Roadha Mihaaru
ރަން މެޑައްޔަކުން ނޫނީ މިހާރު ފުއްދާލެވޭކަށް ނެތް

ރަން މެޑައްޔަކުން ނޫނީ މިހާރު ފުއްދާލެވޭކަށް ނެތް: ރަނޭ

02 ޖޫން 2022

ވޮލީގައި ރަން މެޑަލް ނޫން އެއްޗަކުން މިހާރު ފުއްދާލެވެން ނެތް ކަމަށް ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް ރޭ ވިދާޅުވެއްޖެ އެވެ.

ވޮލީގައި ރަން މެޑަލް ނޫން އެއްޗަކުން މިހާރު ފުއްދާލެވެން ނެތް ކަމަށް ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް ރޭ ވިދާޅުވެއްޖެ އެވެ.

ވީއޭއެމުން ގެނައި ބިދޭސީ ކުޅުންތެރިން ޓީމުތަކަށް ހަމަޖެއްސުމަށް ޓީވީއެމްގައި ރޭ ބޭއްވި ހަފުލާގައި ރަނޭ ވިދާޅުވީ، ގައުމީ ޓީމުން އިންޓަނޭޝަނަލް މުބާރާތްތަކުގައި ކުޅޭ ލެވަލްގެ މެޗުތައް ޑޮމެސްޓިކް ސީޒަންގައި ކުޅެގެން ނޫނީ ކާމިޔާބު ނުހޯދޭނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ވޮލީބޯޅަ އާއިލާއަކީ ރަން މެޑަލް އަށް ނުނީ ފިކުރު ކުރާ ބައެއް ނޫނެވެ.

"އަޅުގަނޑުމެންނަކަށް މިއަދަކު ރިހި މެޑައްޔަކުން ފުއްދާލެވޭކަށް ނެތް. އަޅުގަނޑުމެންނަކީ ވަރަށް މަތީ އެމްބިޝަސް ޕްލޭޔަރުންތަކެއް ގެންގުޅޭ ބައެއް. އަދި އަޅުގަނޑުމެންގެ ކުޅިވަރަށް ލޯބިކުރާ މީހުންނަކީ، ހަގީިގަތުގައި ވެސް ގޯލްޑަކަށް ނޫނީ ފިކުރުކުރާ ބައެއް ނޫން،" ގައުމީ ޓީމުގެ ކުރީގެ ސެޓަރު ވިދާޅުވި އެވެ.

ވީއޭއެމްގެ ނައިބު ރައީސްކަން ވެސް ކުރިން ކުރެއްވި، ރަނޭ ވިދާޅުވީ އޭނާގެ ކުރިން އެސޯސިއޭޝަންގެ ރައީސްކަމުގައި ހުންނެވި މުހައްމަދު ލަތީފާއި މުހައްމަދު ރިޔާޒުގެ ދައުރުގައި މެޑަލް ހޯދައިފައި ވުމުން މެޑަލް ހޯދަން އޭނާ ކަނޑައަޅަން ޖެހޭ ޓާގެޓް ބޮޑު ކަމަށެވެ.

"އެހެންވީމަ އަޅުގަނޑަށް މިއޮތީ ވަރަށް ބޮޑު މަސައްކަތެއް،" ރަނޭ ވިދާޅުވި އެވެ.

އަޅުގަނޑުމެން މި ނުކުތީ ކުރާ ކަމެއް އެއްގޮތަކަށް ކޮށްގެން ތަފާތެއް ނުގެނެވޭނެ ކަމަށް ބަލައިގެން (އާ މޮޑެލްއަކަށް މަސައްކަތް ކުރަން)."

އަމާޒު ހިފާފައި ހުރީ "ހަނދަށް" ކަމަށް ސަމާސާ ރާގެއްގައި އޭނާ ވިދާޅުވި އެވެ.

"ހަނދަށް ބަޑި ޖެހީމަ އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑަށް ތަރިއެއް އަތުވާނެ ކަމަށް،" ރަނޭ ވިދާޅުވި އެވެ.

ވީއޭއެމުން ގެނައި ބިދޭސީ ކުޅުންތެރިން ޓީމުތަކަށް ހަމަޖެއްސުމަށް ފަހު އެކަމުގެ ލިޔުން، ނައިބު ރައީސް ފައިސަލް ނަސީމް ހަވާލުކޮށްދެއްވާއިރު އަރިހުގައި ރަނޭ. --- ފޮޓޯ: ވީއޭއެމް

ވީއޭއެމުން ގެނައި ބިދޭސީ ކުޅުންތެރިން ޓީމުތަކަށް ހަމަޖެއްސުމަށް ފަހު އެކަމުގެ ލިޔުން، ނައިބު ރައީސް ފައިސަލް ނަސީމް ހަވާލުކޮށްދެއްވާއިރު އަރިހުގައި ރަނޭ. --- ފޮޓޯ: ވީއޭއެމް

ރަނޭ، ރޭ ވެސް ވިދާޅުވީ އިންޓަނޭޝަނަލް ލެވަލްގެ ކުޅުންތެރިން ޑޮމެސްޓިކް ސީޒަނަށް ގެނެސްގެން ނޫނީ ގައުމީ ޓީމަށް ކާމިޔާބު ނުހޯދޭނެ ކަމަށް ވޮލީގެ ތަޖުރިބާކާރުން ގަބޫލުކުރާ ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކަށްވީ އަޅުގަނޑުމެން ކުރިމަތިލާ މުބާރާތްތަކުގައި އެ ކުޅޭ ފެންވަރުގެ ގިނަ މެޗުތަކެއް އަޅުގަނޑުމެންގެ ލޯކަލް ލީގުގައި ކުޅެން އެބަޖެހެޔޭ،" ރަނޭ ވިދާޅުވި އެވެ

އިންޑިއާގެ ގައުމީ ލީގުން ފާހަގަކުރެވުނު 18 ކުޅުންތެރިން ހަ ޓީމަށް (ކޮންމެ ޓީމަކަށް ތިން ކުޅުންތެރިން) ބަހާލައިގެން ކުރިއަށްގެންދާ މި ފަހަރުގެ ސީޒަންގައި 32 މެޗު ކުޅޭނެ އެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީނިއާ ޕައިލެޓެއްގެ މަގާމުގައި ވެސް ހުންނެވި ރަނޭ ވިދާޅުވީ ރާއްޖޭގެ ކުޅިވަރަކީ ހަމައެކަނި "ކުޅިވަރެއް" ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި އެއީ އިންވެސްޓްމެންޓެއް ކަމަށް ބަލަން ޖެހޭ ކަމަށް، ޗީބޯ ރެސްޓޯރެންޓުގެ އެއް ހިއްސާދާރު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެންގެ ކުޅިވަރު ވެސް ވިޔަފާރިއަކަށް ބަދަލުކޮށް ރިޓާން އޮފް އިންވެސްޓްމެންޓް އަންނަން ޖެހޭ ކަމަށް،" އޭނާ ވިދާޅުވި އެވެ.