Roadha Mihaaru

ނުރައްކަލުގެ އިންޒާރެއް؛ ސްކޫލަށް އެހެން ވަދެވިގެންނުވާނެ!

ދަރިވަރުން ކިޔަވަން ތިބޭއިރު ސްކޫލް ތެރެއަށް ކޮންމެ ކޮންމެ މީހަކަށް ވަދެވިގެން ނުވާނެ އެވެ. ބެލެނިވެރިންނަށް ވެސް ހާއްސް ހުއްދައެއް ދިނުމުން ނޫނީ ނުވަދެވެ އެވެ. އެކަމަކު މިދިޔަ އަންގާރަ ދުވަހު ޖަމާލުއްދީން ސްކޫލްތެރެއަށް މީހަކު ވަދެ އަޑުގަދަކޮށް ޕްރިންސިޕަލަށް ހަމަލާދޭން އުޅުމުން ރައްކާތެރިކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

ބޮޑު އިންޒާރެއް؛ ސްކޫލަށް އެހެން ވަދެވިގެންނުވާނެ!
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

29 މެއި 2022

ދަރިވަރުން ކިޔަވަން ތިބޭއިރު ސްކޫލް ތެރެއަށް ކޮންމެ ކޮންމެ މީހަކަށް ވަދެވިގެން ނުވާނެ އެވެ. ބެލެނިވެރިންނަށް ވެސް ހާއްސް ހުއްދައެއް ދިނުމުން ނޫނީ ނުވަދެވެ އެވެ. އެކަމަކު މިދިޔަ އަންގާރަ ދުވަހު ޖަމާލުއްދީން ސްކޫލްތެރެއަށް މީހަކު ވަދެ އަޑުގަދަކޮށް ޕްރިންސިޕަލަށް ހަމަލާދޭން އުޅުމުން ރައްކާތެރިކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

އެކަން ކުރި މީހާ އަކީ ކޮންމެ މީހަކަށް ވިޔަސް، އަދި ކޮންމެ ހާލަތެއްގައި ހުރި މީހަކަށް ވިޔަސް ގިނަ ބަޔަކު ބުނަނީ މިއީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ. ސަބަބަކީ، އެ މީހާގެ ސަބަބުން އެތައް ކުދިންނަކަށް ކުރިމަތިވި ބިރުވެރިކަމެވެ. އެކަމަކު މި މައްސަލާގައި ސްކޫލުން ވެސް އަދި އެޑިއުކޭޝަން މިނިސްޓްރީން ވެސް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު ހިނގި މި ހާދިސާ ސިފަކޮށްދެމުން ޖަމާލުއްދީން ސްކޫލެއްގެ ގްރޭޑް 10 ގެ ދަރިވަރަކު ބުނީ އެ މީހާ ސްކޫލަށް ވަދެ އަޑުގަދަ ކުރަން ފެށުމުން ޓީޗަރުންނާއި މަސައްކަތު މީހުން ދުވެފައި ގޮސް ކްލާސްރޫމުތަކުގެ ދޮރު ލައްޕަން ފެށި ކަމަށެވެ. ވަރަށް ބާރަށް އެ މީހާ ހަޅޭއްލަވަމުން ދިޔަ ކަމަށާއި ކުދިން ތިބީ ވަރަށް ބޮޑަށް ބިރުގަނެ ހަދާނެ ގޮތް ހުސްވެފައި ކަމަށް ދަރިވަރު ބުންޏެވެ.

އެ މީހާ އަޑުގަދަކުރީ ކީކޭ ކިޔާފައި ކަމެއް ޔަގީނެއް ނޫނެވެ. އެއްބަޔަކު ބުނަނީ ސްކޫލް ތެރެއަށް ވަން ގޮތަށް އެ މީހާ ބަންގި ގޮވަން ފެށި ކަމަށެވެ. ސްކޫލުގެ ޔާޑު ތެރޭގައި ލެވި ހަޅޭކުގެ އަޑު މަތީ ފްލޯތަކަށް ވެސް އިވުނު ކަމަށް ބުންޏެވެ. އަދި ޕްރިންސިޕަލް ފެނުމާ އެކު ހަމަލާދޭން ވެސް މަސައްކަތްކުރީ އެވެ.

ސްކޫލުގައި މިފަދަ ކަމެއް ހިނގިކަން ވެސް ބެލެނިވެރިންނަށް އެނގުނީ ދަރިވަރުން ގެޔަށް ގޮސް އެ ވާހަކަ ދެއްކުމުންނެވެ.

