ޕާޓީއަކަށް މި ގައުމުގައި އޮތީ އެ ޕާޓީ އެކަންޏެވެ.

އެމްއެންޕީން އަމާޒުހިފާފައި ވަނީ މި އަހަރު ނިމެންވާއިރަށް އެ ޕާޓީގައި 10،000 މެމްބަރުން ހަމަކުރުމެވެ. އަދި ރިޔާސީ އިންތިހާބާ ހަމައަށް ޕާޓީގައި 20،000 މެމްބަރުން ތިބޭނެ ކަމަށް ވެސް ނާޒިމް ވިދާޅުވެފައިވެ އެވެ.