Roadha Mihaaru
ވޮލީ މެޗުން ރަނޭ އަށް ފެނިވަޑައިގެންނެވި މަންޒަރު

ޕޮލިސް ކްލަބުގެ މެޗުން ރަނޭ އަށް ފެނިވަޑައިގެންނެވި މަންޒަރު

10 އޯގަސްޓް 2021

ޕޮލިސް ކްލަބުން އިއްޔެ އިންތިޒާމު ކުރި އެގްޒިބިޝަން މެޗުގެ ޝަރަފުވެރި މެހެމާނަކަށް، ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވަޑައިގެންނެވީ އެ ކްލަބުން ދިން ދައުވަތެއްގައި މެޗު ބައްލަވާލެއްވުމަށެވެ. ރަނޭ އަށް ލިބިވަޑައިގެންނެވީ މެޗު ބައްލަވާލެއްވުމުގެ ހިތްހަމަޖެހުން އެކަންޏެއް ނޫނެވެ. ދިވެހި ވޮލީ ބޯޅައިގެ ކުރިމަގުގެ ޖީލެއް އެ މެޗުން އޭނާ އަށް ފެނިވަޑައިގެންނެވި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޕޮލިސް ކްލަބުން އިއްޔެ އިންތިޒާމު ކުރި އެގްޒިބިޝަން މެޗުގެ ޝަރަފުވެރި މެހެމާނަކަށް، ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވަޑައިގެންނެވީ އެ ކްލަބުން ދިން ދައުވަތެއްގައި މެޗު ބައްލަވާލެއްވުމަށެވެ. ރަނޭ އަށް ލިބިވަޑައިގެންނެވީ މެޗު ބައްލަވާލެއްވުމުގެ ހިތްހަމަޖެހުން އެކަންޏެއް ނޫނެވެ. ދިވެހި ވޮލީ ބޯޅައިގެ ކުރިމަގުގެ ޖީލެއް އެ މެޗުން އޭނާ އަށް ފެނިވަޑައިގެންނެވި އެވެ.

"ވަރަށް ރަނގަޅު ޒުވާން ކުޅުންތެރިންތަކެއް ޕޮލިސް ކްލަބުގެ ޓީމުގައި އެބަތިބި. އެއީ ތިން އަހަރު ތެރޭ ރާއްޖޭގެ ސީނިއާ ޓީމުގައި ޑޮމިނޭޓް ކުރާނެ ފެންވަރުގެ ކުޅުންތެރިންތަކެއް،" ޕޮލިސް ކްލަބުގެ އެގްޒިބިޝަން މެޗުން ރަނޭ އަށް ފެނިވަޑައިގެންނެވި މަންޒަރު ހިއްސާ ކުރައްވައި ވިދާޅުވި އެވެ.

ހުޅުމާލޭ ވޮލީ ކޯޓުގައި ބޭއްވި މެޗުގައި ކުޅުނީ، ޕޮލިސް ކްލަބުގެ ވެޓަރަން ކުޅުންތެރިންނާއި އެ ކްލަބުގައި ހިމެނޭ ޒުވާން ކުޅުންތެރިންނެވެ. ޒުވާން ކުޅުންތެރިންގެ ޓީމުން ދެއްކި ކުޅުމުން ރަނޭ އަށް ހިތްހަމަޖެހުން ލިބިވަޑައިގެންނެވި، އެންމެ ބޮޑު ސަބަބަކީ ވީއޭއެމްގެ ރައީސް ކަމަށް ވަޑައިގަތުމަށް ފަހު އޭނާ ވެވަޑައިގެންނެވި އެއް ވައުދަށް މަގުފެހި ވެގެން ދިއުމުންނެވެ.

ޕޮލިސް ކްލަބުގެ މެޗުގެ ތެރެއިން

ޕޮލިސް ކްލަބުގެ މެޗުގެ ތެރެއިން

އުމުރުފުރާތަކުގެ ގައުމީ ޓީމުތަކުގެ އިތުރުން، ވޮލީގެ ޑެވްލޮޕްމެންޓް ސްކޮޑެއް އެކުލަވައިލެއްވުމަކީ ރަނޭގެ ވައުދެވެ. ޕޮލިސް ކްލަބުގެ މި ޒުވާން ޓީމަކީ ސީނިއާ ކެރިއާ ފަށާފައި ނެތް ކުޅުންތެރިންތަކެކެވެ.