"އަޅުގަނޑުގެ ދެ ކުދިން ވެސް އުޅޭނީ އެ ސްކޫލުގައި. ބޮޑު ކުއްޖާ ވެސް ބުނީ ވަރަށް ބިރުގަތޭ އެ ގަޑީގައި. އެންމެން ވެސް އަޑުގަދަވާން ފެށީމަ ތިބީ ހަމަ ވަރަށް ބިރުންނޭ،" ބެލެނިވެރިއަކު ކިޔައިދިނެވެ.

އެ ސްކޫލުގެ ގްރޭޑް ނުވައެއްގައި ކިޔަވަމުން އަންނަ ދަރިވަރެއްގެ ބެލެނިވެރިއަކު ބުނީ ސްކޫލުން އެ މީހުންނާ އެ ހާދިސާގެ މައުލޫމާތު މިހާތަނަށް ހިއްސާކޮށްފައި ނުވާ ކަމަށެވެ. އޭނާ ބުނީ މީޑިއާގައި މި ވާހަކަ ދެކެވެން ފެށުމުން ދަރިފުޅުގެ ގާތު އެހުމުން ކިޔައިދިން ކަމަށެވެ.

ޖަމާލުއްދީން ސްކޫލުގެ ގޯތި ދެތެރޭގައި ދަރިވަރުންތަކެއް-- ފޮޓޯ: ޖަމާލުއްދީން ސްކޫލް/ ފޭސްބުކް

ޖަމާލުއްދީން ސްކޫލުގެ ގޯތި ދެތެރޭގައި ދަރިވަރުންތަކެއް-- ފޮޓޯ: ޖަމާލުއްދީން ސްކޫލް/ ފޭސްބުކް

އެ ކުއްޖާއާ ހަވާލާދީ ބެލެނިވެރިޔާ ބުނި ގޮތުގައި އެ މީހާ މަސައްކަތްކުރީ ސްކޫލު ސިޑިން މައްޗަށް އަރާށެވެ. ނަމަވެސް އެ ވަގުތު ޕްރިންސިޕަލާއި އިތުރު ބަޔަކު ގޮސް އޭނާ ހިފެހެއްޓުމުން ޕްރިންސިޕަލަށް ހަމަލާދޭން އުޅުނީ އެވެ.

މިކަމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ވެސް އަދި ސްކޫލްގެ ބައެއް ވެސް ނުލިބުނެވެ. އެހެންވެ އަސްލު މިކަން ހިނގި ގޮތެއް އަދިވެސް އޮތީ ކަށަވަރު ނުވާ ހާލަތެއްގަ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ޖަމާލުއްދީން ސްކޫލަށް ވަދެ މާރަމާރީ ހިންގަން އުޅުނު މައްސަލައެއް ފުލުހުންނަށް އެ ދުވަހުގެ 8:45 ހާއިރު ހުށަހަޅާފައިވެ އެވެ. އެ މީހާ ސްކޫލަށް ވަނުމަށް ފަހު ޕްރިންސިޕަލަށް ހަމަލާ ދޭން އުޅުނު ކަމަށް ފުލުހުން ބުނި ނަމަވެސް ތަފްސީލެއް ނުދެ އެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ހުސެއިން ފަޒީލު ކިޔާ 37 އަހަރުގެ މީހެކެވެ. އޭނާއަކީ ކުށުގެ ރިކޯޑް އޮންނަ މީހެއް ކަމަށް ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބުނެފައިވެ އެވެ.

މިއީ ޓެރަރިސްޓު އަމަލެއް

އެ މީހާ ސްކޫލަށް ވަތް ގޮތަށް "ﷲއަކްބަރޭ" ގޮވި ކަމަށް ބުނާތީ ބައެއް މީހުން މިއީ ދީނާ ގުޅުން ހުރި ކަމެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ. އެކަމަކު ވާހަކަ ދެއްކި ބެލެނިވެރިން ބުނީ މިއީ އެކަހަލަ މައްސަލައެއް ކަމަށް ނުބެލެވޭ ކަމަށާއި އެ ސްކޫލުގައި ދީނާ ހިލާފު އެއްޗެއް ކިޔަވައިދިނުން ފަދަ އެއްވެސް ކަމެއް ދިމާވެފައި ވެސް ނުވާ ކަމަށެވެ.

"ސްކޫލުގައި އެއްވެސް ގަޑިއެއްގައި ދީނާ ފުށުއަރާ އެއްޗެހިތަކެއް ކިޔަވައިދޭ ކަމެއް އަޅުގަނޑުމެންނަކަށް އެނގިފައެއް ނެތް. މިއީ ދީނީ ކަމަކަށް ނުބެލެވޭ. އަޅުގަނޑަށް ބެލެވެނީ އޭނާ ހުރީ ރަނގަޅު ހާލަތެއްގައި ނޫންކަމަށް،" ޓީޗަރުންގެ ފަރާތުން ލިބުނު މައުލޫމާތާ ހަވާލާދީ ބެލެނިވެރިއަކު ބުންޏެވެ.

