Roadha Mihaaru
މޮރީނިއޯއާއެކު ރޯމާއިން ޔޫރަޕުގެ ފުރަތަމަ ތަށި ހޯދައިފި

މޮރީނިއޯއާ އެކު ރޯމާ އިން ޔޫރަޕުގެ ފުރަތަމަ ތަށި ހޯދައިފި

26 މެއި 2022

ޓިރާނާ، އަލްބޭނިއާ (މެއި 26) - ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ފައިނަލުގައި ނެދަލެންޑްސްގެ ފެޔެނޫޑް ބަލިކޮށް ހޯސޭ މޮރީނިއޯގެ އޭއެސް ރޯމާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޔޫރަޕުގެ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޓިރާނާ، އަލްބޭނިއާ (މެއި 26) - ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ފައިނަލުގައި ނެދަލެންޑްސްގެ ފެޔެނޫޑް ބަލިކޮށް ހޯސޭ މޮރީނިއޯގެ އޭއެސް ރޯމާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޔޫރަޕުގެ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

އަލްބޭނިއާގެ އެރީނާ ކޮމްބެޓަރޭގައި ކުޅުނު، ކޮންފަރެންސް ލީގުގެ ފައިނަލް އިޓަލީގެ ރޯމާ ކާމިޔާބުކުރީ -1-0 އިންނެވެ. މެޗުގެ 32 ވަނަ މިނިޓުގައި ރޯމާ އިން ފޮނުވާލި ފުރަތަމަ ހަމަލާގައި އެޓީމުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ނިކޯލޯ ޒަނިއޯލޯ އެވެ. ޖިއާންލޫކާ މަންޗިނީ އޭރިއާ ތެރެއަށް މަތިން ވައްޓާލި ބޯޅަ މެއިން ކޮންޓްރޯލް ކޮށްލުމަށް ފަހު ފެޔެނޫޑްގެ ކީޕަރު ޖަސްޓިން ބެއިލޯ ބޯ މަތިން ފޮނުވާލައިގެން ޖެހި މި ލަނޑަކީ، ކުއާޓާ ފައިިނަލުގެ ދެވަނަ ލެގުގައި ނޯވޭގެ ބޯޑޯ/ގްލިމްޓް ކޮޅަށް އޭނާ ހެދި ހެޓްރިކަށް ފަހު ކުލަބަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

ލަނޑު ޖެހުމަށް ފަހު ޒަނިއޮލޯ (ކ)، އަދި ޑިފެންޑަރު ސްމޯލިން (ވ).-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ޒަނިއޮލޯ (ކ)، އަދި ޑިފެންޑަރު ސްމޯލިން (ވ).-- ފޮޓޯ: އޭއެފްޕީ

އުމުރުން 22 އަހަރާއި 327 ދުވަހުގައި ޒަނިއޯލޯ ޖެހި މި ލަނޑާ އެކު އޭނާވެފައި ވަނީ ޔުވެންޓަސް އަށް ކުޅުނު އަލެސަންދްރޯ ޑެލް ޕިއެރޯ އަށް ފަހު ޔޫރަޕުގެ ބޮޑު މުބާރާތެއްގެ ފައިނަލުގައި ލަނޑުޖެހި އިޓަލީގެ އެންމެ ހަގު ކުޅުންތެރިޔާއަށެވެ. ޑެލް ޕިއެރޯ ވަނީ 1997 ގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި 22 އަހަރާއި 200 ދުވަހުގައި ޖަރުމަންގެ ބޮރޫޝިއާ ކޮޅަށް ލަނޑު ޖަހައިފަ އެވެ.

ދެވަނަ ހާފު ފެށިގެން ވަރަށް ކުރީކޮޅު ފެޔެނޫޑުން ރޯމާގެ ގޯލަށް ނުރައްކާ ކުރި އެވެ. ކޯނަރަކުން ހުރަސްވި ބޯޅައެއް މަންޗިނީ ފައިގައި ޖެހިފައި ގޯލު ދަނޑިއަށް އަމާޒުވިއިރު ރީބައުންސްވެފައި ކުޅުމުގެ ތެރެއަށް އައި ބޯޅަ ގޫސް ޓިލް ފޮނުވާލުމުން ރޯމާގެ ކީޕަރު ރުއީ ޕެޓްރީސިއޯ ވަނީ ދިފާއު ކޮށްފަ އެވެ. އަދި އޭގެ ފަހުން ޓީރެލް މަލާސިއާ އޭރިއާ ބޭރުން ބާރު ހަމަލާއެއް ފޮނުވާލި އެވެ. ނަމަވެސް ކީޕަރު ޕެޓްރީސިއޯ ދިފާއުކުރި ބޯޅަ ކޯނަރަކަށް ބޭރުވީ ގޯލު ދަނޑީގައި ވެސް ޖެހިފަ އެވެ.

