Roadha Mihaaru
ވިލިމާލެ ބްރިޖްގެ މަސައްކަތް މި އަހަރަކު ނުފެށޭނެ

ވިލިމާލެ ބްރިޖްގެ އަމަލީ މަސައްކަތް މި އަހަރަކު ނުފެށޭނެ: ސަރުކާރު

02 ސެޕްޓެމްބަރ 2021

މާލެ އާއި ވިލިމާލެ އަދި ތިލަފުއްޓާއި ގުޅިފަޅު ބްރިޖަކުން ގުޅައިލުމަށް ހިންގާ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށޭނީ އަންނަ އަހަރުގެ ކުރީ ކޮޅު ކަަމަށް ސަރުކާރުން އިއްޔެ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މާލެ އާއި ވިލިމާލެ އަދި ތިލަފުއްޓާއި ގުޅިފަޅު ބްރިޖަކުން ގުޅައިލުމަށް ހިންގާ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށޭނީ އަންނަ އަހަރުގެ ކުރީ ކޮޅު ކަަމަށް ސަރުކާރުން އިއްޔެ ބުނެފި އެވެ.

އިންޑިއާގެ އެގްޒިމް ބޭންކްގެ ލޯނަކާއި އެ ގައުމުން ދޭ އެހީއެއް އެއްކޮށްލައިގެން ހަރަދުކުރާ ގޮތަށް ހިންގަން ނިންމާފައިވާ މާލެ-ވިލިމާލެ ބްރިޖްގެ މަސައްކަތް އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިދިޔަ މަހުގެ 26 ގައި ވަނީ ބާއްވައިފަ އެވެ. އެއީ މި ސަރުކާރުން ހިންގާ އެންމެ ބިޔަ މަޝްރޫއު ކަމަށް ވިޔަސް އެކަމަކު އެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އަދި އެއީ މި ސަރުކާރަށް ވަރަށް މުހިންމު މަޝްރޫއަކަށް ވިޔަސް ސޮއިކުރެއްވީ ވެސް މަތީ ފެންވަރުގެ ބޭފުޅެއް ނޫނެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި މީޑިއާ ބްރީފިންގައި އެކަމާ ބެހޭ ގޮތުން "މިހާރު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މިދިޔަ ހަފުތާގައި ބޭއްވީ ހަމަ އެކަނި ސޮއިކުރުމުގެ ރަސްމިއްޔާތެއް ކަމަށާއި އަމަލީ މަސައްކަތް ފެށުން އަދި ކުރިއަަށް އޮތީ ކަމަށެވެ.

"ޑީޓެއިލް ޑިޒައިނިން ހަދާނީ އަދި އިތުރަށް ޝެޑިއުލާ އެއްޗިހި ވެސް އިތުރަށް ކޮންފާމް ކުރައްވަނީ އެ ބޭފުޅުން [އިންޑިއާގެ ކުންފުނިން]. އަންދާޒާ އަކީ ގާތްގަނޑަކަށް [މި އަހަރުގެ] ޑިސެމްބަރު ނޫނީ މި އަންނަ އަހަރު ފެށޭ ހިސާބުގައި އަމަލީ މަސައްކަތް ފެންނަން ފަށާނީ މިކަމުގެ. އެ ހިސާބުގައި އިތުރު އެންގޭޖްމެންޓްތައް ހުންނާނެ،" މަބްރޫކް ވިދާޅުވި އެވެ.

ވިލިމާލޭގެ ބްރިޖަކީ މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމާއި ގުޅިފަޅު ތަަރައްގީކުރުން ވެސް ހިމެނޭ ބޮޑު ޕްރޮޖެކްޓެއްގެ އެއް ބައެވެ. ގުޅިފަޅުގައި ހަދާ ވިޔަފާރި ބަނދަރުގެ މަސައްކަތް ގޮސްފައި އޮތީ ކިހާ ހިސާބަކަށްތޯ އިއްޔެގެ މީޑިއާ ބްރީފިންގައި ނޫސްވެރިއަކު ސުވާލުކުުރުމުން މަބްރޫކް ވިދާޅުވީ އެ ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ދުވަހެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"މި މަސައްކަތް ވެސް ކުރިއަށް އެބަދޭ. ސީދާ ސޮއިކުރާ ޑޭޓެއް އެކަމަކު އަޅުގަނޑު އަަތަކު ނެތް،" މަބްރޫކް ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް ނޫސްވެރިންނާ ވާހަކ ދައްކަވަނީ. އޭނާ އިއްޔެ ވިދާޅުވީ ވިލިމާލެ ބްރިޖްގެ އަމަލީ މަސައްކަތް ފެށޭނީ އަންނަ އަހަރު ކަމަށް--ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް ނޫސްވެރިންނާ ވާހަކ ދައްކަވަނީ. އޭނާ އިއްޔެ ވިދާޅުވީ ވިލިމާލެ ބްރިޖްގެ އަމަލީ މަސައްކަތް ފެށޭނީ އަންނަ އަހަރު ކަމަށް--ފޮޓޯ: ރައީސް އޮފީސް

މާލެ-ވިލިމާލެ ބްރިޖް އަޅަން ހަވާލުކުރީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ނަމަކަށް ކިޔާ ކުންފުންނަކާ އެ އެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެފްކޮން އިންފްރާސްޓްރަކްޗަރުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އާރު އަންތަ ކުމާރެވެ.

އެ އެއްބަސްވުމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދު ގުޅާލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅާނެ އެވެ. މި މަޝްރޫއަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ.

މަޝްރޫއަށް ހަރަދު ކުރާނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމަކުން ދަރަންޏަށް ނަގާ ފައިސާ އާއި އިންޑިއާގެ ހިލޭ އެހީ ވެސް ހިމަނައިގެންނެވެ. އެގޮތުން، ލައިން އޮފް ކްރެޑިޓްގެ ދަށުން 400 މިލިއަން ޑޮލަރު ހަރަދުކުރާއިރު އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރު ދޭނެ އެވެ.