Roadha Mihaaru
ވީއޭއެމްގެ ރައީސަކަށް ރަނޭ

ވީއޭއެމްގެ ރައީސަކަށް ރަނޭ

01 އެޕްރީލް 2021

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީ.އޭ.އެމް)ގެ ރައީސްގެ މަގާމަށް މުހައްމަދު ރަނޭޝް (ރަނޭ) މިއަދު އިންތިހާބުވެވަޑައިގެންފި އެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީ.އޭ.އެމް)ގެ ރައީސްގެ މަގާމަށް މުހައްމަދު ރަނޭޝް (ރަނޭ) މިއަދު އިންތިހާބުވެވަޑައިގެންފި އެވެ.

ވީއޭއެމްގެ ނައިބު ރައީސް ކަމާއި ހަޒާންދާރުކަން ކުރިން ފުރުއްވާފައިވާ ރަނޭއާ މި އިންތިހާބުގައި ވާދަކުރެއްވީ ވީއޭއެމްގެ ކުރީގެ ނައިބު ރައީސް އިލްޔާސް ވަހީދު (އިއްލަ) އެވެ.

ފާއިތުވި ދެ އަހަރެއްހާ ދުވަހު ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި އޮތް ވީއޭއެމްގެ އިންތިހާބީ ކޮންގުރެސް މިއަދު ހަވީރު ސޯޝަލް ސެންޓަރުގައި ބޭއްވިއިރު، ރަނޭ ވަނީ ވޯޓުގައި ބައިވެރިވި ހަ ކްލަބުގެ ވޯޓު ވެސް ހޯދައިފަ އެވެ. އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު ނުވަ ކްލަބަކަށް ލިބުނު ނަމަވެސް، ވޯޓުގައި ތިން ކްލަބު ބައިވެރިއެއް ނުވެ އެވެ.

އިންތިހާބު ފެށުމުގެ ކުރިން ތިން ކްލަބެއް ވަނީ އިންތިހާބުގައި ރައީސް ކަމަށް ވާދަކުރި އިއްލައާއެކު ވޯޓުގައި ބައިވެރި ނުވެ، ހޯލް ދޫކޮށް ގޮސްފަ އެވެ. ވޯޓު ފެށުމުގެ ކުރިން އިއްލަ ކުރެއްވި ޝަކުވާ އަކީ އިންތިހާބުގައި ކުރިމަތިލުމުގެ މުއްދަތު ހަމަވުމަށް ފަހު ވެސް ބައެއް ފަރާތްތަކުގެ ކެނިޑެސީ ބަލައިގަތުމެވެ. އިންތިހާބުގައި ބައިވެރިވުމުގެ މުއްދަތު ހަމަވީ މިދިޔަ އަންގާރަ ދުވަހުގެ މެންދުރު 12 ޖެހިއިރު އެވެ.

އެހެން ނަމަވެސް، މުއްދަތު ހަމަވި ފަހުން ވެސް ކެނިޑެސީ ބަލައިގަތްކަމަށް ބުނެ، އެކަމާ ހިތްހަމަނުޖެހިގެން އިއްލައާއެކު ތިން ކްލަބެއް ވަނީ އިންތިހާބު ކުރިއަށް ދިޔަ ހޯލު ދޫކޮށް ގޮސްފަ އެވެ. އެހެންކަމުން މި އިންތިހާބު ރަނޭ ކާމިޔާބުކުރެއްވީ ހަ ވޯޓުންނެވެ.