ރޯމާގެ ޒަނިއޮލޯ (ކ)، އެޓީމުގެ ހަމައެކަނި ލަނޑު ޖަހަން ފެޔެނޫޑްގެ ގޯލަށް ބޯޅަ ފޮނުވާލުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ރޯމާގެ ޒަނިއޮލޯ (ކ)، އެޓީމުގެ ހަމައެކަނި ލަނޑު ޖަހަން ފެޔެނޫޑްގެ ގޯލަށް ބޯޅަ ފޮނުވާލުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ފުރިހަމަ ވަގުތު ހަމަވާން ވިއްސަކަށް މިނިޓަށްވެފައި ވަނިކޮށް ރޯމާ އިން ނެގި ކޯނަރެއް ފެޔެނޫޑްގެ ޑިފެންޑަރުން ދިފާއު ކުރުމުން އޭރިއާ ބޭރުގައި ހުރި ޖޯޑަން ވެރެޓައުޓް އެއްފަހަރުން ފޮނުވާލި ނަމަވެސް ކީޕަރު ބެއިލޯ ވަނީ ހުށިޔާރު ކަމާ އެކު ބޯޅަ ދިފާއު ކޮށްފަ އެވެ. އޭގެ ފަހުން ކެޕްޓަން ލޮރެންޒޯ ޕެލެގްރިނީ ފޮނުވާލި ހަމަލާއެއް ވެސް ބެއިލޯ ދިފާއުކުރި އެވެ.

ރޯމާގެ ފަހަތަށް ކުޅުނު ޑިފެންޑަރު ކްރިސް ސްމޯލިން އާއި ރޮޖާ އިބަނޭޒް ވަނީ ފެޔެނޫޑުން މި ހާފުގައި ކުރި ގިނަ އެޓޭކްތަކެއް ހުއްޓުވައިފަ އެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މޮރީނިއޯއާ އެކު 2017 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުގައި ޔޫރޮޕާ ލީގު ހޯދި ސްމޯލިން އެވެ. އެ މެޗުގައި ޔުނައިޓެޑުގައި ކުޅުނު ހެންރިކް މިކިތާރިއަން ވެސް ވަނީ ރޯމާއާ އެކު މިރޭގެ ފައިނަލުގައި ކުޅެފަ އެވެ.

މިކިތާރިއަން (17) އާއި ރޯމާގެ ބައެއް ކުޅުންތެރިން މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިކިތާރިއަން (17) އާއި ރޯމާގެ ބައެއް ކުޅުންތެރިން މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޕޯޗުގަލްގެ މޮރީނިއޯވެފައި ވަނީ ޔޫރަޕުގެ އެންމެ ބޮޑު ތިން މުބާރާތް ކާމިޔާބުކުރި ފުރަތަމަ ކޯޗަށެވެ. މޮރީނިއޯ އެންމެ ފަހުން ޔޫރަޕުގެ މުބާރާތެއް ނެގީ 2017 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑާ އެކު އެވެ. އެފަހަރު ފައިނަލް ކާމިޔާބު ކުރީ ނެދަލެންޑްސްގެ އަޔެކްސް ބަލިކޮށްގެންނެވެ.

މި ސީޒަނުގައި ފެށި ކޮންފަރެންސް ލީގަކީ ޔޫރަޕުގައި އިޓަލީގެ ކުލަބަކާ އެކު މޮރީނިއޯގެ ދެވަނަ ކާމިޔާބީ އެވެ. އޭގެ ކުރިން އިޓަލީގެ އިންޓަ މިލާނާ އެކު ވަނީ 2010 ގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އަދި 2004 ގައި ޕޯޗުގަލްގެ ޕޯޓޯއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރު އޭގެ ކުރީ އަހަރު ވަނީ ޔޫއެފާ ކަޕް (ޔޫރޮޕާ ލީގު) ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. މިރޭގެ މޮޅާ އެކު މޮރީނިއޯ ވަނީ ޔޫރަޕުގެ ފައިނަލަށް އޭނާ ދަތުރުކުރި ފަސް ފަހަރު ވެސް ކާމިޔާބު ހޯދައިފި އެވެ.