"ސީނިއާ ކެރިއާ އަދި ނުފަށައި ނުވެ ތިބި ވަރަށް މޮޅު ކުދިންތަކެއް،" ރަނޭ ވިދާޅުވި އެވެ.

ޕޮލިސް ކްލަބު މެޗުން ފާހަގަ ކުރެވުނު ޒުވާން ކުޅުންތެރިންގެ ޓީމު، ރަނޭ ސިފަކުރެއްވީ ރާއްޖޭގެ ވޯޅީބޯޅައިގެ "ކްރީމް ޓެލެންޓްސްގެ" ގޮތުގަ އެވެ. ގިނަ ކުޅުންތެރިންތަކެއްގެ ތެރެއިން ފުރާނާލައިގެން ކްރީމް ކުޅުންތެރިން ހޯދަން ޕޮލިސް ކްލަބުން ކުރި މަސައްކަތަށް ތައުރީފެވެ. އެ ކުޅުންތެރިންގެ ފެންވަރު އިތުރަށް މަތި ކުރުމަށް، ދެމެހެއްޓެނިވި ގޮތެއްގައި ޓްރޭނިންތައް ކުރިއަށް ގެންދެވޭނެ ގޮތަށް ވީއޭއެމުން އިންތިޒާމް ހަމަޖައްސަވައި ދެއްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

"މާދަމާގެ ޖީލަށާއި ޒުވާން ހުނަރުވެރި ކުޅުންތެރިންނަށް އިންވެސްޓް ކުރުމަކީ ވަރަށް މުހިންމު ކަމެއް،" ފޭސްބުކްގައި ރަނޭ ލިޔުއްވާފައިވެ އެވެ. "އެންމެ މުހިންމު ކަމަކަށް ހަމައެކަނި އޮތް ކަމަކީ ހުނަރުވެރިން ކުޅުންތެރިން ހޯދުމެއް ނޫން. އެ ކުޅުންތެރިންނަށް އެހީވެ ދިނުން ވެސް އެއީ ވަރަށް މުހިންމު ކަމެއް."

ޕޮލިސް ކްލަބުގެ މެޗުގެ ތެރެއިން

ޕޮލިސް ކްލަބުގެ މެޗުގެ ތެރެއިން

ރާއްޖޭގެ ވޮލީ ބޯޅައިގެ އެންމެ އުހަށް އެ ކުޅުންތެރިން ގެންގޮސް ދިނުމުގައި އެހީ ވެދެވޭނެ ކޯޗުން ރާއްޖޭގެ ވޮލީބޯޅައިގެ ސިސްޓަމްގެ ތެރޭގައި ތިބޭނެކަން ރަނޭ ފާހަގަ ކުރެއްވި އެވެ.

ޑެވްލޮޕްމެންޓް ސްކޮޑެއް އެކުލަވާލުމުގެ މަސައްކަތް ރަނޭ އަންދާޒާ ކުރެއްވި ވަރަށް ވުރެ އަވަހަށް ހާސިލު ކުރެވޭނެ ކަމުގެ އުންމީދު އޭނާ އަށް މިހާރު ލިބިވަޑައިގެންފި އެވެ. ކޮވިޑް-19 އާ ގުޅިގެން ކުޅިވަަރުތައް ހުއްޓިފައިވާ ދަނޑިވަޅެއްގައި ވެސް އެ ފެންވަރުގެ ކުޅުންތެރިންތަކެއް ފެނިވަޑައިގެންނެވުމުން އޭނާ އަށް ލިބިވަޑައިގެންނެވި ހިތްހަމަޖެހުން ބޮޑެވެ.

"ހަގީގަތުގައި ވެސް ވަރަށް ރަނގަޅު މަސައްކަތެއް ޕޮލިސް ކްލަބުން ކޮށްފައި އެ އޮތީ،" އޭނާ ވިދާޅުވި އެވެ.