Roadha Mihaaru
ފްރޭމްކުރި މައްސަލަ ރިވިއުނުކުރުމުން އިންސާފު ނުލިބުނު!

ފްރޭމްކުރި މައްސަލާގައި ފުލުހުންނާ ހިސާބުން އިންސާފެއް ނުލިބޭ: ނާޒިމް

18 ޖެނުއަރީ 2023

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އޭނާއަށް ނުހައްގުން އިއްވި 11 އަހަރުގެ ޖަލު ހުކުމުން މިނިވަންކޮށް, އެ މައްސަލަ ރިވިއުކުރަން ފުލުހުންނަށް އަމުރުކުރުމުން ވެސް މިހާތަނަށް އިންސާފު ނުލިބޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އޭނާއަށް ނުހައްގުން އިއްވި 11 އަހަރުގެ ޖަލު ހުކުމުން މިނިވަންކޮށް, އެ މައްސަލަ ރިވިއުކުރަން ފުލުހުންނަށް އަމުރުކުރުމުން ވެސް މިހާތަނަށް އިންސާފު ނުލިބޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ފިސްތޯލައަކާއި ވަޒަންތަކެއް ގެންގުޅުނު ކަމުގެ ތުހުމަތުގައި އިއްވި ޖަލު ހުކުމުން ނާޒިމް ސަލާމަތްވީ 2018 ގައި ސުޕްރީމް ކޯޓުންނެވެ. އެންމެ މަތީ ކޯޓުގެ ހުކުމުގައި އޭނާއަށް ނުހައްގުން ޖަލު ހުކުމެއް އިއްވި މައްސަލަ ރިވިއުކުރަން އަމުރުކޮށްފައިވެ އެވެ. އެކަމަކު މިއަދާ ހަމައަށް ވެސް ފުލުހުން މައްސަލަ ނުބަލާ ކަމަށް ނާޒިމް ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

ކުރީ ސަރުކާރުގެ ޑިފެންސް މިނިސްޓަރަކަށް ހުންނަވަނިކޮށް, ރަޔަޓް ގިޔަރުގައި ނާޒިމްގެ ގެއަށް ފުލުހުން ވަދެ ފިސްތޯލައަކާއި ޕެންޑްރައިވްއަކާ އެކު އޭނާ ހައްޔަރުކޮށްގެން ގެންދިޔައީ ޖެނުއަރީ 18, 2015 ގަ އެވެ. ފުލުހުންގެ ތަހުގީގަށް ފަހު އޭނާއަށް ދައުވާކޮށް ހުކުމް ކުރީ ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށުގަ އެވެ.

ފުލުހުން އެ ގެއަށް ވަން ހިސާބުން ފެށިގެން ބޮޑެތި ގޯސްތަކެއް ހެދި ކަން އޮތީ ސާބިތުވެފަ އެވެ. އަދި ހުކުމްކުރި އިރު މިނިވަން ޝަރީއަތެއް ނޫން ކަމަށާއި ކަނޑައެޅިގެން ފްރޭމްކުރީ ކަމަށް ނާޒިމްގެ ވަކީލުން ވިދާޅުވި އެވެ. މައްސަލަ ސުޕްރީމް ކޯޓުން ނިމުނީ އޭނާއާ އެއްކޮޅަށެވެ.

އެމްއެންޕީގެ ރައީސްކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވީ ނުހައްގުން 3 އަހަރާއި ހަ މަސް ދުވަހު ޖަލުގައި ބެހެއްޓުމުން ހައްގުތައް ނިގުޅައިގަނެވުނު ކަމަށެވެ. އެއީ ކުށެއް ނުކުރަނީސް ލިބުނު އަދަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިންސާފަކީ ހަމަ ކޮންމެ މީހަކަށް ވެސް ލިބެން ޖެހޭނެ އެއްޗެކެވެ. ތަހުގީގުގެ މަރުހަލާ އާއި ދައުވާކުރުމުގެ މަރުހަލާ އަދި ޝަރީއަތުގެ މަރުހަލާ މިނިވަންކުރުމަކީ މުޅި ގައުމުގެ ހައްގުގައި ކުރަން ޖެހޭ ކަމެކެވެ. އަދުލު އިންސާފު ގާއިމް ނުވެ ފަރުދީ މިނިވަންކަން ކަށަވަރެއް ނުކުރެވޭނެ އެވެ. ސިޔާސީ މައިދާނުގެ މިނިވަންކަން ވެސް ކަށަވަރެއް ނުކުރެވޭނެ އެވެ," ބަޔާނުގައިވެ އެވެ.

ނާޒިމް، އެމްއެންޕީގެ ޕްރެސް ކޮންފަރެންސެއްގައި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒްއާ އެކު.

ނާޒިމް، އެމްއެންޕީގެ ޕްރެސް ކޮންފަރެންސެއްގައި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒްއާ އެކު.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ނާޒިމް ވިދާޅުވި ގޮތުގައި ގައުމުގައި ހުރި މި ކަހަލަ ބޮޑެތި މައްސަލަތައް ހައްލުކުރަން ޖެހެ އެވެ. ދައުލަތް ހިންގުމުގެ ފުރުސަތު ރިޔާސީ އިންތިހާބުގައި އޭނާއަށް ލިބިއްޖެ ނަމަ ވަކި ކުލައަކަށް ނުބައްލަވައި އިންސާފު ގާއިމްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

ނާޒިމް ޖަލަށް ލީ، ކުށެއް ނެތި، ފްރޭމްކުރުމަށް ފަހު ކަމަށް ބުނަމުން ދަނިކޮށް، އެ ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން ފަހުން ވަނީ ބުނެފަ އެވެ. އެ ފިސްތޯލަ އިން ނާޒިމްގެ އިނގިލީގެ ނިޝާނެއް ވެސް އަދި އޭނާގެ ޑީއެންއޭ ވެސް ފެނިފައެއް ނުވެ އެވެ.

އެއާ އެކު ވެސް ނާޒިމްގެ މައްސަލަ ބަލައި އިންސާފު ގާއިމްކޮށްދޭން ދައުލަތުން އުޒުރުވެރިވެފައި ވަނިކޮށް، ނާޒިމްއާ، އެ ފިސްތޯލައާ ގުޅުމެއް ނެތް ކަމަށް އަދީބު ވެސް ވަނީ ވިދާޅުވެފަ އެވެ.