އަޑުގަދަކުރި މީހާ މަސްތުގެ ހާލަތުގައި ހުރި ކަމަށް ބެލެވޭކަން ފާހަގަކޮށް ބެލެނިވެރިޔާ ބުންޏެވެ.

މީގެ ކުރިން ހަރުކަށި ފިކުރުގެ ބަޔަކު ތ. އަތޮޅު ތިމަރަފުށީ ސްކޫލެއް ގޮއްވާލުމަށް މަސައްކަތްކުރި ކަމަށް ފުލުހުން ބުނާ މައްސަލައާ ގުޅުވައި ވެސް މިކަމުގައި ބައެއް މީހުން ވާހަކަ ދެއްކި އެވެ.

ޖަމާލުއްދީން ސްކޫލަށް މީހަކު ވަން ދުވަހާ އެމެރިކާގެ ޓެކްސަސްގެ ސްކޫލަކަށް މީހަކު ވަދެ، ބަޑި ޖަހައި ކުޑަކުޑަ ކުދިންތަކެއް މަރާލި ހާދިސާއާ ވެސް އިއްތިފާގުން ނަަމަވެސް ދިމާވެ އެވެ. އެމެރިކާގައި ހިންގި ލާއިންސާނީ އެ އަމަލަށް އިޝާރާތްކުރަމުން އެ ބެލެނިވެރިޔާ ބުނީ ޖަމާލުއްދީނުގައި ވެސް ހިނގާފައި ވަނީ ރާއްޖޭގެ ނިސްބަތުން އެފަދަ އަމަލެއް ކަމަށެވެ. ރާއްޖޭގައި ބަޑި ނުގެންގުޅެވޭތީ ބަޑިއެއް ނެތީ ކަމަށާއި ހަތިޔާރާ އެކު ސްކޫލަކަށް ވަދެވުމަކީ ކަމަކަށް ނުހަދައި ދޫކޮށްލަންވާ ވަރަށް ވުރެ މާ ބޮޑު މައްސަލައެއް ކަމަށް އޭނާ ބުންޏެވެ.

"ޓެރަރިޒަމްގެ މައްސަލަތައް އެލާމިން ލެވެލްއެއްގައި އޮތްކަން އެނގިގެން މިދިޔައީ ސްކޫލަކަށް މީހަކު ވަދެ މިކަހަލަ އަމަލެއް ހިންގީމަ. މިއީ ހަމަ ޓެރަރިޒަމްގެ އަމަލެއް،" ކަންބޮޑުވުމާ އެކު ބެލެނިވެރިއަކު ބުންޏެވެ.

ބެލެނިވެރިންގެ އެދުމަކީ މިފަދަ ކަންކަން ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ދިނުމެވެ.

"މިއީ ކޮންމެ ދުވަަހަކު ހިނގާކަމެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ ކޮންފަމޭޝަނެއް. މިކަން ދެން ތަކުރާރުނުވާނެއޭ. ސްކޫލުން އެހެން ބުނީމަ ލިބޭ ހިތްހަމަޖެހުން ބޮޑުވާނެ،" ބެލެނިވެރިއަކު ބުންޏެވެ.

ޖަމާލުއްދީން ސްކޫލުގައި ޓީޗަރަކު ކިޔަވައިދެނީ--

ޖަމާލުއްދީން ސްކޫލުގައި ޓީޗަރަކު ކިޔަވައިދެނީ--

ސެކިއުރިޓީ ކޮބާ؟

ކޮންމެ ކޮންމެ މީހަކަށް މާލޭގެ ސްކޫލުތަކަކަށް ނުވަދެވެ އެވެ. ސްކޫލަށް ކުދިން ބަލާ ދާ ބެލެނިވެރިޔާއަށް ވެސް ކުއްޖާ ގޮވައިގެން ދެވެނީ ސްކޫލުން ދީފައިވާ "ޕޭރެންޓް ކާޑް" އޮތް ނަމަ އެވެ. ބެލެނިވެރިޔާގެ ބަދަލުގައި އެހެން މީހަކު ކުއްޖާ ބަލާ ދާ ނަމަ، އެކަން ޓީޗަރަށް ބެލެނިވެރިޔާ އަންގަން ޖެހެ އެވެ. ނޫން ނަމަ، ކުއްޖާ ނުވެސް ފޮނުވަ އެވެ. މިހާ ވަރަށް ބަލަމުންދަނިކޮށް މީހަކު ސްކޫލަށް މިހެން ވަދެގަނެ، ޕްރިންސިޕަލަށް ބިރު ދެއްކުމުން އެންމެން ވެސް އުފެއްދީ ބޮޑު ސުވާލެކެވެ. އެމީހާއަށް ސުކޫލަށް ވަދެވުނީ ކިހިނެއް ހެއްޔެވެ؟