ރާއްޖޭގެ ގައުމީ ޓީމާއި އެކި ކްލަބުތަކަށް ކުރިން ކުޅުއްވި ރަނޭ ވަނީ އެންމެ ފަހުން ވީއޭއެމްގެ ރައީސްކަން ކުރެއްވި މުހައްމަދު ލަތީފްގެ ލީޑަޝިޕްގެ ދަށުން ވީއޭއެމްގެ ނައިބު ރައީސް ކަމާއި ހަޒާންދާރުގެ މަގާމު ފުރުއްވައިފަ އެވެ. އެކަމަކު ފަހުން، އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ވީއޭއެމްގެ އިންތިހާބު ބޭއްވުމާއެކު، ފާއިތުވި ދެ އަހަރުގައި ދިމާވެފައިވާ މައްސަލަތަކަށް ވަނީ ހައްލު ލިބިފަ އެވެ.

ވީއޭއެމްގެ އިންތިހާބު މިއަދު ކުރިއަށް ގެންދިޔައީ އެ އެސޯސިއޭޝަން އަށް ދިމާވި މައްސަލަތައް ހައްލުކުރުމަށް، އެފްއައިވީބީން އުފެއްދި ހާއްސަ އެޑްހޮކް ކޮމެޓީގެ ބެލުމުގެ ދަށުންނެވެ. އަދި އެފްއައިވީބީ އާއި އޭވީސީ އާއި އަދި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީން ވަނީ މިއަދުގެ އިންތިހާބު މޮނިޓާކޮށްފަ އެވެ.

މި އިންތިހާބުގައި ވީއޭއެމްގެ ނައިބު ރައީސަކަށް އިންތިހާބުވީ ވޮލީބޯޅަައިގައި ގިނަ އަހަރުތަކެއް ހޯދައިފައިވާ އަލީ އަޝްރަފް (އަޝްރާ) އެވެ. އަދި ހަޒާންދާރަކަށް ހޮވުނީ މުހައްމަދު ރާމިޒް (ރާމްބެ) އެވެ. މީގެ އިތުރުން ރޫލްސް ކޮމިޝަނާއި، ޓެކްނިކަލް އެންޑް ޑިވެލޮޕްމަންޓް ކޮމިޝަން އަދި ބީޗް ވޮލީބޯލް ކޮމިޝަނަށް ވެސް ވަނީ މެމްބަރުން އިންތިހާބުކޮށްފަ އެވެ.

ވީއޭއެމްގެ އެގްޒެކުޓިވް ބޯޑާއި ކޮމިޝަންތަކަށް އިންތިހާބުވި މެމްބަރުން:

މުހައްމަދު ރަނޭޝް - ރައީސް

އަލީ އަޝްރަފް (އަޝްރާ) - ނައިބު ރައީސް

މުހައްމަދު ރާމިޒް (ރާމްބެ) - ހަޒާންދާރު

އަހްމަދު އަދީލް (ބޭބެ) - ރޫލްސް ކޮމިޝަން

މުހައްމަދު ހަމީދު - ރޫލްސް ކޮމިޝަން

މުހައްމަދު ޝަހާދު - ރޫލްސް ކޮމިޝަން

މުހައްމަދު ސާޖިދު (ކާއްޓޭ) - ޓެކްނިކަލް އެންޑް ޑިވެލޮޕްމަންޓް ކޮމިޝަން

އަހްމަދު ޝުއައިބު - ޓެކްނިކަލް އެންޑް ޑިވެލޮޕްމަންޓް ކޮމިޝަން

އަހްމަދު ސަލީމް (ކުނޑި ސަލީމް) - ޓެކްނިކަލް އެންޑް ޑިވެލޮޕްމަންޓް ކޮމިޝަން

އަބްދުﷲ ނަޝީދު (އަބުޅޯ) - ބީޗް ވޮލީބޯލް ކޮމިޝަން

އިސްމާއިލް ސަމާހް - ބީޗް ވޮލީބޯލް ކޮމިޝަން

އިސްމާއިލް ޝަރީފް - ބީޗް ވޮލީބޯލް ކޮމިޝަން

ހުސައިން ޝަރީފް - ބީޗް ވޮލީބޯލް ކޮމިޝަން

އަދުނާން އަބްދުލް ރަހީމް (ނާނު) - ބީޗް ވޮލީބޯލް ކޮމިޝަން