މޮރީނިއޯ ކޮންފަރެންސް ލީގުގެ ތަށްޓާ އެކު.-- ފޮޓޯ: އޭއެފްޕީ

މޮރީނިއޯ ކޮންފަރެންސް ލީގުގެ ތަށްޓާ އެކު.-- ފޮޓޯ: އޭއެފްޕީ

މިއީ 2008 ވަނަ އަހަރު ރޯމާ އިޓާލިއަން ކަޕް ނެގި ފަހުން އެޓީމު ކާމިޔާބުކުރި ފުރަތަމަ މުބާރާތެވެ. ރޯމާ ފައިނަލަށް ދިޔައީ ސެމީ ފައިނަލުގައި އިނގިރޭސި ކްލަބް ލެސްޓާ ސިޓީ ބަލިކޮށްފަ އެވެ. ރޯމާ އެންމެ ފަހުން ޔޫރަޕުގެ ފައިނަލެއްގައި ކުޅުނީ މީގެ 30 އަހަރު ކުރިން، 1991 ވަނަ އަހަރު އޮތް ޔޫއެފާ ކަޕް (ޔޫރޮޕާ ލީގު) ފައިނަލުގައި އިޓަލީގެ އިންޓަ މިލާނާ ދެކޮޅަށެވެ.

ފެޔެނޫޑް އެންމެ ފަހުން ޔޫރަޕުގެ މުބާރާތެއްގެ ފައިނަލުގައި ކުޅުނީ 2002 ވަނަ އަހަރު އެވެ. އެ ފަހަރުގެ ފައިނަލުގައި ބޮރޫޝިއާ ޑޯޓްމަންޑް ބަލިކުރިއިރު އޭގެ ކުރީ ފައިނަލެއްގައި ވަނީ ޓޮޓެންހަމް ހޮޓްސްޕާ ވެސް ބަލި ކޮށްފަ އެވެ. އޭގެ ކުރިން ފެޔެނޫޑް ވަނީ ސެލްޓިކް ބަލިކޮށް 1970 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް (ޗެމްޕިއަންސް ލީގު) ކާމިޔާބު ކޮށްފަ އެވެ.

މިއީ ފެޔެނޫޑް ޔޫރަޕުގެ ފައިނަލަކުން ބަލިވި ފުރަތަމަ ފަހަރެވެ. އެ ޓީމުން ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި ފްރާންސްގެ މާސޭ ބަލި ކޮށްފަ އެވެ.

މި ސީޒަނުގެ ނެދަލެންޑްސް ލީގުގެ ތިންވަނައިގައި ނިންމިޔަސް ފެޔެނޫޑް، އަންނަ ސީޒަނުގައި ވާދަކުރާނީ ޔޫރޮޕާ ލީގުގެ ގުރޫޕް ސްޓޭޖުގަ އެވެ. އެއީ ފެޔެނޫޑް ބަލިކޮށް ނެދަލެންޑްސް ކަޕް ކާމިޔާބުކުރި ޕީއެސްވީ ލީގުގެ ދެވަނައިގައި ނިންމުމުންނެވެ.

ނެދަލެންޑްސް ކަޕް ކާމިޔާބުކުރާ ޓީމަށް އަސްލު ޖާގަ ލިބޭނީ ޔޫރޮޕާ ލީގުގެ ޕްލޭއޮފުންނެވެ. ނަމަވެސް ޕީއެސްވީ ލީގުގެ ދެވަނައިގައި ނިންމުމުން އެޓީމަށް ވަނީ ޗެމްޕިއަންސް ލީގުގެ ކޮލިފައިނުން ޖާގަ ލިބިފަ އެވެ. އަދި ޕީއެސްވީގެ ބަދަލުގައި ފެޔެނޫޑަށް ޔޫރޮޕާ ލީގުގެ ޕްލޭއޮފް ކުޅެން ޖެހުނަސް، ފައިނަލުގައި ވާދަކުރި ރޯމާ، އިޓާލިއަން ލީގުގެ ހަވަނައިގައި ނިންމުމުން ޔޫރޮޕާ ލީގުގެ ގުރޫޕް ސްޓޭޖުން ޖާގަ ޔަގީންވެފައި ވުމާ އެކު ފެޔެނޫޑަށް ވެސް އަންނަ ސީޒަނުގެ ގުރޫޕް ސްޓޭޖުން އޮޓަމެޓިކް ޖާގައެއް ލިބުނީ އެވެ.