Roadha Mihaaru
މޮރީނިއޯ 10 ދުވަހަށް ސަސްޕެންޑް ކޮށްފި

ރެފްރީންނަށް ފާޑުކިޔާ މޮރީނިއޯ 10 ދުވަހަށް ސަސްޕެންޑް

29 ޖޫން 2023

ރޯމް (ޖޫން 29) - އިޓާލިއަން ލީގުގެ ރެފްރީއަކަށް ފާޑުކީ މައްސަލައިގައި އިޓަލީގެ އެފްއޭ އިން ރޯމާގެ ކޯޗު ހޯޒޭ މޮރީނިއޯ 10 ދުވަހަށް ސަސްޕެންޑް ކޮށްފި އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

ރޯމް (ޖޫން 29) - އިޓާލިއަން ލީގުގެ ރެފްރީއަކަށް ފާޑުކީ މައްސަލައިގައި އިޓަލީގެ އެފްއޭ އިން ރޯމާގެ ކޯޗު ހޯޒޭ މޮރީނިއޯ 10 ދުވަހަށް ސަސްޕެންޑް ކޮށްފި އެވެ.

މޮރީނިއޯ، 60، ފާޑުކީ މެއިި 3 ގައި މޮންޒާއާ ދެކޮޅަށް ކުޅުނު މެޗަށް ނުކުތް ރެފްރީ ޑެނިއެލް ޝިފީ އަށެވެ. މެޗަށް ފަހު މޮރީނިއޯ ބުނީ ޝިފީ އަކީ އޭނާގެ ހަޔާތުގައި ފެނުނު އެންމެ ފެންވަރު ދަށް ރެފްރީ ކަމަށެވެ.

މޮންޒާގެ ސްޓޭޑިއަމްގައި ކުޅުނު އެ މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މޮރީނިއޯ ހިތްހަމަނުޖެހުނީ އެ މެޗުގެ އިތުރު ވަގުތުގެ ހަ ވަނަ މިނިޓުގައި ރޯމާގެ މެހްމެތު ޒެކީ ސެލިކް އަށް ރެފްރީ ރަތް ކާޑު ދެއްކުމުންނެވެ. މޮރީނިއޯގެ ޝަކުވާތަކާއި ގުޅިގެން އެ މެޗުގައި އޭނާ އަށް ރީނދޫ ކާޑު ދެއްކި އެވެ.

ސަސްޕެންޝަނުގެ އިތުރުން މޮރީނިއޯ ވަނީ 54،000 ޑޮލަރުން ޖޫރިމަނާ ކޮށްފަ އެވެ.

އިޓަލީގެ ފެޑެެރޭޝަނުން ބުނީ މޮރީނިއޯގެ ސަސްޕެންޝުގެ މުއްދަތު ގުނަން ފަށާނީ އޮގަސްޓް މަހު ފަށާ އާ ސީޒަނުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށެވެ. އެ ނިންމުމާ އެކު ރޯމާގެ ފުރަތަމަ މެޗު ޔަގީނުން ވެސް މޮރީނިއޯ އަށް ގެއްލޭނެ އެވެ.

މިދިޔަ ސީޒަނުގައި ވެސް ރެފްރީންނަށް ފާޑު ކިޔައިގެން މޮރީނިއޯ އަށް ތިން މެޗުގައި ރަތް ކާޑު ދެއްކި އެވެ. އޭގެތެރޭގައި ޗިފީ ރެފްރީކަން ކުރި އެޓަލާންޓާއާ ދެކޮޅަށް ކުޅުނު މެޗު ހިމެނެ އެވެ.

ރޯމާގެ އިތުރުން ޔޫރަޕްގެ ހަ ކްލަބަކަށް ކޯޗުކޮށްދީފައިވާ މޮރީނިއޯ އަށް ވަނީ މީގެ ކުރިން ވެސް ރެފްރީންނަށް ފާޑުކިޔައިގެން ސަސްޕެންޝަނާ ކުރިމަތިލާން ޖެހިފަ އެވެ.

މޮރީނިއޯގެ ކޯޗުކަމުގައި މިދިޔަ ސީޒަން ރޯމާ ނިންމާލީ ލީގުގެ ހަ ވަނައިގަ އެވެ. ޔޫއެފާ ޔޫރޮޕާ ލީގުގެ ފައިނަލަށް ދަތުރުކޮށް ޕެނަލްޓީ ޖަހައިގެން ސެވިއްޔާ އަތުން ރޯމާ ބަލިވީ އެވެ.

އިޓަލީގެ އާ ފުޓްބޯޅަ ސީޒަން ފަށާނީ އަންނަ އޮގަސްޓް މަހުގެ 19 ނުވަތަ 20 ވަނަ ދުވަހު އެވެ.