އެނގިފައިވާ ގޮތުގައި އެމީހާ ސްކޫލަށް ވަނީ ޓީޗަރަކު ސްކޫލަށް ވަތް ވަގުތު އޭނާގެ ފަހަތުންނެވެ. އެކަމަކު 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓަން އޮފިސަރުން ތިބޭ ތަނެއްގައި މީހެއްގެ ފަހަތުން ސްކޫލަށް ވަންނައިރު ވެސް ސުވާލު ކުރުމެއް ނެތި އޭނާއަށް އެތެރެއަށް ދެވެންވީ ގޮތެއް ނޭނގެ އެވެ. މި މައްސަލައާ ގުޅިގެން ސްކޫލުން ކޮމެންޓެއް ނުލިބޭތީ އެކަން ހިނގި ގޮތެއް ވެސް ސާފެއް ނުވެ އެވެ.

ޖަމާލުއްދީން ސްކޫލްގެ މައި ގޭޓް: ސެކިއުރިޓީ އޮފިސަރުން އެތަނުގައި އަބަދުވެސް ތިބޭ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ޖަމާލުއްދީން ސްކޫލްގެ މައި ގޭޓް: ސެކިއުރިޓީ އޮފިސަރުން އެތަނުގައި އަބަދުވެސް ތިބޭ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އެކަމަކު ބެލެނިވެރިންގެ އޮތް ކަންބޮޑުވުމަކީ ސްކޫލުގެ މައި ދޮރުން ބެލެނިވެރިއަކަށް ކާޑު ދައްކައިގެން ނޫން ގޮތަކަށް ނުވަދެވޭއިރު އެހާ ފަސޭހައިން އެހެންވެ މީހަކަށް ވަދެވުނީތީ އެވެ.

"އަޅުގަނޑުމެން ދަރިން ބަލައި ގޮސް ކާޑު ނެތިއްޔާ ނުވެސް ވައްދާ. މިހާ ރަނގަޅަށް އެތަނުގައި ސެކިއުރިޓީ ބަލަހައްޓަމުން ގޮސް ދެން އެވީ ގޮތެއް ހަމަ ނޭނގެ. ކޮންމެ ގޮތަކުން ވިޔަސް ސްކޫލަށް އެހެން ވަދެވިގެން އަހަރެމެންގެ ދަރިންނަށް ބިރު ދެއްކިގެން ނުވާނެ."

ބެލެނިވެރިއަކު ދެން ފާހަގަކުރީ ބޮޑު މައްސަލައެކެވެ. ސެކިއުރިޓީ އޮފިސަރުންގެ ގޮތުގައި މަސައްކަތްކުރާ މީހުން ޑިއުޓީގައި ތިބެގެން ނިދާ މައްސަލަ އެވެ. ތަންކޮޅެއް ސީރިއަސް ކަމެއްގެ ގޮތުގައި ދެކިގެން ތަންތަނުގެ ސެކިއުރީޓީ ބަލަން ތިބެން ޖެހޭ ކަމަށާއި އެޑިއުކޭޝަން މިނިސްޓްރީން އެ އިންތިޒާމު ހަމަޖައްސަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

"ބައެއް މީހުންނަކީ ދެ ތަނެއްގައި ވެސް ސެކިއުރިޓީ ބަލަން ތިބޭ މީހުން. ރަނގަޅަށް އަރާމު ނުލިބި އަނެއްކާ ގޮސް މި އިންނަނީ އަނެއް ތަނުގެ ސެކިއުރިޓީ ބަލަން. އެގޮތަށް ސްކޫލުތަކުގެ ބަޖެޓް ތާށިވީމާ ކުރާ ކަމަކަށް ވެސް ވެދާނެ. އެކަމަކު މިއީ ވަރަށް ސީރިއަސްކޮށް ބަލަންޖެހޭ ކަމެއް،"

މިފަހަރު މީހަކަށް އަނިޔާއެއް ނުވެ ސަލާމަތްވިޔަސް މިއީ އިންޒާރެކެވެ. ބެލެނިވެރިން އެދެނީ ފިޔަވަޅުތައް ހަރުކަށިކޮށް ކުދިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަށެވެ. އެއީ ނުވާ ކަމަކަށް ހަދައި ދޫކޮށްލެވޭ ވަރަށް ވުރެ މާ ބޮޑު މައްސަލައަކަށް ވާތީ އެވެ.