Roadha Mihaaru
ލަންކާ ސަލާމަތް ކޮށްދިނުމަށް އައިއެމްއެފަށް ގޮވާލައިފި

ލަންކާ ސަލާމަތް ކޮށްދިނުމަށް އައިއެމްއެފަށް ގޮވާލައިފި

23 މެއި 2022

އިގްތިސާދީ ގޮތުން ފުން ވަޅުގަނޑެއްގެ ތެރެއަށް ވެއްޓުމުގެ ސަބަބުން ސިޔާސީ ހަމަނުޖެހުމެއްގެ ތެރޭގައި އޮތް ސްރީ ލަންކާ މިހާރު އޮތް ނާޒުކު ހާލަތުން ސަލާމަތް ކޮށްދިނުމަށް، ސާކް ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ރައީސް އިފްތިޚާރް އަލީ މާލިކް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑަށް ގޮވާލައިފި އެވެ.

އިގްތިސާދީ ގޮތުން ފުން ވަޅުގަނޑެއްގެ ތެރެއަށް ވެއްޓުމުގެ ސަބަބުން ސިޔާސީ ހަމަނުޖެހުމެއްގެ ތެރޭގައި އޮތް ސްރީ ލަންކާ މިހާރު އޮތް ނާޒުކު ހާލަތުން ސަލާމަތް ކޮށްދިނުމަށް، ސާކް ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ރައީސް އިފްތިޚާރް އަލީ މާލިކް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑަށް ގޮވާލައިފި އެވެ.

ޕާކިސްތާނުގައި އިއްޔެ ބޭއްވި، އަންހެން ވިޔަފާރިވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިފްތިޚާރް އަލީ ވިދާޅުވީ އިގްތިސާދީ އަނދަވަޅުން ސްރީ ލަންކާ ސަލާމަތްކުރުމަށް މިވަގުތުގެ ބޭނުން ނުހިފައިފި ނަމަ، އިތުރު ގެއްލުންތަކެއް އެ ގައުމަށް ކުރިމަތިވެދާނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ސްރީ ލަންކާގެ މައިގަނޑު އާމްދަނީއަކީ ޓޫރިޒަމުން ލިބޭ ނަފާ ކަމަށާއި، ނަމަވެސް ކޮވިޑްގެ ސަބަބުން އެ ގައުމުގެ ޓޫރިޒަމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ޓޫރިޒަމަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ގައުމުގެ އާމްދަނީ ދަށްވެގެން ދިޔައިރު، ސަރުކާރު ހިންގުމުގައި ހުރި ދޯދިޔާކަމެއްގެ ސަބަބުން އިންފްލޭޝަން ވެސް މައްޗަށް ގޮސް، އިގްތިސާދު އަޑިއަޅާލައިގެން ދިޔައީ ކަމަށް އޭނާ ވިދާޅުވި އެވެ. މި ހާލަތުގައި ސްރީ ލަންކާ ދޫކޮށްލައިފި ނަމަ، އެ ގައުމު މުޅިން ބަނގުރޫޓުވެގެން ހިނގައިދާނެ ކަމަށާއި، ސާކްގެ މެމްބަރު ގައުމުތަކުން ވެސް ސްރީ ލަންކާ ސަލާމަތް ކޮށްދިނުމަށް އޭނާ ގޮވައިލެއްވި އެވެ.

ސްރީ ލަންކާ އަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުގެ ތެރޭގައި ވެސް، ބޭރުގެ ދަރަނީގެ ގޮތުގައި 50 ބިލިއަން ޑޮލަރު އެކި ގައުމުތަކަށާއި މާލީ އިދާރާތަކަށް ދައްކަން ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ދަރަނި އަދާކުރެވޭނެ ގޮތްތަކެއް ހޯދުމަށް ލަންކާ ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިފްތިޚާރު ވިދާޅުވި ގޮތުގައި ސްރީ ލަންކާ ރައްޔިތުން އެނބުރި އާންމު ދިރިއުޅުމުގެ ތެރެއަށް ދިއުމަށްޓަކައި، މިއަހަރު އެކަނިވެސް ހަތަރު ބިލިއަން ޑޮލަރު ބޭނުންވާނެ އެވެ.

ލަންކާ އަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތައް ހައްލުކުރުމަށް ސްރީ ލަންކާގެ އާ ބޮޑުވަޒީރު މިހާރު ފައްޓަވާފައިވާ މަސައްކަތްތަކުގެ ތެރެއިން، އިންޑިއާ އިން ފޮނުވި ދެ ބިލިއަން ރުޕީސްގެ އެހީގެ ސާމާނު އިއްޔެ ލަންކާ އަށް ގެންގޮސްފި އެވެ. ބޮޑުވަޒީރު ރަނިލް ވިދާޅުވި ގޮތުގައި އިންޑިޔާ އިން ފޮނުވި އެހީގެ ސާމާނުގެ ތެރޭގައި ހިކި ކިރާއި، ހަނޑުލާއި، ބައެއް ބާވަތުގެ ބޭސް ހިމެނެ އެވެ.

އޭގެ އިތުރުން ސްރީ ލަންކާގެ ބޭރުގެ ދަރަނިތައް އަދާކުރުމުގައި އެހީތެރިވެދިނުމަށް، އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ ހަތް ގައުމު (ޖީ7) މިހާރު ވަނީ ނިންމައިފަ އެވެ.

އާންމު ރައްޔިތުންނަށްޓަކައި ސަރުކާރުން ކޮށްދޭންޖެހޭ ކަންތަކަށް ޚަރަދުކުރަން ފަސޭހަ ކުރުމުގެ ގޮތުން ލަންކާގެ އާ ބޮޑުވަޒީރު މިހާރު ނިންމާފައިވާ ގޮތުން، ލަންކާ ސަރުކާރުގެ އެއްވެސް ވަޒީރަކަށް އެ މަގާމުގެ މުސާރައެއް ނުލިބޭނެ އެވެ. އަދި ވަޒީރެއްގެ ހައިސިއްޔަތުން ލިބޭ އެހެން އިނާޔަތްތަކެއް ވެސް ނުލިބޭނެ އެވެ.